Roadha Mihaaru
"ރައީސްކަން ކޮށްގެން އަނެއްކާވެސް ލިބޭނީ ބޮނޑިއެއް"

ރައީސްކަން ކޮށްގެން އަނެއްކާވެސް ލިބޭނީ ބޮނޑިއެއް، ބަރުލަމާނީ ކާމިޔާބުވާނެ: ނަޝީދު

18 ސެޕްޓެމްބަރ 2022

ރާއްޖޭގެ ރައީސްކަން ކުރައްވައިގެން އަނެއްކާވެސް ލިބޭނީ "ބޮނޑިއެއް" ކަމަށާއި އެ މަނިކުފާނު އަދިވެސް ބޭނުންފުޅުވަނީ ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުގެ މަސައްކަތް ކާމިޔާބު ކުރައްވަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އައްޑޫގައި ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރާއްޖޭގެ ރައީސްކަން ކުރައްވައިގެން އަނެއްކާވެސް ލިބޭނީ "ބޮނޑިއެއް" ކަމަށާއި އެ މަނިކުފާނު އަދިވެސް ބޭނުންފުޅުވަނީ ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުގެ މަސައްކަތް ކާމިޔާބު ކުރައްވަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އައްޑޫގައި ވިދާޅުވެއްޖެ އެވެ.

ނަޝީދު އެހެން ވިދާޅުވީ، އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެ މަނިކުފާނު ވާދަކުރައްވާނެތޯ، މިދިޔަ ހަފުތާ ބަންދުގައި އައްޑު އަށް ކުރެއްވި ދަތުރުފުޅުގައި އެމްޑީޕީގެ މެމްބަރުންނާ އެކު ބޭއްވި ބައްދަލުވުންތަކުގެ ތެރެއިން ސަޕޯޓަރަކު ސުވާލު ކުރުމުންނެވެ. އެ ސުވާލާ ގުޅިގެން ހިނިފުޅުވަޑުވަމުން، ސަމާސާ ރާގަކަށް ދެއްވި ޖަވާބުގައި ނަޝީދު ވިދާޅުވީ، ރާއްޖޭގެ ރައީސްކަން ކުރައްވައިގެން އަނެއްކާވެސް އެ މަނިކުފާނަށް ލިބޭނީ "ބޮނޑިއެއް" ކަމަށެވެ.

އެ ތަފުސީލަކަށް ވަޑައެއް ނުގަންނަވަ އެވެ. އެކަމަކު، އެމްޑީޕީގެ ފުރަތަމަ ވެރިކަމުގެ ރައީސަކަށް އެ މަނިކުފާނު ހުންނަވަނިކޮށް އޭރުގެ އިދިކޮޅު ޕާޓީތަކުގެ މުޒާހަރާއާ ހެދި ދައުރު ނުނިންމަވައި އިސްތިއުފާ ދެއްވަން މަޖުބޫރުވެވަޑައިގަތީ އެވެ.

ނަޝީދު އައްޑޫގައި: އެމަނިކުފާނު ވަނީ އައްޑޫގެ އެކި އަވަށްތަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ސުވާލުތަކަށް ޖަވާބު ދެއްވާފައި. -- ފޮޓޯ | ސޯޝަލްމީޑިއާ

ނަޝީދު އައްޑޫގައި: އެމަނިކުފާނު ވަނީ އައްޑޫގެ އެކި އަވަށްތަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ސުވާލުތަކަށް ޖަވާބު ދެއްވާފައި. -- ފޮޓޯ | ސޯޝަލްމީޑިއާ

ނަޝީދަށް އަމާޒުވި ސުވާލުގައި، އެ މަނިކުފާނު ދެއްކެވީ ގެންގުޅުއްވާ ބަރުލަމާނީ ވިސްނުންފުޅުގެ ވާހަކަތަކެވެ. މިއީ، ބަރުލަމާނީ ނިޒާމަކަށް ބަދަލުވުމާ ގުޅޭ ގޮތުން، މިދިޔަ މަހު ބޭއްވި އެމްޑީޕީގެ ކޮންގްރެސް އަށް ހުށަހެޅި ގަރާރަށް ތާއީދު ނެތިގެން އަނބުރާ ގެންދެވި ފަހުން އެ ނިޒާމުގެ ވިސްނުންފުޅު ހާމަކުރެއްވި ފުރަތަމަ އާއްމު ބައްދަލުވުމެވެ.

