Roadha Mihaaru
މަސްވެރިންނާ ގުޅޭ ވައުދު ނުފުއްދާ މައްސަލަ މަޖިލީހަށް

ސަރުކާރުން މަސްވެރިންނަށް އިހުމާލުވާ ކަމަށް ބުނެ ހުށަހެޅި ކުއްލި މައްސަލަ ބަލައިގެންފި

23 މާޗް 2022

ސަރުކާރުން ވައުދުވި ގޮތަށް މަހަށް ހަމަ އަގު ހޯދައިދިނުމުގެ ވައުދު ނުފުއްދުމާއި މަސްވެރިންނާ މެދު އިހުމާލުވަމުންދާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލައެއް ބަލައިގަންނަން ފާސްކޮށްފި އެވެ.

ސަރުކާރުން ވައުދުވި ގޮތަށް މަހަށް ހަމަ އަގު ހޯދައިދިނުމުގެ ވައުދު ނުފުއްދުމާއި މަސްވެރިންނާ މެދު އިހުމާލުވަމުންދާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލައެއް ބަލައިގަންނަން ފާސްކޮށްފި އެވެ.

މަސްވެރިންނާ ގުޅޭ ކަންބޮޑުވުންތައް ހިމެނޭ ކުއްލި މައްސަލަ ހުށަހެޅުއްވީ މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާނެވެ.

ކުއްލި މައްސަލާގައިވާ ގޮތުން އެޖެންޑާ 19 މެނިފެސްޓޯ އާއި ސަރުކާރުން އެކުލަވައިލި މެނިފެސްޓޯގައި ވެސް މަސްވެރިންނަށް ހަމަ އަގު ހޯދައިދިނުމަކީ ބޮޑު ވައުދެއް ކަމަށާއި ނަމަވެސް އެކަން ސަރުކާރުން ފުއްދަމުން ނުދާ ކަމަށެވެ.

ތެލުގެ އަގު ބޮޑުވުމާއި ހަމަ އަގު ނުލިބުމުގެ ސަބަބުން މަސްވެރިންނަށް ބަހާނެ ފައިސާއެއް ނެތި މަސައްކަތްތައް ބޭކާރުވަމުންދާ ކަމަށާއި ބޭނުންވާ ފެސިލިޓީތައް ވެސް ގާއިމް ކޮށްދީފައި ނުވާ ކަމަށް ފިރުޝާން ވިދާޅުވި އެވެ.

މަޖިލީހުން މަސްވެރިކަމުގެ ގާނޫނު ފާސްކޮށްފައި ނަމަވެސް އެ ގާނޫނު ވެސް ސަރުކާރުން ތަންފީޒު ނުކޮށް ފަހަތު ފަޔަށް ބުރަވެފައިވާ ކަމަށް ފިރުޝާން ވިދާޅުވި އެވެ. އަދި މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންތައް ހަދާ ތަންފީޒު ކުރަން ސަރުކާރުން ފަސް ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެކަން އެގޮތަށް ހިނގަނީ މަސް ބަންދު ކުރާ ފެކްޓަރީ ހިންގުމުގައި އުޅޭ ސަރުކާރާ ގުޅުން ހުރި ބޮޑެތި ވިޔަފާރިވެރިންގެ ބާރާ ނުފޫޒުންކަން ފާހަގަކޮށްލަން،" ފިރުޝާން ވިދާޅުވި އެވެ.

އެކަމާ ގުޅޭ ގޮތުން ކުރިގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ 2019 ވަނަ އަހަރު ފާސް ކުރި މަސްވެރިކަމުގެ ގާނޫނުގެ ދަށުން މަސް ގަތުމުގެ ވިޔަފާރި ވާދަވެރިކަމުގެ ތެރެއަށް ހުޅުވާލަން ޖެހޭ ކަމަށާއި އެ ވާދަވެރިކަމުގެ ތެރެއިން މަހުގެ އަގު އުފުލޭނެ ކަމަށެވެ. އަދި މަސް ޕްރޮސެސް ކުރުން އެއީ ރަށްރަށުގައި ގޭދޮށު މަސް ޕްލާންޓުތައް އުފައްދައިގެން ކުރާ ކަމެއް ގޮތުގައި ބަދަލުވުމަށް ވެސް ގާނޫނުން ބާރު އަޅާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ރޭންޖަރުން ގެންގުޅުމާއި މެނޭޖްމަންޓް ޕްލޭން ހެދުމާއި މި ބާވަތުގެ ވަރަށް ގިނަ ވަރަށް ފުޅާ އަދި އެހާމެ ބޮޑަށް ބަލައިގެން ހަދާފައިވާ ގާނޫނެއް މިގާނޫނަކީ. މިފަދަ ގާނޫނެއް މަދު މި ސަރަހައްދުގައި ވެސް،" ނަޝީދު ވިދާޅުވި އެވެ.