Roadha Mihaaru
ނާސާ ހަނދަށް ދިއުމުގެ ދަތުރު ފަށައިފި

ނާސާ ހަނދަށް ދިއުމުގެ ދަތުރު ފަށައިފި

16 ނޮވެމްބަރ 2022

އިންސާނުން އެންމެ ފަހުން ހަނދަށް ދިޔަތާ 50 އަހަރު ފަހުން، އަނެއްކާ ވެސް އިންސާނުން ހަނދަށް ދިއުމަށް އެމެރިކާ އިން ފަށާފައިވާ މަޝްރޫއުގެ ދަށުން، އަޖުމަ ބެލުމުގެ ގޮތުން ޖައްވަށް ފޮނުވަން ހަމަޖެހިފައިވާ އާޓެމިސް 1 ދާދި ދެންމެއަކު ޖައްވަށް ފުރުވާލައިފި އެވެ.

އިންސާނުން އެންމެ ފަހުން ހަނދަށް ދިޔަތާ 50 އަހަރު ފަހުން، އަނެއްކާ ވެސް އިންސާނުން ހަނދަށް ދިއުމަށް އެމެރިކާ އިން ފަށާފައިވާ މަޝްރޫއުގެ ދަށުން، އަޖުމަ ބެލުމުގެ ގޮތުން ޖައްވަށް ފޮނުވަން ހަމަޖެހިފައިވާ އާޓެމިސް 1 ދާދި ދެންމެއަކު ޖައްވަށް ފުރުވާލައިފި އެވެ.

އެމެރިކާގެ ފްލޮރިޑާގައި ހުންނަ ކެނެޑީ ސްޕޭސް ސެންޓަރުން އާޓެމިސް 1 ދަތުރަށް ފެށީ ރާއްޖޭ ގަޑިން މިއަދު – އެވެ. މި ދަތުރަކީ ހަނދަށް މީހުން ގެންދިއުމަށް އުފައްދާފައިވާ ކެޕްސޫލް (އޯރިއަން) މީހަކާ ނުލައި ޖައްވަށް ދަތުރުކޮށް ހަނދުގެ ވަށައިގެން ބުރު ޖެހުމަށް ފަހު އެނބުރި ބިމަށް ގެނައުމަށް ރާވާފައިވާ ދަތުރެކެވެ.

އާޓެމިސް 1ގެ މި ދަތުރުގައި، މީހުންނާ ނުލައި އޯރިއަން ދަތުރުކުރާނީ ހަނދުގެ ފަލަކަށެވެ. ހަނދަށް ތިރިނުކޮށް ހަނދުގެ ފަލަކުގައި ހަ ހަފުތާ ވަންދެން ބުރު ޖެހުމަށް ފަހު، ކެޕްސޫލް އެނބުރި ބިމަށް ތިރިކުރާނީ ޕެސިފިކް ކަނޑުގެ ސަރަހައްދަކަށެވެ. މި ދަތުރުގައި އޯރިއަން ޖައްވަށް ދާނީ މީހުން ނުލައި ކަމަށް ވިޔަސް، މީހުން ގޮވައިގެން ހަނދަށް ކުރާ ދަތުރުގައި ކުރުމަށް ތާވަލުކޮށްފައިވާ ގިނަ ކަންތައް، އަޖުމަ ބެލުމުގެ ގޮތުން މިދަތުރުގައި ވެސް ކުރާނެ އެވެ.

އާޓެމިސް 1ގެ ދަތުރު މި ފެށީ، މި ދަތުރަށް ފެށުމަށް މީގެ ކުރިން ތިން ފަހަރު ކުރި މަސައްކަތް ވެސް، ތަފާތު ފަންނީ މައްސަލަތަކާ ހެދި ކެންސަލް ކުރުމަށް ފަހު އެވެ. މިއަދު އާޓެމިސް 1 ޖައްވަށް އުދުއްސައިލުމާއެކު، އޭގެ ދުވެލި މަތިވަމުން ގޮސް، ގަޑިއަކު 40233 މޭލު ބާރުމިނުގައި ދަތުރުކޮށް އެންމެ އަށް މިނެޓްގެ ތެރޭގައި ޖައްވަށް ފޯރި އެވެ.

އާޓެމިސް 1 ގެ ދަތުރު ރޭވިފައިވާ ގޮތުގެ ކުރެހުމެއް

އާޓެމިސް 1 ގެ ދަތުރު ރޭވިފައިވާ ގޮތުގެ ކުރެހުމެއް

އާޓެމިސް މަރުކާގެ ރޮކެޓަކީ، ޖައްވީ ދަތުރުތަކުގައި ބޭނުންކުރުމަށް މިހާތަނަށް ދުނިޔޭގެ އެކި ގައުމުތަކުން އުފެއްދި ރޮކެޓްތަކުގެ ތެރެއިން ވެސް އެންމެ ބާރުގަދަ ރޮކެޓެވެ. ޖުމްލަ 32 ބުރީގެ އިމާރާތެއްގެ އުސްމިން ހުރި މި އުޅަނދު (އާޓެމިސް ރޮކެޓާއި އޭގެ ކުރީގައިވާ އޯރިއަން ކެޕްސޫލް) ޖައްވަށް ފުރުވައިލީ، އެމެރިކާ ގަޑިން އަންގާރަ ދުވަހުގެ ރޭ މެންދަމު 1:48ގަ (ރާއްޖޭ ގަޑިން ބުދަ ދުވަހުގެ ހެނދުނު 11:48) އެވެ.

