Roadha Mihaaru
"ލިސްޓުގައި ބިދޭސީ މީހާގެ ނަން އޮތީ އޮޅުމަކުން"

ގޯއްޗަށް ޝަރުތު ހަމަވާ ލިސްޓުގައި އިންޑިއާ މީހާގެ ނަން އޮތީ އޮޅުމަކުން: އަސްލަމް

28 ޖޫން 2023

ސަރުކާރުން އިއުލާންކުރި މާލެ ސަރަހައްދުން ގޯތި ލިބޭ މީހުންގެ ލިސްޓުގައި ވަރަށް ފަހުން ރާއްޖޭގެ ރަށްވެހިކަން ލިބުނު އިންޑިއާގެ ރައްޔިތެއްގެ ނަން އޮތީ އޮޅުމަކުން ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ސަރުކާރުން އިއުލާންކުރި މާލެ ސަރަހައްދުން ގޯތި ލިބޭ މީހުންގެ ލިސްޓުގައި ވަރަށް ފަހުން ރާއްޖޭގެ ރަށްވެހިކަން ލިބުނު އިންޑިއާގެ ރައްޔިތެއްގެ ނަން އޮތީ އޮޅުމަކުން ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

މާލެ ސަރަހައްދުން ހިލޭ ބިން ދޫކުރާ "ބިންވެރިޔާ" ލިސްޓުން ގޯތި ލިބިފައި ވަނީ މއ. މަލިކުވިއު، ހަބީބު ރަހިމާން މުހައްމަދު ހަނީފާ، 46، އަށެވެ. އެނގިފައިވާ ގޮތުގައި އޭނާ އަކީ ދިވެއްސަކާ ކައިވެނި ކޮށްގެން އުޅޭ އިންޑިއާ ރައްޔިތެކެވެ. އޭނާ ރަށްވެހިކަން ހޯދާފައި ވަނީ 2019 ވަނަ އަހަރު އެވެ. އަދި ދިވެހި އައިޑީކާޑާއި ޕާސްޕޯޓެއް ވެސް އޮވެ އެވެ. އަދި އޭނާއަކީ މާލޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ މީހެކެވެ.

މާލެ ސަރަހައްދުން ހިލޭ ބިން ދޫކުރާ "ބިންވެރިޔާ" ލިސްޓުގައި ބުނާ ގޮތުން އޭނާ އަށް ގޯތި ލިބުމުގެ ޝަރުތު ހަމަވެ އެވެ. އެކަނި ކުރިމަތިލައިގެން އޭނާ އަށް ވަނީ 62 ޕޮއިންޓު ލިބިފަ އެވެ. އަދި ގުޅިގެން ހުށަހަޅައިފިނަމަ ގޯތި ލިބުމުގެ ފުރުސަތު އޮތް ކަމަށް އެ ލިސްޓުގައި ބުނެފައިވެ އެވެ.

އެކަމާ ގުޅިގެން ސަރުކާރަށް ގިނަ ފާޑުކިޔުންތައް އަމާޒުވަމުންދާއިރު، މިނިސްޓަރު އަސްލަމް "މިހާރު" އަށް ވިދާޅުވީ ރާއްޖޭގައި އުޅޭ ބިދޭސީއެއްގެ ނަން ލިސްޓުގައި އޮތް މައްސަލަ ކޮމިޓީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެކަން އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބެލީ ޑީއެންއާރުގެ ސިސްޓަމަށް، އޭގައި އޭނާއަކީ މީގެ ކުރިން އެހެން ގައުމެއްގައި ރެޖިސްޓަރީވެފައި އޮތް މީހެއް ވީމާ އެކަން ސިސްޓަމުން ނުނަގާ އިނީ. އެކަން ސަމާލުކަމަށް އައީމަ އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުން އެ ދަނީ،" އަސްލަމް ވިދާޅުވި އެވެ.

މިހާރު ނެރެފައިވަނީ ވަގުތީ ލިސްޓެއްކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވީ މި ލިސްޓުގެ ބޭނުމަކީ ވެސް ޝަކުވާ ހުށަހެޅުން ކަމަށާއި ދާއިމީ ލިސްޓް އަންނައިރު އެ ކަންކަން އިސްލާހު ވާނެ ކަމަށެވެ.

ބިންވެރިޔާ މަޝްރޫއުގެ ދަށުން ގޯތި ލިބޭ ހޯދުމަށް 15،164 ފޯމް ހުށަހެޅި އެވެ. އޭގެ ތެރޭގައި ސިންގަލް އެޕްލިކަންޓް އާއި އެކި މީހުން ގުޅިގެން ޖުމްލަ 23،088 މީހުން ހިމެނޭ ގޮތަށް ފޯމް ހުށަހެޅި އެވެ. އެތަނުން ޝަރުތު ހަމަވީ 12،794 ފޯމެވެ. އެއީ 19،857 މީހުންނެވެ.

ހައުސިން މިނިސްޓްރީން ވަނީ ގޯތި ލިސްޓަށް ޝަކުވާ ހުށަހެޅުމަށް އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ފުރުސަތު ހުޅުވާލައިފަ އެވެ.