Roadha Mihaaru
ހާއްސަ ހުއްދަ އޮތްނަމަ އެގްޒާމް ނުހެދުން ރަނގަޅު

ވަކީލުކަމުގެ ހާއްސަ ހުއްދަ އޮތް މީހުން ބާ އިމްތިހާނު ހަދަން ނުޖެހޭ ގޮތަށް ހަދަން ބާ ކައުންސިލް ތާއީދު

05 ސެޕްޓެމްބަރ 2022

ގާނޫނީ ވަކީލުކަމުގެ ހާއްސަ ހުއްދަ 2020 ވަނަ އަހަރު ދީފައިވާ މީހުން ބާ އިމްތިހާނު ހަދަން ނުޖެހޭ ގޮތަށް ހަމަޖައްސަން ބާ ކައުންސިލުން މިއަދު ތާއީދުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ގާނޫނީ ވަކީލުކަމުގެ ހާއްސަ ހުއްދަ 2020 ވަނަ އަހަރު ދީފައިވާ މީހުން ބާ އިމްތިހާނު ހަދަން ނުޖެހޭ ގޮތަށް ހަމަޖައްސަން ބާ ކައުންސިލުން މިއަދު ތާއީދުކޮށްފި އެވެ.

ގާނޫނީ ފަންނުގެ ގާނޫނަށް 2020 ވަނަ އަހަރު ގެނައި އިސްލާހެއްގެ ދަށުން ބާ އިމްތިހާނެއް ބޭއްވެންދެން އެހާތަނަށް ކިޔަވައި ނިމިފައި ތިބި މީހުންނަށް ހާއްސަކޮށް ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް ފަހު ވަކީލުކަމުގެ ހާއްސަ ހުއްދަ ދިނެވެ. އެކަމަކު އެންމެ ފުރަތަމަ ބާއްވާ ބާ އިމްތިހާނުގައި އެ މީހުން ބައިވެރިވުން މިހާރު ލާޒިމްވެ އެވެ.

ގާނޫނުގެ އެ މާއްދާ އުނިކޮށް، އެ މީހުން ބާ އިމްތިހާނު ހަދަން ނުޖެހޭ ގޮތަށް މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް އޮތީ ބިލެއް ހުށަހަޅުއްވައިފަ އެވެ.

ރާއްޖޭގެ ފުރަތަމަ ބާ އިމްތިހާނު އަންނަ ނޮވެމްބަރު މަހު ބާއްވަން ތައްޔާރުވަމުން ދަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި މިއަދު ވާހަކަ ދައްކަވަމުން ބާ ކައުންސިލްގެ ރައީސް އިސްމާއިލް ވިޝާމް ވިދާޅުވީ ޚާއްސަ ހުއްދަ ދޫކުރަން ގާނޫނަށް ގެނައި އިސްލާހު އެންމެ ފުރިހަމައަށް ތަންފީޒު ކުރެވޭނީ ހާއްސަ ހުއްދަ އޮތް މީހުން ބާ އިމްތިހާން ހަދަން ނުޖެހޭ ގޮތަށް ހެދުމުން ކަމަށެވެ.

ވިޝާމް ވިދާޅުވީ ގާނޫނަށް އިސްލާހު ގެނެސްގެން ހާއްސަ ހުއްދައެއް ބަޔަކަށް ދޫކުރީ ބާ އިމްތިހާނެއް އޭރު ތައްޔާރު ކުރެވިފައި ނެތުމުން ކަމަށާއި އެކަމަކު މިހާރު ހާލަތު ތަފާތުވެ، ބައިނަލްއަގްވާމީ ފެންވަރުގެ އިމްތިހާނަކަށް ތައްޔާރުވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ވިޝާމް ވިދާޅުވި ގޮތުގައި އެކަމާ މެދު މަޖިލީހުން ކޮންމެ ގޮތަކަށް ނިންމިޔަސް، އަންނަ މަހުގެ 20 ވަނަ ދުވަހުގެ ކުރިން ގޮތެއް ނިންމައިދޭން އެދިވަޑައިގަންނަވާ ކަމަށެވެ. އެއީ ބާ އިމްތިހާނަށް ރަޖިސްޓްރީވުމުގެ ފުރުސަތު އެންމެ ފަހު ދުވަހެވެ.

ބާ އިމްތިހާނަށް 10،000ރ. ފީއެއް ނަގަން ނިންމާފައިވާތީ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް ބާ ކައުންސިލުން މިހާރު ވަނީ އެ ފީ 6،500ރ. އަށް ކުޑަކޮށްފަ އެވެ. އެކަމާ ގުޅިގެން ވިޝާމް ވިދާޅުވީ އެ ފީ ކުޑަކުރީ ބާ ކައުންސިލުން ރާވާފައި ހުރި ވަރަށް ގިނަ ހަރަކާތްތަކެއް މަޑުޖައްސާލުމަށްފަހު ކަމަށެވެ.

ވިޝާމް ވިދާޅުވި ގޮތުގައި ބާ ކައުންސިލަށް ފައިސާ ހޯދޭނެ ނިޒާމަކާއި ވަކީލުން ފުރިހަމަ ކުރަންޖެހޭ އެއް އަހަރުގެ ތަމްރީނު ޕްރޮގްރާމާ ބެހޭ ބައެއް އިސްލާހުތަކެއް ގާނޫނުގައި ހިމެނުމަށް އެޓާނީ ޖެނެރަލްގެ އޮފީހަށް މިއަދު ފޮނުވާފައިވާ ކަމަށެވެ. އަދި އެ އިސްލާހުތައް ވަރަށް އަވަހަށް މަޖިލީހަށް ފޮނުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.