Roadha Mihaaru
ވާދަވެރިން ފައިސާ ބަހާނެ، ހިފާތި: ނަޝީދު

އަޅުގަނޑުގެ ވާދަވެރިން ފައިސާ ބަހާނެ، އެ ފައިސާގައި ހިފާތި: ނަޝީދު

25 ޖެނުއަރީ 2023

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ މަނިކުފާނުގެ ޓީމުން ފައިސާ ބަހާނެ ކަމަށާއި އެ ފައިސާގައި ހިފުމަށް އެ ޕްރައިމަރީގައި ދެން ވާދަކުރައްވާ ރައީސް މުހައްމަދު ނަޝީދު ރޭ އެދިވަޑައިގެންފި އެވެ.

އާސިމާ ނިޒާރު ސ. މަރަދޫފޭދޫން އާސިމާ ނިޒާރު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ މަނިކުފާނުގެ ޓީމުން ފައިސާ ބަހާނެ ކަމަށާއި އެ ފައިސާގައި ހިފުމަށް އެ ޕްރައިމަރީގައި ދެން ވާދަކުރައްވާ ރައީސް މުހައްމަދު ނަޝީދު ރޭ އެދިވަޑައިގެންފި އެވެ.

ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް އައްޑު އަށް ކުރައްވާ ދަތުރުފުޅުގައި، މަރަދޫފޭދޫގެ އެމްޑީޕީ ޖަގަހައިގައި ދިދަ ނަންގަވައިދެއްވުމަށް ފަހު، ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ މި ވޯޓު ގަތުމަށް އެ މަނިކުފާނުގެ ވާދަވެރިން ޕާޓީގެ މެމްބަރުންނަށް ފައިސާ ދޭނެ ކަމަށެވެ.

އެހެންވެ، ފައިސާގެ ދެބައިކުޅަ އެއްބައިގައި ނަމަވެސް ހިފުމަށް އެދިވަޑައިގެން، ނަޝީދު ވިދާޅުވީ، އެއްވެސް މީހެއްގެ ރިޒްގުގައި އަތްލަން އެ މަނިކުފާނު ބޭނުންފުޅު ނުވާ ކަމަށެވެ.

ޕާޓީގެ އެތެރޭގެ އިންތިހާބާ ދިމާކޮށް ވާދަވެރިން ފައިސާ ބަހާނެ ކަމަށް ނަޝީދު ހާމަކުރެއްވިއަސް އެއްވެސް ބޭފުޅެއްގެ ނަމެއް ވިދާޅެއް ނުވެ އެވެ. އެކަމަކު، އެ އިންތިހާބުގައި އެ މަނިކުފާނާ ވާދަކުރައްވާ އެންމެ ޒަމާންވީ ގާތް އެކުވެރިޔާ، މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު އޮންނަ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ.

މަރަދޫފޭދޫ އެމްޑީޕީ ޖަގަހައިގައި ދިދަ ނަންގަވައިދެއްވުމަށް ފަހު ނަޝީދު ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: މިހާރު

މަރަދޫފޭދޫ އެމްޑީޕީ ޖަގަހައިގައި ދިދަ ނަންގަވައިދެއްވުމަށް ފަހު ނަޝީދު ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: މިހާރު

ނަޝީދު އެދިވަޑައިގަތީ ވޯޓު ގަންނަން 10،000ރ. ހުށަހަޅާ ނަމަ އެ އަދަދު 20،000ރ. އަށް އިތުރުކޮށް އެ ނެގުމަށް ފަހު، އެ ފައިސާގެ ދެބައިކުޅަ އެއްބައި ރިޔާސީ އިންތިހާބަށް ބެހެއްޓުމަށެވެ.

"ތި ބޭފުޅުން އެ ފައިސާ ނަންގަވައި، ހުރިހާ ބޭފުޅުން. ރާއްޖޭގެ ހުރިހާ ރައްޔިތުން ގާތުގައި އަޅުގަނޑު މި ވާހަކަ ދަންނަވަން ބޭނުން އަދި ހާއްސަކޮށް މި ވަގުތު އެމްޑީޕީ މެމްބަރުން ކައިރީގައި. ކަޅު ދަބަސް ހިފައިގެން، އަޅުގަނޑު ނަންތައް ދަންނަވާކަށް ނެތިން، ތި ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ތި ބޭފުޅުންގެ ރަށުގައި ފައިސާ ބަހަން އުޅެނީ ކާކުތޯ،" ނަޝީދު ވިދާޅުވި އެވެ.

