Roadha Mihaaru
ރާއްޖޭގެ ސްޕޭސް މިޝަންގެ ނަމަކަށް "އަޒުމް"

ރާއްޖޭގެ ސްޕޭސް މިޝަންގެ ނަމަކަށް "އަޒުމް"

19 ސެޕްޓެމްބަރ 2022

ރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަނަށް ކިޔަން ނިންމާފައި ނަމަކީ "އަޒުމް" ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަނަށް ކިޔަން ނިންމާފައި ނަމަކީ "އަޒުމް" ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.

އިންސްޓިޓިއުޓް ފޯ ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން ކުރިއަށް ގެންދާ އެ ޕްރޮގްރާމުގެ މެއިން ޕާޓްނަރު، އެޗްޑީސީން ބުނީ އެ ނަން ހުށަހެޅުއްވީ ސައުދުﷲ އިދުރީސް ކަމަށެވެ. އޭނާ އަކީ ހއ. އުލިގަމު ސްކޫލްގެ ޕްރިންސިޕަލެވެ.

"ސައުދުﷲ އަޅުގަނޑުމެންނަށް މި ނަން ހިއްސާކުރެއްވީތީ ޝުކުރު އަދާކުރަން،" އެޗްޑީސީން ބުންޏެވެ.

"އަޒުމް"ގެ މާނައަކީ ކަމެއް ހާސިލުކުރުމަށް ކުރާ ގަދަ ހިތްވަރެވެ. ސްޕޭސް މިޝަނަށް އެ ނަން ކިޔަން ނިންމުމުގައި އެޗްޑީސީން ބެލި ކަންކަމަކީ؛

- ދިވެހި ބަހުން ދީފައިވާ ނަމަކަށްވުން.

- ފަސޭހައިން ކިޔާލެވޭ ނަމަކަށްވުން.

- ސްޕޭސް ޓީމާއި ޒުވާނުންނަށް ކުރިއަށް ދިއުމަށް ހިތްވަރު ލިބޭނެ ކަހަލަ ނަމަކަށްވުން.

އެ މިޝަނަށް ކިޔާނެ ނަމެއް ހުށަހެޅުމަށް އާންމުންނަށް ހުޅުވާލީ ޖުލައި މަހު އެވެ.

ރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަންގެ ޓީމުގައި ހިމެނެނީ 30 އަހަރުން ދަށުގެ ހަތް ޒުވާނެކެވެ. އެއީ ދެ އަންހެނަކާއި ފަސް ފިރިހެނުންނެވެ. އެ ޓީމުގެ މެމްބަރުންނަކީ އެރޯސްޕޭސް އިންޖީނިއަރުންނާއި އިލެކްޓްރޯނިކްސް އަދި މެކޭނިކަލް އިންޖީނިއަރުންގެ އިތުރުން ކޮމްޕިއުޓާ ސައިންސް ދާއިރާގެ ގްރެޖުއޭޓުންނެވެ.

އެ ޕްރޮގްރާމު ކުރިއަށް ގެންދާ އައިޖީއެސް އިން ބުނެފައިވާ ގޮތުގައި އެ ޓީމު ވަނީ ނެނޯ ސެޓަލައިޓް އިންޖިނިއަރިން ޕްރޮފެޝަނަލް ކޯސް ފުރިހަމަ ކޮށްފަ އެވެ. އެ ކޯހަކީ ސެޓަލައިޓް ހަދައި ލޯންޗުކޮށް، ސައިންޓިފިކް ރިސާޗް ހަދަން ހަދަން ދަސްކޮށްދޭ ކޯހެކެވެ.

އެ ސްޕޭސް މިޝަންގެ އަމާޒަކީ ރާއްޖޭގެ ފުރަތަމަ "ޕްރޮޓައިޕް ސެޓެލައިޓް" ހަދައި ޓެސްޓްކުރުމެވެ. އެއީ ދުނިޔެ ހޫނުވުމާއި މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމަށް ބޭނުންވާ މައުލޫމާތު އެއްކުރަން އަޖުމަ ބެލުމަށް ހަދާ ސެޓެލައިޓެކެވެ.

ސްފޭސް މިޝަންގެ ޑައިރެކްޓަރަކަށް އައްޔަންކޮށްފައި ވަނީ އިންޑިއާގެ ތަޖުރިބާކާރެއް ކަމަށްވާ ޑރ. ސްރިމަތީ ކޭސަން އެވެ. އޭނާ އަކީ 2017 ގައި ނާސާ އިން ލޯންޗުކުރި ދުނިޔޭގެ އެންމެ ކުޑަ ސެޓްލައިޓްގެ މިޝަންގެ ވެސް ޑައިރެކްޓަރެވެ.