Roadha Mihaaru
ވެސްޓްހޭމާއި ވިޔަރެއާލް ދެ ވަނަ މެޗުވެސް ކާމިޔާބުކޮށްފި

ވެސްޓް ހޭމް އާއި ވިޔަރެއާލް ދެ ވަނަ މެޗު ވެސް ކާމިޔާބުކޮށްފި

16 ސެޕްޓެމްބަރ 2022

ސިލްކެބޯގް، ޑެންމާކް (ސެޕްޓެމްބަރު 16) - ޔޫއެފާ ޔޫރޮޕާ ކޮންފަރެންސް ލީގުގައި ވާދަކުރާ އިންގްލެންޑުގެ ވެސްޓް ހޭމް ޔުނައިޓެޑައި ސްޕެއިންގެ ވިޔަރެއާލް ކުޅުނު ދެ ވަނަ މެޗު ވެސް ކާމިޔާބު ކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ސިލްކެބޯގް، ޑެންމާކް (ސެޕްޓެމްބަރު 16) - ޔޫއެފާ ޔޫރޮޕާ ކޮންފަރެންސް ލީގުގައި ވާދަކުރާ އިންގްލެންޑުގެ ވެސްޓް ހޭމް ޔުނައިޓެޑައި ސްޕެއިންގެ ވިޔަރެއާލް ކުޅުނު ދެ ވަނަ މެޗު ވެސް ކާމިޔާބު ކޮށްފި އެވެ.

ވެސްޓް ހޭމުން ރަށުން ބޭރުގައި ޑެންމާކުގެ ސިލްކެބޯގާ ދެކޮޅަށް ކުޅެ ކާމިޔާބުކުރީ ފަހަތުން އަރައި 3-2 އިންނެވެ. މެޗުގެ ފަސް ވަނަ މިނިޓުގައި ކެސްޕާ ކުސްކް ޖެހި ލަނޑުން ސިލްކެބޯގް ލީޑު ނެގި ނަމަވެސް ވެސްޓް ހޭމުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ތިން ލަނޑު ޖަހައިފަ އެވެ.

ވެސްޓް ހޭމް އިން އެއްވަރުކުރީ ލިބުނު ޕެނަލްޓީއަކުން 13 ވަނަ މިނިޓިގައި މެލުއެލް ލަންޒިނީ ކާމިޔާބުކުރި ލަނޑުންނެވެ. އަދި 25 ވަނަ މިނިޓުގައި ޖިއާންލޫކާ ސްކަމާކާ އެ ޓީމަށް ލީޑު ނަގައިދިން އިރު، 38 ވަނަ މިނިޓުގައި ކޯނަރަކުން އެޓީމުގެ ތިން ވަނަ ލަނޑު ޖަހައިދިނީ ކްރެއިގް ޑޯސަން އެވެ.

ސިލްކެބޯގަށް އެޓީމުގެ ދެ ވަނަ ލަނޑު، މެޗުގެ 75 ވަނަ މިނިޓުގައި ކައުންޓާ އެޓޭކެއްގައި ޖެހީ ސޮރެން ޓެންގްސްޓޭ އެވެ.

ވެސްޓް ހޭމް އާއި ސިލްކެބޯގާ އެކު ގުރޫޕް ބީ ގައި ހިމޭ ރޮމޭނިއާގެ އެފްސީއެސްބީ އާއި ބެލްޖިއަމްގެ އެންޑަލެޗް ބައްދަލުކުރި މެޗު ނިމުނީ 0-0 އިން އެއްވަރު ވެގެންނެވެ.

މޮރާލެސް ވިޔަރެއާލަށް ފުރަތަމަ ފަހަރަށް ލީޑު ނަގައިދިނުމަށް ފަހު. -- ފޮޓޯ: އޭއެފްޕީ

މޮރާލެސް ވިޔަރެއާލަށް ފުރަތަމަ ފަހަރަށް ލީޑު ނަގައިދިނުމަށް ފަހު. -- ފޮޓޯ: އޭއެފްޕީ

ގުރޫޕް ސީ ގެ ވިޔަރެއާލުން މޮޅުވީ ރަށުން ބޭރުގައި އިޒްރޭލުގެ ހަޕޮއެލް ބީރު ޝެވާ އާ ވާދަކޮށް 2-1 އިންނެވެ.

ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީއަކުން ހޯޒޭ ލުއިސް މޮރާލެސް ވިޔަރެއާލަށް ލީޑު ނަގައިދީފައި ވަނިކޮށް ހަޕޮއެލް އިން ދެ ވަނަ ހާފުގައި ނަތީޖާ އެއްވަރު ކުރި އެވެ. ނަމަވެސް އޭގެ ހަތަރު މިނިޓު ފަހުން ވިޔަރެއާލް އަށް އަލުން ލީޑު ނަގައިދިނީ ޒުވާން ވިންގާ އެލެކްސް ބީނާ އެވެ.

މި ގުރޫޕުގައި ހިމެނޭ ޕޮލެންޑުގެ ލެޗް ޕޮޒޮން ވަނީ އަމިއްލަ ދަނޑުގައި 4-1 އިން އޮސްޓްރިއާގެ އޮސްޓްރިއާ ވީން ބަލިކޮށް ފުރަތަމަ މޮޅު ހޯދައިފަ އެވެ.

ދެ ވަނަ މެޗުން ބަލިވެ، ފިއޮރެންޓީނާ މޮޅެއްގެ އިންތިޒާރުގައި

ތުރުކީގެ އިސްތަންބޫލް ބަސަކްޝެހިރާ ދެކޮޅަށް ރަށުން ބޭރުގައި ފިއޮރެންޓީނާ ކުޅުނު މެޗުން އެޓީމު ބަލިވީ 3-0 އިންނެވެ.

ބަސަކްޝެހިރުގެ ތިން ލަނޑު ވެސް ޖަހައިފައި ވަނީ ދެ ވަނަ ހާފުގަ އެވެ. ސަރުދާރު ގާލާ ދެ ލަނޑު ޖަހައިދިން އިރު، އެނެމް ފަހު މިނިޓުގައި ތިން ވަނަ ލަނޑު ޖަހައިދިނީ ލޯނު އުސޫލުން ކުޅޭ އެސްޓަންވިލާގެ ފޯވާޑް ބާޓްރަންޑް ޓްރައޯރޭ އެވެ.

ޓްރައޯރޭ، ފިއޮރެންޓީނާ ކޮޅަށް ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ. -- ފޮޓޯ: ބަސަކްޝެހިރު

ޓްރައޯރޭ، ފިއޮރެންޓީނާ ކޮޅަށް ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ. -- ފޮޓޯ: ބަސަކްޝެހިރު

މި ނަތީޖާއާ އެކު މިހާތަނަށް ކުޅުނު ދެ މެޗުން ވެސް އެ ޓީމަށް މޮޅެއް ހޯދިފައެއް ނުވެ އެވެ. ފުރަތަމަ މެޗުގައި ލެތުވިއާގެ އާރުއެފްއެސްއާ ދެކޮޅަށް ފިއޮރެންޓީނާ ކުޅުނު މެޗު ނިމުނީ އެއްވަރު ވެގެންނެވެ.

ބަސަކްޝެހިރުން ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށް ހަ ޕޮއިންޓް ހޯދާފައި ވާއިރު ސްކޮޓްލެންޑުގެ ހާޓްސް އިން ވަނީ ރަށުން ބޭރުގައި 2-0 އިން އާރުއެފްއެސް ބަލިކޮށް ފުރަތަމަ މޮޅު ހޯދައިފަ އެވެ.

ފުރަތަމަ ހާފު ނިމެނިކޮށް ލިބުނު ޕެނަލްޓީއަކުން ސްޓްރައިކަރު ލޯރެންސް ޝަންކްލޭން ލީޑު ނަގައިދިން އިރު، ދެ ވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގައި ޖެހީ މިޑްފީލްޑަރު އެލެން ފޮރެސްޓެވެ.

ގުރޫޕް ޑީ ގައި ހިމެނޭ ފްރާންސްގެ ނީސް ކުޅުނު ދެވަނަ މެޗު ވެސް ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.

