Roadha Mihaaru
"މި ދަނީ ވަރަށް ހިތްހަމަޖެހިގެން، ވަރަށް އުފަލުން"

ނަޝީދުގެ ކެމްޕެއިން ފަހު ދަތުރު: "މި ދަނީ ވަރަށް ހިތްހަމަޖެހިގެން، ވަރަށް އުފަލުން"

25 ޖެނުއަރީ 2023

ވާދަވެރި ކެމްޕެއިންގެ ފަހު ދަތުރު މި ނިންމާލީ ވަރަށް ހިތްހަމަޖެހިގެން ކަމަށް، އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ވާދަވެރި ކެމްޕެއިންގެ ފަހު ދަތުރު މި ނިންމާލީ ވަރަށް ހިތްހަމަޖެހިގެން ކަމަށް، އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މަރަދޫގައި ހުންނަ އެމްޑީޕީގެ ޖަގަހައިގައި ބޭއްވި ބައްދަލުވުމަށްފަހު، އެ ތަނުން ނުކުމެވަޑައިގެންނެވިއިރު، އެ ސަރަހައްދުގައި ތިބި ބައެއް ސަޕޯޓަރުންނާ ވާހަަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ މި ކެމްޕެއިންގެ ދަތުރުތައް، އެމްޑީޕީގެ އެންމެ ވަރުގަދަ އައްޑޫން މި ނިންމާލީ ވަރަށް އުފަލުން ހުރެ ކަމަށެވެ.

އެންމެ ގާތް އެކުވެރިޔާ އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ވާދަކުރައްވައި އެ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"ވަރަށް އުފަލުން މި ދަނީ. ވަރަށް ހިތްހަމަޖެހިގެން މި ދަނީ،" އެ މަނިކުފާނު ވިދާޅުވި އެވެ.

އައްޑުއަށް މިދިޔަ ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގައި އެ ސިޓީގެ ހުރިހާ ރަށަކަށް ވަޑައިގެންނެވި އެވެ. އަދި ދޮރުން ދޮރަށް ކެމްޕެއިން ކުރިއަށްގެންދެވި އެވެ. އެއަށްފަހު، ކެމްޕެއިންގައި ދެ ވަނަ ފަހަރަށް ފުވައްމުލަކަށް ވަޑައިގެން ޕާޓީގެ ސަޕޯޓަރުންނާ ބައްދަލުކުރެއްވި އެވެ.

ރިޔާސީ ޕްރައިމަރީ ކެމްޕެއިނަށް ނަޝީދު މިއަދު ފުވައްމުލަކަށް ވަޑައިގަތުމަށްފަހު، އެ މަނިކުފާނުގެ ސަޕޯޓަރުންނާ ބައްދަލުކުރައްވަނީ.-- ފޮޓޯ: މިހާރު

ރިޔާސީ ޕްރައިމަރީ ކެމްޕެއިނަށް ނަޝީދު މިއަދު ފުވައްމުލަކަށް ވަޑައިގަތުމަށްފަހު، އެ މަނިކުފާނުގެ ސަޕޯޓަރުންނާ ބައްދަލުކުރައްވަނީ.-- ފޮޓޯ: މިހާރު

އިއްޔެ ހަވީރު ފޭދޫ އެމްޑީޕީ ޖަގަހައިގައި ބޭއްވި ބައްދަލުވުމުގައި ވެސް ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީ އަކީ އައްޑޫގެ މުހިއްމު ބައިވެރިޔާ ކަމަށެވެ. ނަމަވެސް އެމްޑީޕީ ވެސް ބައިވެރިވާ މި ކޯލިޝަންގެ ސަރުކާރުން އައްްޑޫގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދާ ސްޕީޑާއި އެ މީހުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އައިސްފައިނުވާތީ އެ މަނިކުފާނުގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި އެވެ.

އެހެންވެ، ޕާޓީގެ ޕްރައިމަރީ އަދި އަންނަ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްފަހު އައްޑޫ ރައްޔިތުންގެ އާމްދަނީ ދެގުނަ އިތުރުކޮށްދޭނެ ކަމަށް ނަޝީދު ވައުދުވެވަޑައިގެންނެވި އެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ފޯމު ހުށަހެޅުއްވުމަށްފަހު ނަޝީދު ގެންދެވީ މިދިޔަ މަހުން ފަހުކޮޅުން ފެށިގެން ކެމްޕެއިން ކުރައްވަމުންނެވެ. އައްޑުއާ ހަމައިން ކެމްޕެއިން ދަތުރުތައް ނިންމާލެއްވިއިރު 70 އަށްވުރެ ގިނަ ރަށަށް އެ މަނިކުފާނު ވަޑައިގެންނެވި އެވެ. އަދި "ފިކުރެއްގެ ދިރުން" ގެ ޓީމުން މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދިޔަ އެވެ.