Roadha Mihaaru
މާލެ ސަރަހައްދުން ގޯތިދިނީ އިންތިހާބަށް ނުފޫޒު ފޯރުވަން

މާލެ ސަރަހައްދުން ގޯތި ދިނީ އިންތިހާބަށް ނުފޫޒު ފޯރުވަން: ޕީޕީއެމް

27 ޖޫން 2023

ހައްގުވާ ފަރާތެއް ބެލުމެއް ނެތި މާލެ ސަރަހައްދުން ބިން ދިނީ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވަން ކަމަށް އިދިކޮޅު ކޯލިޝަނުން ރޭ ތުހުމަތުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހައްގުވާ ފަރާތެއް ބެލުމެއް ނެތި މާލެ ސަރަހައްދުން ބިން ދިނީ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވަން ކަމަށް އިދިކޮޅު ކޯލިޝަނުން ރޭ ތުހުމަތުކޮށްފި އެވެ.

ގެދޮރުވެރިޔާ އާއި ބިންވެރިޔާ މަޝްރޫއުގެ ދަށުން ގޯތި ލިބޭ މީހުންގެ ލިސްޓު އިއްޔެ އާއްމުކުރުމުން، ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނީ މާލެ ސަރަހައްދުން ބިން އެންމެ ހައްގުވާ މީހުން ބެލުމެއް ނެތި އިންތިހާބަށް 75 ދުވަހަށް ވުރެ ގާތްވެފައިވަނިކޮށް އެ ބިން ނަހަމަ ގޮތުގައި ބަހާލުމުން ކަންބޮޑުވާ ކަމަށެވެ.

އެއީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ހިންގި ސިޔާސީ އަމަލެއް ކަމަށް ކަމަށާއި އެތައް ދިވެހިންނެއް ބާކީކޮށް، ގާތް އެކުވެރިންނާއި ސަރުކާރުގެ ބޮޑުންނަށް ބިން ބަހާލުމާއި ނުހިއްކާ ސަރަހައްދުތަކުން ގޯތި ހަމަޖައްސައިދީ ރައްޔިތުންނަށް އޮޅުވާލުމަށް ހިންގާފައިވާ ޖަރީމާތައް އޭސީސީ އަދި ކަމާބެހޭ އިދާރާތަކުން ބެލުމަށް ވެސް ގޮވާލާފައިވެ އެވެ.

ބިންވެރިޔާ މަޝްރޫއުގެ ދަށުން ގޯތި ލިބޭ ހޯދުމަށް 15،164 ފޯމް ހުށަހެޅި އެވެ. އޭގެ ތެރޭގައި ސިންގަލް އެޕްލިކަންޓް އާއި އެކި މީހުން ގުޅިގެން ޖުމްލަ 23،088 މީހުން ހިމެނޭ ގޮތަށް ފޯމް ހުށަހެޅި އެވެ. އެތަނުން ޝަރުތު ހަމަވީ 12،794 ފޯމެވެ. އެއީ 19،857 މީހުންނެވެ.

ޕްލޭނިން މިނިސްޓްރީން 10،314 މީހަކަށް ލިބޭ ގޯތި އިއްޔެ އާއްމުކުރިއިރު، އޭގެ ތެރޭގައި މި ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ މަޖިލިސް މެމްބަރުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ބަޔާނުގައި ބުނީ ގޯތި ބެހުމުގައި އެއްވެސް އިންސާފުވެރިކަމެއް ނެތްއިރު މި ސަރުކާރުގެ 20،000 ފްލެޓްގެ ވައުދު ފުއްދުމަށް ކުރެވުނު މަސައްކަތެއް ވެސް ނެތް ކަމަށެވެ. އޭގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެށި ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރޭގައި ހިމެނޭ އެތައް ފްލެޓެއް ހުސްކޮށް، އެއްވެސް މީހަކަށް ނުދީ އެ ތަންތަން ނިންމުމަށް ވެސް އެއްވެސް މަސައްކަތެއް ނުކޮށް ހުރިކަމަށް ވެސް، އިދިކޮޅު ކޯލިޝަންގެ ބަޔާނުގައި ބުނެ އެވެ.

"ބޯހިޔާވަހިކަމުގެ ބޭނުންޖެހިފައިވާ ދިވެހި ކޮންމެ ރައްޔިތަކަށްވެސް މާލޭ ސަރަހައްދުން ބޯހިޔާވަހިކަން ލިބޭނޭ އިންތިޒާމު ހަމަޖައްސަވައިދެއްވުމަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސިޔާސަތެކެވެ. އަދި އެ މަނިކުފާނުގެ 2018 ވަނަ އަހަރުގެ ރިޔާސީ ވައުދެއްވެސްމެ އެވެ. މާތްﷲގެ ތަނަވަސް ރަހުމަތްފުޅުން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމެއް މިންވަރުފުޅު ކުރައްވައިފިނަމަ އެ މަނިކުފާނުގެ ސިޔާސަތު ތަންފީޒު ކުރައްވާ ބޯހިޔާވަހިކަމުގެ ބޭނުންޖެހިފައިވާ ދިވެހި ކޮންމެ ރައްޔިތަކަށް ވެސް މާލޭ ސަރަހައްދުން ބޯހިޔާވަހިކަން ހަމަޖެހިގެން ދާނެ ކަމުގެ ޔަގީންކަން މި ފުރުސަތުގައި ދިވެހި ރައްޔިތުންނަށް އަރުވަމެވެ." ބަޔާނުގައި ބުންޏެވެ.