އޯރިއަންގައި މީހުން ގޮވައިގެން ހަނދަށް ދަތުރުކުރުމަށާއި، އާޓެމިސް މަރުކާގެ ރޮކެޓްގައި އޯރިއަން ޖައްވަށް ގެންދިއުމަށް ނާސާ އިން ހުއްދަ ދޭނީ، އާޓެމިސް 1ގެ ދަތުރުގެ ކާމިޔާބީ އަށް ބިނާކޮށްފަ އެވެ. މީހުން ގޮވައިގެން އޯރިއަން ޖައްވަށް ފުރާނީ، އާޓެމިސް 2ގެ ދަތުރުގަ އެވެ. މިއަދު މި ފެށި ދަތުރު، ކުރިން ރާވާފައިވާ ގޮތަށް ކާމިޔާބު ވެއްޖެ ނަމަ، ނާސާ އިން ދެން ތައްޔާރުވާނީ އިންސާނުން ގޮވައިގެން ހަނދަށް ދިއުމަށެވެ.

އާޓެމިސް 2 ގެ ދަތުރު ރޭވިފައިވާ ގޮތުގެ ކުރެހުމެއް

އާޓެމިސް 2 ގެ ދަތުރު ރޭވިފައިވާ ގޮތުގެ ކުރެހުމެއް

އާޓެމިސް 2ގެ ދަތުރުގައި މީހުންނާ އެކު، ހަނދުގެ ފަލަކުގައި ބުރުޖަހަމުން ގޮސް، ހަނދުގެ ބިތްދޮށް ފަރާތުން، ހަނދުގެ ބިންގަނޑާ 4000 މޭލު ކައިރިން ދަތުރު ކުރާނެ އެވެ. މެއި 2024 ގައި ކުރުމަށް ހަމަޖެހިފައިވާ އެ ދަތުރަކީ، ޑިސެމްބަރު 11، 1972 ގައި އެޕޯލޯ 17 ގައި އެމެރިކާގެ އެސްޓްރޮނޯޓުން ހަނދަށް ދިޔަ ފަހުން، އިންސާނުންގެ ބަޔަކު ހަނދާ އެންމެ ކައިރިއަށް ދަތުރުކުރާ ފުރަތަމަ ފަހަރަށް ވާނެ އެވެ.

އާޓެމިސް 2ގެ ދަތުރުގައި ވެސް އިންސާނުން ހަނދަކަށް ނުފައިބާނެ އެވެ. އަޖުމަ ބެލުމުގެ އެ ދަތުރަށް ފަހު، އެމެރިކާގެ އެސްޓްރޮނޯޓުން ހަނދަށް ފޭބުމަށް ހަމަޖެހިފައިވަނީ އާޓެމިސް 3ގެ ދަތުރުގަ އެވެ. އާޓެމިސް 2 ގެ ދަތުރަށް ފަހު އަހަރެއްހާ ދުވަސް ފަހުން، އާޓެމިސް 3 ހަނދަށް ކުރާ ދަތުރުގައި، އެސްޓްރޮނޯޓުން ހަނދަށް ފައިބާނީ ހަނދުގެ ދެކުނު ތަނޑީގެ ކޮންމެވެސް ސަރަހައްދަކަށެވެ.

އާޓެމިސް 3 ގެ ދަތުރު ރޭވިފައިވާ ގޮތުގެ ކުރެހުމެއް

އާޓެމިސް 3 ގެ ދަތުރު ރޭވިފައިވާ ގޮތުގެ ކުރެހުމެއް

އާޓެމިސް 3ގެ ދަތުރުގައި ހަތަރު އެސްޓްރޮނޯޓުން ހަނދަށް ދަތުރުކުރާނެ އެވެ. އޭގެ ތެރެއިން ދެ އެސްޓްރޮނޯޓުން ހަނދަށް ފައިބާނީ، އޯރިއަން ކެޕްސޫލްގައިވާ ޚާއްޞަ އުޅަނދެއްގަ އެވެ. ހަނދަށް ފައިބާ ދެ އެސްޓްރޮނޯޓުންގެ ތެރޭގައި އަންހެނަކު ވެސް ހިމެނޭ އިރު، މިއީ އިންސާނީ ތާރީޚުގައިވެސް އަންހެނަކު ހަނދަށް ފައިބާ ފުރަތަމަ ފަހަރަށް ވާނެ އެވެ. އަނެއް ދެ އެސްޓްރޮނޯޓުން ތިބޭނީ، ހަނދުގެ ވަށައިގެން ބުރުޖަހަމުންދާ އޯރިއަން ކެޕްސޫލްގެ ތެރޭގަ އެވެ.

ޚާއްޞަ އުޅަނދު ހަނދަށް ތިރިކުރުމަށް ފަހު، ހަ ދުވަސް ވަންދެން ހަނދުގައި މަޑުކުރާނެ އެވެ. އެ މުއްދަތުގެ ތެރޭގައި ދެ އެސްޓްރޮނޯޓުން ހަތަރު ފަހަރެއްގެ މަތިން ހަނދަށް ފައިބައި، ސައެންޓިފިކް ތަހުލީލުތައް ކުރާނެ އެވެ. އެ ދެ އެސްޓްރޮނޯޓުން ވެސް ގިނަ ވަގުތު ހޭދަކުރާނީ، ހަނދަށް ތިރިކޮށްފައި އޮންނަ ޚާއްސަ އުޅަނދުގެ ތެރޭގަ އެވެ.