Roadha Mihaaru
ޑެހެއާ ކުޑަ އަގަކަށް ފިއޮރެންޓީނާ އަށް

އަހަރެއް ވަންދެން ކުޅުމާ ދުރުގައި ހުރި ޑެހެއާ ކުޑަ އަގަކަށް ފިއޮރެންޓީނާއަށް

11 އޯގަސްޓް 2024

ފްލޮރެންސް (އޮގަސްޓް 11) - އަހަރެއް ވަންދެން ކުޅުމާ ދުރުގައި ހުރި ސްޕެއިންގެ ގޯލްކީޕޕަރު ޑޭވިޑް ޑެެހެއާ، 33 ކުޑަ އަގަކަށް އިޓަލީގެ ފިއޮރެންޓީނާއާ ގުޅެން އެއްބަސްވެއްޖެ އެވެ.

ފްލޮރެންސް (އޮގަސްޓް 11) - އަހަރެއް ވަންދެން ކުޅުމާ ދުރުގައި ހުރި ސްޕެއިންގެ ގޯލްކީޕޕަރު ޑޭވިޑް ޑެެހެއާ، 33 ކުޑަ އަގަކަށް އިޓަލީގެ ފިއޮރެންޓީނާއާ ގުޅެން އެއްބަސްވެއްޖެ އެވެ.

މީޑިއާތަކުން ރިޕޯޓް ކުރާގޮތުގައި ޑެހެއާ ފިއޮރެންޓީނާއާ ގުޅެނީ އެއް އަހަރުދުވަހުގެ ކޮންޓްރެކްޓެއްގަ އެވެ. އެއީ މުއްދަތު އިތުރު އަހަރަކަށް، ދިގު ކުރުމުގެ ފުރުސަތާ އެކު އެވެ. ފިއޮރެންޓީނާއިން ވަނީ މާދަމާ ރަސްމީކޮށް ޑެހެއާ، އެޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައި ތައާރަފް ކޮށްދޭން ނިންމައިފަ އެވެ.

މިދިޔަ އަހަރު ޖުލައި މަހު މެންޗެސްޓާ ޔުނައިޓެޑާ އެކު އޮތް ކޮންޓްރެކްޓް ހަމަވުމުން، މިދިޔަ ސީޒަން ނިންމާލީ ކުޅުމާ ދުރުގަ އެވެ.

ޔުނައިޓެޑުގައި ސީޒަނެއްގައި އޭނާއަށް 25 މިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބުނެވެ. ނަމަވެސް އޭނާ ފިއޮރެންޓީނާއަށް ބަދަލުވީ، ސީޒަނަކަށް ދެ މިލިއަން ޑޮލަރުގެ މުސާރައަކަށް ކަމަށް އިޓަލީގެ މީޑިއާތަކުން ރިޕޯޓް ކުރެ އެވެ.

މިދިޔަ ސީޒަންގައި ފިއޮރެންޓީނާ ނިންމާލީ ލީގުގެ އަށް ވަނައިގަ އެވެ. ފާއިތުވި ދެ ސީޒަންގައި ވެސް ޔޫއެފާ ޔޫރޮޕާ ކޮންފަރެންސް ލީގު ފައިނަލުން އެ ޓީމު ބަލިވެފައި ވާއިރު، މި ސީޒަންގައި ވެސް ކޮންފަރެންސް ލީގުގެ ޕްލޭއޮފްގައި ކުޅޭނެ އެވެ.

ފިއޮރެންޓީނާއާ ގުޅުމުގެ ކުރިން އިޓަލީގެ ޖެނޮއާ އިން ވެސް އޭނާ ގެންދަން މަސައްކަތް ކުރި އެވެ. ނަމަވެސް ކާމިޔާބު ނުވީ އޭނާ އާދަޔާ ހިލާފު ބޮޑު މުސާރައެއް ބޭނުންވުމުންނެވެ. މީގެ އިތުރުން ސައުދީ ލީގުގެ އައް ނަސްރުން އޭނާއަށް ހުށަހެޅި އަގުބޮޑު އެއްބަސްވުން ޑެހެއާ ދޫކޮށްލީ އޭނާގެ އަންހެނުން ސައުދީ އަށް ދިރިއުޅުން ބަދަލުކުރަން ދެކޮޅު ހެދުމުންނެވެ.

އެތުލެޓިކޯ މެޑްރިޑުން ކެރިއަރު ފެށި ޑެހެއާ، ޔުނައިޓެޑާ ގުޅުނީ 2011 ވަނަ އަހަރެވެ. އޭނާ ވަނީ ޔުނައިޓެޑާ އެކު ކުޅުނު 12 ސީޒަންގައި އެޓީމަށް 545 މެޗު ކުޅެދީފަ އެވެ.

ޑެހެއާ ވަނީ ޕްރިމިއާ ލީގުގެ އެންމެ މޮޅު ގޯލްކީޕަރުގެ އެވޯޑް ދެ ފަހަރު ހޯދައިފަ އެވެ. އަދި ޕީއެފްއޭ އިން ހޮވާ ޓީމް އޮފް ދަ އިޔާގައި އޭނާ ވަނީ ފަސް ފަހަރު ހިމެނިފަ އެވެ.