އިތުރަށް މަޝްވަރާކުރަން އަނބުރާ ގެންދެވި އެ ގަރާރާ ގުޅޭ ގޮތުން، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކުރިން ގޮތެއް ނިންމުމުގެ ވިސްނުމެއް އެމްޑީޕީގެ އިސް ބައެއް ބޭފުޅުންގެ ނެތެވެ.

އެހެންވިޔަސް ނަޝީދު އަނެއްކާވެސް ވިދާޅުވީ ބަރުލަމާނީ ނިޒާމަކުން ނޫން ގޮތަކަށް ރާއްޖޭގެ ވެރިކަން ހިންގޭނެ ކަމަކަށް ލަފާނުކުރެއްވޭ ކަމަށެވެ. އެ ނޫން ގޮތަކަށް ރައީސްކަން ކުރައްވާ ނަމަ "ތި ބޭފުޅުން އަޅުގަނޑު ދެކެ އަންނާނީ ރުޅި" ކަމަށް ވިދާޅުވި އެވެ.

"ނިޒާމު ބަދަލުކުރުމުގެ މަސައްކަތް އަޅުގަނޑު ކުރާނެ. އަޅުގަނޑު ދެކޭނީ އަޅުގަނޑަށް ކާމިޔާބުވާނެ ކަމަށް. އަޅުގަނޑު ދެކޭނީ ރިޔާސީ އިންތިހާބަށް ވުރެން މުހިއްމު ވެގެން އަންނަން ވާނީ ޕާލަމެންޓްރީ އިންތިހާބު ކަމަށް،" ނަޝީދު ވިދާޅުވި އެވެ.

އެ ތަފްސީލުތައް ދެއްވުމަށް ފަހު، ނަޝީދު ރައީސްކަމަށް ވާދަކުރައްވާނަންތޯ ކުރި ސުވާލަށް ސީދާ ޖަވާބު ނުދެއްވައި ވިދާޅުވީ އެ ސުވާލެއް އަދި ނުނިކުމޭ ކަމަށެވެ.

ނަޝީދު އަބަދުވެސް ވިދާޅުވަމުން ގެންދެވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެ މަނިކުފާނު ވާދަކުރައްވާނެ ކަމަށެވެ. އެކަމަކު، މިދިޔަ މަހު ނިމުނު ކޮންގްރެސްގައި އެ މަނިކުފާނުގެ ބަރުލަމާނީ ގަރާރަށް ކާމިޔާބުނުވެ، ނިންމާލަން ޖެހުމުން ޕްރައިމަރީގައި ވާދަކުރައްވަފާނެތޯ ޕާޓީގެ ބައެއް މެމްބަރުންގެ ހިތުގައި ވެސް ވަނީ ސުވާލު އުފެދިފަ އެވެ.

ނަޝީދު އައްޑޫގައި އެމްޑީޕީގެ މެމްބަރުންނާ ވާހަކަ ދައްކަވަނީ: އެމަނިކުފާނު ވިދާޅުވަނީ ބަރުލަމާނީ ގެނައުމުގެ މަސައްކަތް ހުއްޓާނުލައްވާ ކަމަށް. -- ފޮޓޯ | ސޯޝަލްމީޑިއާ

ނަޝީދު އައްޑޫގައި އެމްޑީޕީގެ މެމްބަރުންނާ ވާހަކަ ދައްކަވަނީ: އެމަނިކުފާނު ވިދާޅުވަނީ ބަރުލަމާނީ ގެނައުމުގެ މަސައްކަތް ހުއްޓާނުލައްވާ ކަމަށް. -- ފޮޓޯ | ސޯޝަލްމީޑިއާ

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ މި އަހަރުގެ ތެރޭގައި އޮންނާނެ ކަމަށް އެ ޕާޓީގެ އިސް ބައެއް ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.

ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާދަކުރައްވާނެ ކަން އޮތީ އިއުލާން ކުރައްވައިފަ އެވެ. އެ މަނިކުފާނުގެ ވިސްނުންފުޅުގައި ބަރުލަމާނީ ނިޒާމަކުން ވެރިކަން ކުރެއްވުމެއް ނެތެވެ. އެންމެ ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ އެމްޑީޕީ އަށް އެ އިންތިހާބު ކާމިޔާބު ކުރެވޭނީ އެ މަނިކުފާނު ނުކުންނަވައިގެން ކަމަށެވެ. ސަބަބެއް ކަމަށް އެ ވިދާޅުވީ އިންތިހާބު ކާމިޔާބުކުރަން ބޮޑު ކޯލިޝަން ހެދޭނެ ކަމުގެ ޔަގީންކަމެއް އެ މަނިކުފާނަށް އޮތުމެވެ.