Roadha Mihaaru
އައްޑުއަށް އަތޮޅުވެރިޔަކު ފޮނުވަނީތޯ ނަޝީދު އައްސަވައިފި

އައްޑު އަށް އަތޮޅުވެރިޔަކު ފޮނުވަނީތޯ ނަޝީދު އައްސަވައިފި

08 ފެބުރުއަރީ 2023

އައްޑޫގައި ހިންގާ މަޝްރޫތައް ބަލަހައްޓަވައި އެ މަސައްކަތްތައް އަވަސް ކުރުމުގެ ގޮތުން ދުވަސްކޮޅަކަށް އައްޑު އަށް ބަދަލުވެ ވަޑައިގަންނަވާކަން ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވުމުން، "އަތޮޅުވެރިޔާ" ގެ މިސާލު ޖައްސަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އޭނާ އަށް ފާޑު ވިދާޅުވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ އައްޑޫގެ މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދާ ގޮތާ މެދު އެ ސިޓީގެ މީހުންގެ ހިތްހަމަނުޖެހުންތަކެއް ހުރުމުން އެ ކަންކަން ހައްލު ކުރުމަށްޓަކައި އައްޑޫގައި ދުވަސްކޮޅަކު "ބޭސްވެގެން" ހުންނަވާނެ ކަމަށެވެ.

ނަޝީދުގެ ނުރަސްމީ އެކައުންޓުން މިއަދު ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވަނީ އައްޑު އަށް އަނެއްކާ ވެސް މާލެއިން އަތޮޅުވެރިޔެއް ފޮނުވަނީތޯ އޭ ވިދާޅުވެ ސުވާލު އުފައްދަވައިފަ އެވެ.

"އައްޑޫ އަށް އަނެއްކާ ވެސް މާލެއިން އަތޮޅުވެރިޔެއް ފޮނުވަނީ ބާ؟" ނުރަސްމީ ޓްވިޓާ އެކައުންޓުގައި ނަޝީދު ވިދާޅުވެފައި ވެއެވެ.

"އަނެއްދިވެހިރާއްޖެ" ޔޫޒާ ނޭމެއްގެ ގޮތުގައި ބޭނުންކޮށްފައިވާ މި ޓްވިޓާ އެކައުންޓަކީ އެމަނިކުފާނުގެ ނުރަސްމީ އެކައުންޓް ކަމަށް ނަޝީދު މީގެ ކުރިން ވިދާޅުވެފައި ވެއެވެ.

ނަޝީދުގެ ސަރުކާރުގައި ވެސް ހައުސިން މިނިސްޓަރުކަން ކުރެއްވި އަސްލަމް މިއަދު ވިދާޅުވީ އޭނާ އައްޑު އަށް ބަދަލުވެ ވަޑައިގަންނަވާނީ މި އަންނަ ހޮނިހިރު ދުވަހު ކަމަށެވެ. އަނބުރާ މާލެ ވަޑައިގަންނަވާނެ ތާރީހެއް ވިދާޅެއް ނުވެ އެވެ.

މިދިޔަ މަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ދެ ފަހަރަށް އައްޑު އަށް ވަޑައިގެން ބޮޑެތި މަޝްރޫތަކެއް ހިންގަވާނެ ކަމަށް ވައުދުތަކެއް ވެވަޑައިގެންނެވި އެވެ. އަދި އައްޑު އަށް އިސްކަން ދެއްވައިގެން މަޝްރޫއުތައް ހިންގަވާނެ ކަމުގެ ޔަގީން ކަން ވެސް ރައީސް ވަނީ ދެއްވައިފަ އެވެ.