Roadha Mihaaru
މާފަންނު ސަހަރާ ހުސްކޮށް ޕާކިން ޒޯނެއް ހަދަނީ

މާފަންނު ސަހަރާ ހުސްކޮށް ޕާކިން ޒޯނެއް ހަދަނީ

04 ސެޕްޓެމްބަރ 2022

ޕާކިން ޒޯންތައް ހަދަން ބިން ހަމަޖައްސައިދޭން މާލޭ ސިޓީ ކައުންސިލުން ސަރުކާރުގައި އެދުމުން އެކަމަށް ކަނޑައަޅައިދިން ބިންތަކުުގެ ތެރޭގައި މާފަންނު ސަހަރާ ހިމެނޭ ކަމަށާއި ބިން ހަވާލުކުރުމުން އެތަނުގައި ޕާކިން ޒޯނެއް ހަދާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ޕާކިން ޒޯންތައް ހަދަން ބިން ހަމަޖައްސައިދޭން މާލޭ ސިޓީ ކައުންސިލުން ސަރުކާރުގައި އެދުމުން އެކަމަށް ކަނޑައަޅައިދިން ބިންތަކުުގެ ތެރޭގައި މާފަންނު ސަހަރާ ހިމެނޭ ކަމަށާއި ބިން ހަވާލުކުރުމުން އެތަނުގައި ޕާކިން ޒޯނެއް ހަދާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

މާލޭ ސިޓީ ކައުންސިލްގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ، ޕާކިން ޒޯން ހަދަން ރައީސް އޮފީހުން ކަނޑައެޅި ބިންތަކުގެ ތެރޭގައި މާފަންނު ސަހަރާގެ ބިން ހިމެނުނަސް އެތަން ހުސްކޮށް ކައުންސިލާ އަދި ހަވާލު ނުކުރާ ކަމަށެވެ.

"ޕާކިން ހަދަން އެ ބިން ހުސްކޮށް، އަދި އެއީ ސަހަރާއެއް ވީމަ އިސްލާމީ ހަމަތަކުގެ މަތިން އެތަން ހުސްކޮށް ކައުންސިލާ ހަވާލުކުރާނީ ދައުލަތުން. އެ ބިން ހުސްކުރުމަކީ ކައުންސިލުގެ ޒިންމާއެއް ނޫން. ސަރުކާރުން ބިން ހުސްކޮށްފައި ދިނީމާ ކައުންސިލުން އެތަނުގައި ޕާކިން ޒޯން ހަދައިދޭނީ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މާދަމާ މާލޭގައި މިނީ ބަހުގެ ހިދުމަތް ފަށާތީ، ރައީސް އޮފީހުން އެދިފައިވާ ގޮތަށް މާފަންނު ސަހަރާގެ ބިން ކައުންސިލާ ހަވާލުކޮށްދިނުމަށް އިސްލާމިކް މިނިސްޓްރީގައި ސިޓީއަކުން އެދިފައިވާ ކަމަށާއި އެ ބިން ހަވާލުކުރާނީ އިސްލާމީ ހަމަތަކުގެ މަތިން ފުރިހަމަކުރަން ޖެހޭ ކަންކަމަށް ބެލުމަށް ފަހުގައި ކަމަށް، އެ ސިޓީގެ ޖަވާބުގައި މިނިސްޓްރީން ބުނެފައިވާ ކަމަށެވެ.

މާފަންނު ސަހަރާގެ ބައެއް ނަގައި ކުރިން ހެދި ޕާކިން ޒޯން -- ފޮޓޯ: މިހާރު

މާފަންނު ސަހަރާގެ ބައެއް ނަގައި ކުރިން ހެދި ޕާކިން ޒޯން -- ފޮޓޯ: މިހާރު

މާފަންފު ސަހަރާ އަކީ މީހުން ވަޅު ނުލާތާ ވަރަށް ގިނަ ދުވަސް ވެފައިވާ ތަނެކެވެ. އެ ސަހަރާގެ ހުޅަނގު ފަރާތުގައި މަޖީދީމަގަށް ވާ ގޮތަށް މިހާރު ވެސް ޕާކިން ޒޯނެއް އޮތީ ހަދައިފަ އެވެ. ކުރީގެ ސިޓީ ކައުންސިލުން އެތަނުގައި ޕާކިން ޒޯން ހެދީ ވެސް ބައެއް ގަބުރުތައް ނަގައި، އެތަން ހުސްކުރުމަށް ފަހު އެވެ.

އެކަމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ.

މާދަމާ މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަށް، މަޖީދީމަގު ހިމެނޭ ގޮތަށް ބޮޑެތި ބައެއް މަގުތަކުގައި ވެހިކަލް ޕާކު ނުކުރެވޭ ގޮތް ހަދައިފައިވެ އެވެ. އެކަމުގެ ސަބަބުން، ހަނި މަގުތަކާއި ގޯޅިތަކުގައި ޕާކިންގެ މައްސަލަ ބޮޑުވެ އާންމުންގެ ޝަކުވާ ވެސް ބޮޑުވެފައިވެ އެެވެ.