Roadha Mihaaru
އައްޑޫގައި ވަރަށްއަވަހަށް ކެތުލެބެއް ހުޅުވާނެ: ފައިސަލް

އައްޑޫގައި ވަރަށް އަވަހަށް ކެތުލެބެއް ހުޅުވާނަން: ފައިސަލް

21 ސެޕްޓެމްބަރ 2022

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ވަރަށް އަވަހަށް ކެތުލެބެއް ހުޅުވާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމު މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ވަރަށް އަވަހަށް ކެތުލެބެއް ހުޅުވާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމު މިއަދު ވިދާޅުވެއްޖެ އެވެ.

އޭޑީކޭއިން އިންތިޒާކޮށްގެން ބާއްވާ "މޯލްޑިވްސް ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް 2022" ގައި ފައިސަލް ވިދާޅުވީ، ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ސިއްހީ ހިދުމަތް އިތުރަށް ތަރައްގީކުރަން މުހިއްމުު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން، ރަށްރަށުގައި އެކި ދާއިރާތަކުން ސްޕެޝަލިސްޓުން އިތުރު ކުރުމަށް ވެސް ވަރަށް ހާއްސަ އިސްކަމެއް ދޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އެކި ސަރަހައްދުތަކުގައި ހުރި ރީޖަނަލް ހޮސްޕިޓަލްތައް ޓާޝަރީ ފެންވަރަށް ބަދަލުކޮށް އޭގެ ތެރެއިން ބައެއް ތަންތަނުގައި ސަރުކާރުން އަންނަނީ އާ ހިދުމަތްތައް ތައާރަފްކުރަމުންނެވެ. އޭގެ ތެރެއިން، ހިތުގެ މައްސަލަތަކަށް ފަރުވާ ދިނުމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި ހަދާ ކެތު ލިބެ ހިމެނެ އެވެ. މިއީ، މާލެ ސަރަހައްދުން ބޭރުގައި ހަދާ މި ފަދަ ފުރަތަމަ ލެބެވެ.

ހިތުގެ އޮޕަރޭޝަންތައް ކުރުމަށް ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުގައި ކެތުލެބް ހުޅުވީ 2016 ވަނަ އަހަރެވެ. އެ ތަނުން މައިގަނޑު ގޮތެއްގައި ހަދަނީ އެންޖިއޯ ޕްލާސްޓީ އާއި އެންޖިއޯގްރަފީ އެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ބަލި މީހަކަށް ފަރުވާ ދެނީ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ބަލި މީހަކަށް ފަރުވާ ދެނީ.

ފައިސަލް ވިދާޅުވީ، ސިއްހީ ދާއިރާ ހަރުދަނާ ކުރުމަށް ރާއްޖޭގައި އެ ދާއިރާއިން ފަންނީ މީހުން އުފެއްދުމަށް ހާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ. މަތީ ތައުލީމް ހާސިލްކުރުމަށް ސަރުކާރުން ދެމުން އަންނަ ސްކޮލަޝިޕްތަކުގައި މެޑިސިންގެ ދާއިރާއިން 70 އަށްވުރެ އަންނަނީ ކިޔަވަމުންނެވެ. އަަދި ނަރުސްކަން 800 އެއްހާ ކުދިން ކިޔަވަމުންދެ އެވެ.

ފައިސަލް ވިދާޅުވީ، ސިއްހީ ދާއިރާ ކުރިއެރުވުމަށް ޕްރައިވެޓް ސެކްޓާގެ ދައުރު ވަރަށް މުހިއްމު ކަމަށެވެ. އޭޑީކޭއިން އިސްނަގައިގެން ސިއްހީ ދާއިރާ އާ ހަރުފަތަކަށް ގެންދިއުމަށް ކުރާ މަސައްކަތްތައް ނައިބު ރައީސް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި ސިއްހީ ގޮތުން ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަށް އަލިއަޅުއްވައިލެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ، ގައިންގަޔަށް ނާރާ ބަލިތައް ރާއްޖޭގައި ކަންބޮޑުވާން ޖެހޭ މިންވަރަށް އިތުރުވާ ކަމަށެވެ. އެކަން ހައްލުކުރަން ރަނގަޅު ދިރިއުޅުމުގެ ވައްޓަފާޅިއެއް ގެންގުޅެން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އޭޑީކޭއިން ބޭއްވި ކޮންފަރެންސްގައި ނިއުރޯ ދާއިރާއިން ފެނުނު އާ ހޯދުންތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެނެ އެވެ. މި ކޮންފަރެންސްގައި އެކި ގައުމުތަކުގެ ނިއުރޯ ދާއިރާގެ ޑޮކްޓަރުން ބައިވެރިވެފައިވެ އެވެ.