"އެކަމާ ކަންބޮޑުވާނެ ކަމެއް ނޫން. އަވަހަށް ނަންގަވާ. އަދި 10،000 ދެއްވަން އުޅެންޏާ ވިއްސޭ ވިދާޅުވެ އެ ވަރު ވެސް ނަންގަވާ."

ނަޝީދު ވިދާޅުވީ ޕާޓީގެ ޕްރައިމަރީއާއެކު ރިޔާސީ އިންތިހާބުން ވެސް އެ ޓީމު މި ތިބީ މޮޅުވެފަ އެވެ. އެކަމަށް ޝައްކެއް ނެތް ކަމަށް ވިދާޅުވި އެވެ.

މަރަދޫފޭދޫ އެމްޑީޕީ ޖަގަހައިގައި ދިދަ ނަންގަވައިދެއްވުމަށް ފަހު، އެ އަވަށުގެ އެމްޑީޕީ ސަޕޯޓަރުންނާއެކު ނަޝީދު ފޮޓޯއަކަށް ހުއްޓިވަޑައިގެން.

މަރަދޫފޭދޫ އެމްޑީޕީ ޖަގަހައިގައި ދިދަ ނަންގަވައިދެއްވުމަށް ފަހު، އެ އަވަށުގެ އެމްޑީޕީ ސަޕޯޓަރުންނާއެކު ނަޝީދު ފޮޓޯއަކަށް ހުއްޓިވަޑައިގެން.

"[ފައިސާ] ނަންގަވާ، އޭގެ ދެބައިކުޅަ އެއްބައި ބަހައްޓަވާ ދެއްވާށޭ ސެޕްޓެމްބަރު 9 ގައި އިރާދަކުރެއްވިއްޔާ މި އިންތިހާބުން އަޅުގަނޑުމެން މި ތިބީ މޮޅުވެފައި. އެކަމަކަށް އަޅުގަނޑުގެ ހިތުގައި ޝައްކެއް ނެތް. އަޅުގަނޑުމެން މަސައްކަތް ކުރަން ޖެހެނީ ސެޕްޓެމްބަރު 9 ގެ އިންތިހާބަށް. ދެން ތި ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ މަތިންދާ ބޯޓުގެ ޓިކެޓެއްގެ އަގު، ލޯންޗު ދަތުރެއްގެ ވެސް އަގު. އިންތިހާބުތަކަކީ ހަރަދު ހިނގާ ކަމެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ މި ފަހަރު މި ދިމާވީ ރަނގަޅަށް ކަމަށެވެ. އެއީ ރިޔާސީ ޕްރައިމަރީ އަށް ޕާޓީގެ ޓިކެޓު ލިބުމާއި ކެމްޕެއިންގެ ހަރަދު ވެސް ލިބުމެވެ. އެކަމަށް، ވާދަވެރިންނަށް ޝުކުރު ދަންނަވައި ނަޝީދު ވިދާޅުވީ އެ މަނިކުފާނަށް ރަނގަޅީ ޕާޓީގެ އާއްމުންނަށް ގިނައިން ފައިސާ ދިން ވަރެއް ކަމަށެވެ.

"އަޅުގަނޑުގެ ވާދަވެރި ފައިސާވެރިންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން ތި ބޭފުޅުން ތި ކޮށްދެއްވާ މަސައްކަތަށް. އަޅުގަނޑަށް ބޮޑަށް ރަނގަޅީ ގިނަ ފައިސާ ދެއްވިއްޔާ. އޭރަށް އަޅުގަނޑުމެންނަށް ސެޕްޓެމްބަރު 9 ގައި އަޅުގަނޑުމެންގެ އިންތިހާބަށް ވަރަށް މަސައްކަތްކޮށް ކުރިއަށް ގެންދެވޭނެ،" ނަޝީދު ވިދާޅުވި އެވެ.