Roadha Mihaaru
ކާމިލް ދީދީ ސްކޫލަށް ބޮޑެތި ފާޑުކިޔުންތަކެއް!

ކާމިލް ދީދީ ސްކޫލް: 23 މިލިއަން ރުފިޔާގެ ސްކޫލަކީ މިއީތަ؟

04 ސެޕްޓެމްބަރ 2022

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ހުޅުވި ފުރަތަމަ ސްކޫލު، އަހުމަދު ކާމިލް ދީދީ ޕްރައިމަރީ ސްކޫލު މިއަދު ހުޅުވައި، އެތަން އާންމުންނަށް ފެނުމާ އެކު ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ހުޅުވި ފުރަތަމަ ސްކޫލު، އަހުމަދު ކާމިލް ދީދީ ޕްރައިމަރީ ސްކޫލު މިއަދު ހުޅުވައި، އެތަން އާންމުންނަށް ފެނުމާ އެކު ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެ އެވެ.

ޕްރީ ސްކޫލުން ފެށިގެން ގްރޭޑު 6 އާ ހަމައަށް ކިޔަވައިދޭ ސްކޫލު ޑިޒައިންކުރީ އެޗްޑީސީންނެވެ. އެ މަސައްކަތް މިދިޔަ މާޗު މަހު، އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކުރީ 165 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ޔޫކްރެއިނާއި ރަޝިޔާގެ ހަނގުރާމައާ ގުޅިގެން ލަސްވެގެންދިޔައީ އެވެ. މި ސްކޫލަށް ހަރަދުކުރީ ވެސް އެޗްޑީސީންނެވެ.

ނަމަވެސް ފަހުން އެޑިއުކޭޝަން މިނިސްޓްރީގެ ވިސްނުން ބަދަލުވެ، އެއް ކޮށީގައި ހަދަމުން ދިޔަ ޕްރީ ސްކޫލުގެ ދެ އިމާރާތުން އެއް ތަން ވަނީ ޕްރައިމަރީ ސްކޫލަށް ބަދަލުކޮށްފަ އެވެ. އަނެއް ފަޅީގައި ހަދާ ޕްރީ ސްކޫލު އަންނަ މަހު ނިމޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެނގިފައިވާ ގޮތުގައި އެ ދެ ސްކޫލު ހަދަން 23 މިލިއަން ރުފިޔާ ހަރަދުކުރި އެވެ.

ކާމިލް ދީދީ ޕްރައިމަރީ ސްކޫލުގެ ޑިޒައިން.

އެކަމަކު، ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގްރޭޑު 6 އާ ހަމައަށް ކިޔަވައިދޭ ސްކޫލުން 824 ދަރިވަރުންނަށް ޖާގަ ދީ، ނައިބު ރައީސް ފައިސަލް ނަސީމް ހުޅުވައިދެއްވި ސްކޫލުގެ ޑިޒައިނާ ގުޅޭގޮތުން ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ އެއް ކަމަކީ ވަގުތީ އިމާރާތްތައް ހަދާ ގޮތަށް، އެތަން ޓިނުން ހަދާފައި ހުރުމުންނެވެ.

އެ ސްކޫލު ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވި މީހަކު ބުނީ އެ އިމާރާތުގައި ސްކޫލެއްގެ އެއްވެސް ސިފައެއް ނުޖަހާ ކަމަށެވެ.

"ވަގުތީ މިސްކިތްތައް ހުންނަގޮތަށް ސްކޫލެއް މި ހެދީ. ބޮޑު ހަރަދެއް ކޮށްގެން ހަދާއިރު މިއަށްވުރެ ރަނގަޅަށް ހުންނަން ޖެހޭނީ،" އޭނާ ބުންޏެވެ.

ނައިބް ރައީސް ފައިސަލް ނަސީމް ކާމިލް ދީދީ ޕްރައިމަރީ ސްކޫލް ރަސްމީކޮށް ހުޅުވައިދެއްވާއިރު، އެ މަނިކުފާނުގެ އަރިހުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މަޑުކޮށްލައްވައިގެން-- ފޮޓޯ؛ ފަޔާޒު މޫސާ | މިހާރު

ނައިބް ރައީސް ފައިސަލް ނަސީމް ކާމިލް ދީދީ ޕްރައިމަރީ ސްކޫލް ރަސްމީކޮށް ހުޅުވައިދެއްވާއިރު، އެ މަނިކުފާނުގެ އަރިހުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މަޑުކޮށްލައްވައިގެން-- ފޮޓޯ؛ ފަޔާޒު މޫސާ | މިހާރު

އެ ތަނުގެ ދެ ފަރާތުގައި 12 ކްލާސްރޫމް ހުރިއިރު، މެދުގައި އޮތީ ދަރިވަރުން ކުޅޭނެ ހުސް ބިމެކެވެ. ކްލާސްރޫމުތަކުގެ ޖާގަ ބޮޑުވިޔަސް، ސްކޫލުގެ ބޮޑުބައި ނިންމާފައި ހުރީ ޓިނުންނެވެ.

