Roadha Mihaaru
އައްޑޫގައި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރެއް

އައްޑޫގައި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރެއް ގާއިމުކުރަނީ

04 އެޕްރީލް 2021

ހެދިބޮޑުވުމުގައި ހާއްސަ އެހީތެރިކަމަށް ބޭނުންވާ ކުދިންނަށް ބޭނުންވާ ފަރުވާ އާއި ހިދުމަތްތައް ދިނުމަށް އައްޑޫގައި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރެއް ހުޅުވުމާ ބެހޭ ގޮތުން ކަމާބެހޭ ފަރާތްތަކާ އެކު ނައިބު ރައީސް ފައިސަލް ނަސީމް މިއަދު މަޝްވަރާކުރައްވައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހެދިބޮޑުވުމުގައި ހާއްސަ އެހީތެރިކަމަށް ބޭނުންވާ ކުދިންނަށް ބޭނުންވާ ފަރުވާ އާއި ހިދުމަތްތައް ދިނުމަށް އައްޑޫގައި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރެއް ހުޅުވުމާ ބެހޭ ގޮތުން ކަމާބެހޭ ފަރާތްތަކާ އެކު ނައިބު ރައީސް ފައިސަލް ނަސީމް މިއަދު މަޝްވަރާކުރައްވައިފި އެވެ.

މިއަދު ހެނދުނު ވާޗުއަލްކޮށް ބޭއްވި ބައްދަލުވުމުގައި ނައިބު ރައީސް ވިދާޅުވީ، ހެދިބޮޑުވުމުގައި ހާއްސަ އެހީތެރިކަމަށް ބޭނުންވާ ކުދިންނަށް ބޭނުންވާ ފަރުވާ އާއި ހިދުމަތްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުން ލިބޭނެގޮތް ހެދުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ. އެގޮތުން، ހުޅުމާލޭ ހޮސްޕިޓަލްގައި އެ ހިދުމަތްތައް ފެށުމަށް ފަހު ރާއްޖޭގެ އެންމެ ދެކުނުން އައްޑޫގައި އެ ހިދުމަތްތައް ފެށުމަށް ތައްޔާރުވަމުންދާ އިރު އެ ހިދުމަތްތައް ދިނުމުގައި ކަމާބެހޭ ހުރިހާ އިދާރާތަކެއްގެ ފުރިހަމަ އެއްބާރުލުމާއި ބައިވެރިވުމާ އެކު ކުރިއަށް ގެންދިއުން ވަރަށް މުހިއްމު ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ބެލުމުގެ ދަށުން އައްޑޫގައި ގާއިމުކުރާ ސެންޓަރާ ބެހޭ ގޮތުން އެ ހޮސްޕިޓަލުން މި ބައްދަލުވުމުގައި ޕްރެޒެންޓޭޝަނެއް ވެސް ހުށަހަޅާފައިވެ އެވެ.

ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް އަމާޒުކޮށް ގާއިމުކުރަން ހަމަޖެހިފައިވާ ސެންޓަރުގައި ހިދުމަތް ދިނުމުގައި ކްލިނިކަލް ސައިކޮލޮޖިސްޓަކާއި އޮކިއުޕޭޝަނަލް ތެރަޕިސްޓެއްގެ އިތުރުން ސްޕީޗް ތެރަޕިސްޓެއް ވެސް ހިމެނޭ ގޮތަށް މަލްޓި ޑިސިޕްލިނަރީ ޓީމެއް ހިމެނޭނެ އެވެ.

އައްޑޫ ދަމަނަވެށި އިމާރާތުގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ސެންