Roadha Mihaaru
ހާފް މެރަތަންގެ ގައުމީ ރެކޯޑް ޝަމްހާ މުގުރާލައިފި

ހާފް މެރަތަންގެ ގައުމީ ރެކޯޑް ޝަމްހާ މުގުރާލައިފި

17 ސެޕްޓެމްބަރ 2022

ނޯވޭގެ ވެރިރަށް އޮސްލޯގައި މިއަދު ބޭއްވި "އޮސްލޯ މެރަތަން" ގެ ހާފް މެރަތަން ކެޓަގަރީގައި ވާދަކޮށް، ރާއްޖޭގެ ކުރީގެ އެއްވަނަ އަންހެން ދުވުންތެރިޔާ ޝަމްހާ އަހުމަދު ގައުމީ ރެކޯޑް މުގުރާލައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ނޯވޭގެ ވެރިރަށް އޮސްލޯގައި މިއަދު ބޭއްވި "އޮސްލޯ މެރަތަން" ގެ ހާފް މެރަތަން ކެޓަގަރީގައި ވާދަކޮށް، ރާއްޖޭގެ ކުރީގެ އެއްވަނަ އަންހެން ދުވުންތެރިޔާ ޝަމްހާ އަހުމަދު ގައުމީ ރެކޯޑް މުގުރާލައިފި އެވެ.

ދިގު ދުވުންތަކަށް ހާއްސަ މަޝްހޫރު ފިޓްނަސް ޓްރޭނަރު މަރްޔަމް އަބްދުލް ކަރީމް (މަރީ) އަތުގައި ކުރިން އޮތް ހާފް މެރަތަންގެ ރެކޯޑް ޝަމްހާ މިއަދު މުގުރާލީ 1:27:51 (1 ގަޑި 27 މިނެޓާއި 51 ސިކުންތު) އިން ރޭސް ނިންމައިގެންނެވެ.

ކުރިން މަރީ އެ ރެކޯޑް ހެދީ ފެބްރުއަރީ މަހު ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ ދުބާއީގައި ބޭއްވި ރަކް އަލް ހައިމާ ހާފް މެރަތަންގައި ވާދަކޮށް 1:30:46 އިން ރޭސް ނިންމައިގެންނެވެ. އޭގެ ކުރިން ވެސް މަރީ އެ ރެކޯޑް އޮތީ މަރީ އަތުގަ އެވެ. ހަމަ ރަކް އަލް ހައިމާ މެރަތަންގެ 2020 ގެ އެޑިޝަންގައި ވާދަކޮށް މަރީ ރޭސް ނިންމީ 1:32:42 އިންނެވެ.

ޑެންމާކުގައި 2014 ގައި ބޭއްވި ވޯލްޑް ހާފް މެރަތަން ޗެމްޕިއަންޝިޕްގައި ވާދަ ކުރި، ޝަމްހާ މިއަދު ރޭސް ނިންމީ އަންހެނުންގެ ކެޓަގަރީން 16 ވަނައިގަ އެވެ. ޖަރުމަންގައި ދިރިއުޅެމުން އަންނަ ޝަމްހާ ޓްރޭނިން ހަދަމުން އަންނަނީ، ތަޖުރިބާކާރު މެރަތަންް ދުވުންތެރިޔާ ނަސްރުﷲ އަހުމަދު (ނަސްރު) ގެ ބެލުމުގެ ދަށުންނެވެ.

މިދިޔަ މަހުގެ ނިޔަލަށް އަންހެނުންގެ 100 މީޓަރުގެ ގައުމީ ރެކޯޑް 19 އަހަރު ވަންދެން ދެމެހެއްޓި ޝަމްހާ އެ މަގާމު ނިންމުމަކީ ކުރިން ސްޕްރިންޓް ރޭސްތަކުގައި ދުވި ދުންތެރިޔަކާ ބަލާއިރު ބޮޑު ކުރި އެރުމެކެވެ. އޭނާ ވަނީ މީގެ ކުރިން ވެސް ޑިސްޓެންސް ރޭސްތަކުގައި ވެސް ވާދަކޮށްފަ އެވެ.

ނަސްރޫގެ ކޯޗު ކަމުގެ ދަށުން ޓްރޭނިން ހަދަމުން އަންނަ އައިޝަތު ރިޝްމީ ވެސް ވަނީ، މިއަދު އޮސްލޯ މެރަތަންގައި ވާދަކޮށްފަ އެވެ. އޭނާ ރޭސް ނިންމީ 1:33:58 ންނެވެ.

އޮސްލޯ މެރަތަންގެ ފުލު މެރަތަން ކެޓަގަރީގައި ނަސްރު ވެސް ވަނީ މިއަދު ވާދަކޮށް އޭނާގެ 83 ވަނަ މެރަތަން ފުރިހަމަ ކޮށްފަ އެވެ. ގާތްގަނޑަކަށް ހަފުތާއެއް ފަހުން ބާލިން މެރަތަންގައި ވެސް ފުލު މެރަތަންގައި ދުވާ ނަސްރު، މާލެއިން ފުރުމުގެ ކުރިން ބުނީ ޔޫރަޕްގައި އޭނާ ދުވާ ތިން މެރަތަންގައި ވެސް ޓާގެޓަގަކީ ހަތަރު ގަޑިއިރަށް ވުރެ އަވަހަށް ނިންމުން ކަމަށެވެ.

މިއަދު އޮސްލޯ މެރަތަންގައި ނަސްރު، ރޭސް ނިންމީ 3:30:58 އިންނެވެ. އޭނާގެ ދަށުން ޓްރޭނިން ހަދަމުން އަންނަ އަހުމަދު ނަސީރު ވެސް މިއަދު ވަނީ ހާފް މެރަތަންގައި ވާދަކޮށްފަ އެވެ.

ކުރިއަށް އޮތް ބާލިން މެރަތަންގައި ޝަމްހާ އާއި ރިޝްމީ އަދި އަހުމަދު ނަސީރު ވެސް ވާދަކުރާނީ ފުލު މެރަތަންގަ އެވެ. އޭގެ ފަހު އޯގަސްޓް 2 ވަނަ ދުވަހު ޖަރުމަންގެ އެހެން ސިޓީއެއް ކަމަށްވާ ކްލޯންގައި ބާއްވާ މެރަތަންގައި ވެސް ނަސްރު ވާދަ ކުރާނެ އެވެ.