އެކަމަށް ފާޑުކިޔައި، ހުސެއިން ފިރުދައުސް ނަމަކަށް ކިޔާ މީހަކު ކުރި ޓްވީޓެއްގައި ވަނީ އެއީ ސްކޫލެއް ހެދޭނެ އެންމެ ރަނގަޅު ގޮތްތޯ ސުވާލު އުފައްދައިފަ އެވެ.

"ކުޑަ ބިންކޮޅެއްގައި އެއަށްވުރެ ރަނގަޅަށް ސްކޫލެއް ހެދެން އޮތްއިރު، މިހާރު އެ އޮތީ ބިމުގެ ނާޖައިޒް ފައިދާ ނަގާފައި،" ފިރުދައުސްގެ ސުވާލަށް ޖަވާބު ދެމުން، އަހުމަދު ޒިޔާން ނަމަކަށް ކިޔާ މީހަކު ދިން ޖަވާބުގައި ބުންޏެވެ.

ފިރާޝް ކުރި ޓްވީޓެއްގައި ބުނީ ސްކޫލު އިމާރާތް ފެނުމުން އޭނާ ހީކުރީ ކޮންސްޓްރަކްޝަން ސައިޓެއްގެ އެކޮމޮޑޭޝަން ބްލޮކެއް ކަމަށެވެ.

ސްކޫލު ހުޅުވުމަށް ރާއްޖެ ޓީވީން ފޭސްބުކްގައި ކުރި ލައިވްގައި ވެސް ވަރަށް ގިނަ މީހުން ވަނީ ފާޑު ކިޔައިފަ އެވެ.

އެކަކު ކުރި ކޮމެންޓެއްގައި ބުނީ، ބިން އޮތް ތަނެއްގައި "ވަގުތީ ސްކޫލެއް" އަޅައިގެން ހުޅުވުމުގެ ބޭނުމެއް ނެތް ކަމަށެވެ.

އޭނާ ބުނީ އިންތިހާބު ކައިރިވާތީ ތެޅި ފޮޅެނީ ކަމަށެވެ. ފޭސް ދޭއްގައި އެއަށްވުރެ ރަނގަޅު ފެންވަރުގެ ސްކޫލެއް އަޅަންޖެހޭ ކަމަށް ކޮމެންޓްކުރި މީހަކު ބުނެފައިވެ އެވެ.

އެހެން މީހަކު އެ ސްކޫލު ސިފަކުރީ "ބަކަރި ކޮއްޓެއް"ގެ ގޮތުގަ އެވެ.

ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި އިމާރާތްކުރި ފުރަތަމަ ސްކޫލުގެ ބޭރު-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި އިމާރާތްކުރި ފުރަތަމަ ސްކޫލުގެ ބޭރު-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ އެ ސްކޫލު ހުޅުވުމުން ދެ ވަނަ ފިޔަވަހީގައި އުޅޭ މީހުންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

"މާ ދުރުގައި ހުރި ސްކޫލަކަށް ދަރިފުޅު ގެންދިއުމުގެ ބަދަލުގައި ހިނގާލާފައި މަދު މިނެޓު ކޮޅަކުން ދަރިފުޅު މިހާރު ސްކޫލަށް ލެވޭނެ. ދަރިފުޅު ބަހަށް ލާފައި އެކަނި ފޮނުވާލަން ފަސްޖެހޭ ބެލެނިވެރިންނަށް ގޭ ބެލްކަނީގައި ހުރެ ދަރިފުޅު ސްކޫލަށް ވަންނަ މަންޒަރު ބަލައިލެވޭނެ،" ނައިބު ރައީސް ފައިސަލް ނަސީމް ޝަރަފުވެރިކޮށްދެއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވި އެވެ.

މި ފާޑުކިޔުންތަކާ ގުޅިގެން އެޗްޑީސީގެ ކޮމެންޓެއް އަދި ނުލިބެ އެވެ.

ބޮޑު ހަރަދެއް ކޮށްގެން ހެދި ސްކޫލަށް ފާޑުކިޔުންތައް އަމާޒުވި ނަމަވެސް، ސަރުކާރުން މިހާރު އިމާރާތްކުރަމުން އަންނަ ސްކޫލުގެ ޑިޒައިންތައް ފުރިހަމަ އެވެ. ދަރުމަވަންތަ ސްކޫލަކީ އޭގެ އެއް ތަނެވެ.