Roadha Mihaaru
އިނގިރޭސި ކްލަބް ވެސްޓްހޭމް ޔޫރަޕްގެ ފައިނަލަކާ ގާތަށް

އިނގިރޭސި ކްލަބް ވެސްޓް ހޭމް ޔޫރަޕްގެ ފައިނަލަކާ ގާތަށް

12 މެއި 2023

ލަންޑަން (މެއި 12) - ޔޫރަޕްގެ ތިން ވަނަ ފަންތީގެ ކްލަބް މުބާރާތް ކަމަށްވާ ޔޫއެފާ ޔޫރޮޕާ ކޮންފަރެންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގްގައި އިނގިރޭސި ކްލަބް ވެސްޓް ހޭމް ޔުނައިޓެޑާއި ސްވިޒަލެންޑުގެ އެފްސީ ބަސެލް މޮޅުވެއްޖެ އެވެ.

ލަންޑަން (މެއި 12) - ޔޫރަޕްގެ ތިން ވަނަ ފަންތީގެ ކްލަބް މުބާރާތް ކަމަށްވާ ޔޫއެފާ ޔޫރޮޕާ ކޮންފަރެންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގްގައި އިނގިރޭސި ކްލަބް ވެސްޓް ހޭމް ޔުނައިޓެޑާއި ސްވިޒަލެންޑުގެ އެފްސީ ބަސެލް މޮޅުވެއްޖެ އެވެ.

އަމިއްލަ ދަނޑުގައި ވެސްޓް ހޭމް ރޭ ވަނީ ނެދަލެންޑްސްގެ އޭޒެޑް އަލްކަމާ 1-2 އިން ބަލިކޮށްފަ އެވެ. ރަށުން ބޭރުގައި އިޓަލީގެ ފިއޮރެންޓީނާއާ ވާދަކޮށް ބަސެލް ވެސް މޮޅުވީ 2-1 އިންނެވެ. މޮޅާ އެކު މި ދެޓީމު ވެސް ދެ ވަނަ ލެގްގެ މެޗު އެއްވަރުކޮށްލައިގެން ފައިނަލުގެ ފުރުސަތު ލިބޭނެ އެވެ.

ވެސްޓް ހޭމް އަށް އެންމެ ފަހުން ބޮޑު މުބާރާތެއްގެ ތަށި ލިބުނީ 1980 ވަނަ އަހަރު އެވެ. އެ އަހަރު އެޓީމުން ވަނީ އާސެނަލް ބަލިކޮށް އިނގިރޭސި އެފްއޭ ކަޕް ކާމިޔާބުކޮށްފަ އެވެ. ރޭގެ މޮޅާ އެކު 40 އަހަރަށް ފަހު ތައްޓެއް ހޯދުމުގެ އުއްމީދު އެޓީމަށް ވަނީ ލިބިފަ އެވެ.

ރޭގެ މެޗުގައި ފުރަތަމަ ލީޑު ނެގީ އޭޒެޑް އަލްކަމާ އިންނެވެ. މެޗުގެ 41 ވަނަ މިނިޓުގައި އެޓީމަށް ގޯލު ކާމިޔާބުކޮށްދިނީ ޓިޔާއީ ރެއިންޑާސް އެވެ. ވެސްޓް ހޭމް ނަތީޖާ އަނބުރާލީ ދެވަނަ ހާފުގަ އެވެ. ޕެނަލްޓީއަކުން އެޓީމުގެ ފުރަތަމަ ގޯލު 67 ވަނަ މިނިޓުގައި ޖެހީ ސައީދު ބެންރަހްމާ އެވެ. އަލްޖީރިއާގެ ބެންރަހްމާ އަންނަނީ މި ސީޒަނުގެ ފަހުކޮޅު ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. ވެސްޓް ހޭމް މޮޅުވި ގޯލު 76 މިނިޓުގައި ޖެހީ މިޝޭލް އެންޓޯނިއޯ އެވެ.

މެޗަށް ފަހު ވެސްޓް ހޭމްގެ ކޯޗު ޑޭވިޑް މޯޔެސް ބުނީ، އެޓީމަށް ލިބުނީ ހަނި މޮޅެއް ކަމަށާއި ބޮޑު މަސައްކަތް އޮތީ އަންނަ ހަފްތާ ކުޅޭ ދެ ވަނަ ލެގްގެ މެޗުގައި ކަމަށެވެ.

މިދިޔަ ސީޒަންގައި ވެސްޓް ހޭމް ވަނީ މޮޔެސްގެ އިރުޝާދުގެ ދަށުން ޔޫރޮޕާ ލީގު ކުޅެފަ އެވެ. އެ މުބާރާތުން ވެސްޓް ހޭމް ވެޓީ ސެމީ ފައިނަލާ ހަމައިންނެވެ. މި ސީޒަންގައި ލީގުގައި ރެލިގޭޝަނުން ސަލާމަތް ވާން މަސައްކަތް ކުރާ ވެސްޓް ހޭމް، ކޮންފަރެންސް ލީގު ކާމިޔާބު ކޮށްގެން އަންނަ ސީޒަންގައި ޔޫރޮޕާ ލީގު ކުޅުމުގެ ފުރުސަތު ލިބޭނެ އެވެ.

ބަސެލް މޮޅުވި މެޗުގައި ފުރަތަމަ ގޯލު ޖެހީ ފިއޮރެންޓީނާ އިންނެވެ. 25 ވަނަ މިނެޓުގައި މި ގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ އާތޫރު ކަބްރެލް އެވެ. ބަސެލް އިން މެޗު އެއްވަރުކުރީ 70 ވަނަ މިނިޓުގައި އެންޑީ ޑިއޫފް ކާމިޔާބު ކޮށްދިން ގޯލުންނެވެ. ބަސެލް އަށް މުހިއްމު މޮޅު ހޯދައިދިން ގޯލު އިތުރު ވަގުތުގެ ތިން ވަނަ މިނެޓުގައި ޖެހީ ޒެކީ އަމްޑުއޯނީ އެވެ.

ކޮންފަރެންސް ލީގު ސެމީގެ ދެ މެޗު ކުޅޭނީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރެ އެވެ. މުބާރާތުގެ ފައިނަލް އަންނަ ޖޫން މަހުގެ ހަތް ވަނަ ދުވަހު އޮންނާނީ ޗެކް ރިޕަބްލިކްގެ ފޯޗޫނާ އެރީނާ ސްޓޭޑިއަމްގަ އެވެ.