ރަށުން ބޭރުގައި ސާބިއާގެ ޕާޓިޒަންއާ ދެކޮޅަށް ކުޅުނު މެޗުގެ ދެވަނަ މިނިޓުގައި ޖޯއީ ބްރަޔަން، ނީސް އަށް ލީޑު ނަގައިދީފައި ވަނިކޮށް ދެ ވަނަ ހާފު ފެށިގެން 15 ވަނަ މިނިޓުގައި އެއްވަރު ކޮށްދިނީ ފޯސޭނީ ޑިއަބާޓޭ އެވެ.

މި ގުރޫޕުގެ އެއްވަނައިގައި އޮތީ ދެ ވަނަ މެޗު ކާމިޔާބުކޮށް، ހަތަރު ޕޮއިންޓް ހޯދާފައިވާ ޖަރުމަންގެ އެފްސީ ކޯން އެވެ. ޗެކް ރިޕަބްލިކްގެ ޝްލޮވަސްކޯއާ ވާދަކޮށް، އަމިއްލަ ދަނޑުގައި ކޯން މެޗު ކާމިޔާބު ކުރީ 4-2 އިންނެވެ.

ގުރޫޕް އީ ގައި ވާދަކުރާ ނެދަލެންޑްސްގެ އޭޒެޑް އަލްކަމާ އިން ވަނީ ކުޅުނު ދެވަނަ މެޗު ވެސް ކާމިޔާބުކޮށް ގުރޫޕުގެ އެއްވަނަ ދަމަހައްޓައިފަ އެވެ. އަމިއްލަ ދަނޑުގައި ލިޗެސްޓިންގެ ވަޑޫޒްއާ ވާދަކޮށް އޭޒެޑް މޮޅުވީ 4-1 އިންނެވެ.

އޭޒެޑް އަތުން ފުރަތަމަ މެޗުގައި ބަލިވި ޔޫކްރޭންގެ ޑިންޕްރޯ ވަނީ ދެ ވަނަ މެޗުގައި 3-1 އިން ސައިޕްރަސްގެ އަޕޯލޯން ލިމޮސޮން ބަލިކޮށްފަ އެވެ.

ބަސެލް އިން ރަށުން ބޭރުގައި ލިތުއޭނިއާގެ ޒަލްގިރިސް އާ ވާދަކޮށް 1-0 އިން މެޗު ކާމިޔާބުކޮށް ގުރޫޕް ސްޓޭޖުގެ ދެވަނަ މެޗު ވެސް ކާމިޔާބު ކުރި އިރު، އަރުމީނިއާގެ ޕިއުނިކް ވަނީ 2-0 އިން ސްލޮވާކިއާގެ ސްލޮވަން ބްރަޓިސްލާވާ ބަލިކޮށްފަ އެވެ.

ފުރަތަމަ ހަފްތާ ގުރޫޕް އެފް ގެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުނު އިރު، ބެލްޖިއަމްގެ ގެންޓް އާއި ސްވިޑެންގެ ޖާގާޑެންސް ވަނީ ދެ ވަނަ މެޗުގައި އަމިއްލަ ދަނޑުގައި ކާމިޔާބު ހޯދައިފަ އެވެ. ގެންޓް އިން 3-0 އިން އަޔަލެންޑްގެ ޝަމްރޮކް ރޯވާސް ބަލިކުރި އިރު، ޖާގާޑެންސް އިން ޑެންމާކުގެ މޯލްޑޭ ބަލިކުރީ 3-2 އިންނެވެ.

ފުރަތަމަ ހަފްތާ ގުރޫޕް ޖީ ގައި ކުޅުނު ދެ މެޗު ވެސް ނިމުނީ އެއްވަރު ވެގެންނެވެ. ރޭ ކުޅުނު މެޗުގައި ޗެކް ރިޕަބްލިކްގެ ސްލާވިއާ ޕްރާގުން 3-2 އިން އަމިއްލަ ދަނޑުގައި ކޮސޯވޯގެ ބަލްކާނީ ބަލިކުރި އިރު، ރަށުން ބޭރުގައި ތުރުކީގެ ސިވަސްޕޯ އިން ވަނީ 1-0 އިން ރޮމޭނިއާގެ ސީއެފްއާރު ކުލޫޖް ބަލިކޮށްފަ އެވެ.