Roadha Mihaaru
ވަކީލު ހުތުބާއެއް ވިދާޅުވަނީހެން ހީވޭ: ގާޒީ ހައިލަމް

ވަކީލު ބަޔާން ވިދާޅުވާ ގޮތުން ހުތުބާއެއް ވިދާޅުވަނީހެން ހީވޭ: ގާޒީ ހައިލަމް

25 ސެޕްޓެމްބަރ 2019

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހިންގާ މަނީ ލޯންޑަރިންގެ ދައުވާގެ މިއަދު އަޑުއެހުމުގައި ޔާމީންގެ ވަކީލް އާދަމް އާސިފް ބަޔާން ހުށަހެޅުއްވި އިރު ގެންގުޅުއްވި ރާގުގެ ގޮތުން، ޚުތުބާއެއް ދެއްވަނީހެއް ވެސް ބައެއް ފަހަރު ހީވާ ކަމަށް ވިދާޅުވެ އެ ރާގު ބަދަލުކުރެއްވުމަށް އިސް ގާޒީ އަހްމަދު ހައިލަމް އަންގަވައިފި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހިންގާ މަނީ ލޯންޑަރިންގެ ދައުވާގެ މިއަދު އަޑުއެހުމުގައި ޔާމީންގެ ވަކީލް އާދަމް އާސިފް ބަޔާން ހުށަހެޅުއްވި އިރު ގެންގުޅުއްވި ރާގުގެ ގޮތުން، ޚުތުބާއެއް ދެއްވަނީހެއް ވެސް ބައެއް ފަހަރު ހީވާ ކަމަށް ވިދާޅުވެ އެ ރާގު ބަދަލުކުރެއްވުމަށް އިސް ގާޒީ އަހްމަދު ހައިލަމް އަންގަވައިފި އެވެ.

ޔާމީންގެ މައްޗަށް ކުށް ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ކިތާބީ ހެއްކާ ބެހޭ ގޮތުން ޔާމީންގެ ފަރާތުން ބަޔާން ހުށަހަޅުއްވަން ފެއްޓެވީ ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަލީ ޝާހެވެ. ނަމަވެސް ބަޔާން ދިގުކަމުން ވަކި ހިސާބަކުން އާސިފަށް ހަވާލުކުރެއްވި އެވެ.

އާސިފް ވާހަކަ ދައްކަވަމުން، ބަޔާނުގައި އޮތް ގޮތާ ކުޑަކޮށް ތަފާތު ވެދާނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ރާގެއް ލާފައި ބަޔާން ކުރިއަށް ގެންދަވާތާ އިރުކޮޅެއް ފަހުން ގާޒީ ހައިލަމް ވަނީ އެކަން ހުއްޓުވައިފަ އެވެ. ބަޔާން ހުށަހަޅުއްވާ ގޮތުން ބައެއް ފަހަރު ޚުތުބާއެއް ވިދާޅުވަނީހެން އަދި ޑްރާމާއެއް ކުޅުއްވާހެން ހީވާ ކަމަށް ގާޒީ ވިދާޅުވި އެވެ.

"ވަކީލް ތަންކޮޅެއް ރަނގަޅަށް ބަޔާން ވިދާޅުވެ ދެއްވާ. ވަކީލަކީ އަލަށް ވަޑައިގަންނަވާ ބޭފުޅެއް ނޫނެއްނޫންތޯ؟. ޚުތުބާއެއް ވިދާޅުވަނީއެއް ނޫންތޯ؟" ހައިލަމް ވިދާޅުވި އެވެ.

ޔާމީންގެ އަނެއް ވަކީލް ޝާހު އާއި ދައުލަތުގެ ވަކީލް ކުރިން ވާހަކަ ދެއްކެވި ގޮތަށް އިޝާރާތްކުރައްވައި، ހައިލް ވަނީ އެގޮތަށް ވާހަކަ ދެއްކެވުމަށް އެދިވަޑައިގެންފަ އެވެ.

ގާޒީ މިހެން ވިދާޅުވުމުން، އާސިފް ވަނީ އެއީ އޭނާގެ އަޑު ހުންނަ ގޮތުން ކަމަށާއި އަޑު "ދަށްކުރާނެ" ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ގާޒީ ވިދާޅުވީ އަޑުގެ މައްސަލައެއް ފާހަގަ ނުކުރައްވާ ކަމަށާއި އެއީ ރާގުގެ މައްސަލަ ކަމަށެވެ.

"ރާގު ވެސް ތިޔަ ގެންގުޅުއްވާ ގޮތާއި، ޚުތުބާއެއް ވިދާޅުވަނީހެއް ވެސް ބައެއް ފަހަރު ހީވާނެ. އެހެން ނޫނީ ޑްރާމާއެއް ކުޅުއްވާހެން ވެސް ހީވާނެ،" ގާޒީ ވިދާޅުވި އެވެ.

ގާޒީ ވިދާޅުވީ އާސިފަކީ އަލަށް ކޯޓަށް ވަޑައިގަންނަވާ ބޭފުޅެއް ނޫން ކަމަށާއި މީގެ ކުރިން ވެސް ހުލާސާ ބަޔާންތައް ހުށަހަޅުއްވާކަން ފާހަގަކުރައްވައިފަ އެވެ.

ގާޒީ މިގޮތަށް ވިދާޅުވުމުން އާސިފް ވަނީ މާފަށް އެދިވަޑައިގެން، އާދައިގެ ގޮތަކަށް ބަޔާން ކުރިއަށް ގެންދަވައިފަ އެވެ.

މީގެ ކުރީގެ އަޑުއެހުންތަކުގައި ވެސް އާސިފް ވާހަކަ ދެއްކެވި އިރު، މައްސަލައިގެ ބޭރުން އެކި ވާހަކަތައް ދައްކަވައި، މަޖާ ގޮތްގޮތަށް ބައެއް އެއްޗެހި ވިދާޅުވާން މަސައްކަތްކުރެއްވި އެވެ.