Roadha Mihaaru
އަޅުގަނޑުގެ ރަނިން މޭޓަކީ އައްޑޫ ބޭފުޅެއް: ނަޝީދު

އަޅުގަނޑުގެ ރަނިން މޭޓަކީ އައްޑޫ ބޭފުޅެއް: ނަޝީދު

08 ޖެނުއަރީ 2023

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވުމަށް ފަހު ރިޔާސީ އިންތިހާބުގައި އެމަނިކުފާނުގެ ރަނިން މޭޓަކަށް ހަމަޖައްސަވާނީ އައްޑުއަށް ނިސްބަތްވާ ބޭފުޅެއް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވުމަށް ފަހު ރިޔާސީ އިންތިހާބުގައި އެމަނިކުފާނުގެ ރަނިން މޭޓަކަށް ހަމަޖައްސަވާނީ އައްޑުއަށް ނިސްބަތްވާ ބޭފުޅެއް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ޕާޓީގެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ވާދަކުރައްވައި ފޯރިގަދަ ކެމްޕޭނެއް ހިނގާ ޕްރައިމަރީއާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ރަނިން މޭޓަކަށް ވެވަޑައިގަންނަވާ ބޭފުޅާ އަކީ މުޅި ރާއްޖެ ތަމްސީލް ކުރެއްވޭ ފަދަ ބޭފުޅަކަށް ވާނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ އެމަނިކުފަނުގެ އުމުރުފުޅު ދޮށިވަމުންދާތީ ޒުވާނުންގެ ހިއްސާ ވެސް ވަރަށް ބޮޑުވާން ޖެހޭ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އެއީ ރަނިން މޭޓަކާ މެދު ވިސްނަވާއިރު ބައްލަވާނެ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވި އެވެ.

އަޅުގަނޑު އުންމީދުކުރަން އަޅުގަނޑުމެންނަށް ކާމިޔާބު ރަނިން މޭޓަކާ އެކީގައި ކުރިޔަށް ދެވޭނެ ކަމަށް. -- ނަޝީދު

އެކަމަކު މުޅި ރާއްޖެ ތަމްސީލްކުރެއްވޭ އައްޑޫ ބޭފުޅަކީ ކޮބައިކަމެއް ވިދާޅެއް ނުވެ އެވެ. އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ ތެރޭގައި އައްޑުއަށް ނިސްބަތްވާ ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ.

"އަޅުގަނޑު އުންމީދު ކުރަން އަޅުގަނޑުމެންނަށް ކާމިޔާބު ރަނިން މޭޓަކާ އެކީގައި ކުރިޔަށް ދެވޭނެ ކަމަށް." ނަޝީދު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމުގެ ވާހަކަ ދައްކަވާއިރު އެ ނޫން ހާލަތެއް އަތުވެއްޖެ ނަމަ ދެން އަމަލު ކުރައްވާނެ ގޮތަކާ ބެހޭ ގޮތުން ނޫސްވެރިން ތަކުރާރުކޮށް ކުރި ސުވާލުތަކަށް ނަޝީދު ސީދާ ޖަވާބެއް ނުދެއްވަ އެވެ.

އެމަނިކުފާނު ވިދާޅުވަނީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެމަނިކުފާނަށް ވަރަށް ބޮޑު ތާއީދެއް އެބައޮތް ކަމަށާއި 70 ޕަސަންޓާ ގާތް ކުރާ އަދަދަކަށް ވޯޓު ލިބިވަޑައިގަންނަވާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

"[ނަތީޖާ] ކޮންމެ ގޮތަކަށް ނުނިކުންނާނެ. ތަކުރާރުކޮށް މި ދަންނަވަނީ އިރާދަކުރެއްވިއްޔާ އަޅުގަނޑު މޮޅުވާނެ،" ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވަން ހަމަޖެހިފައި ވަނީ މި މަހު 28 ގަ އެވެ.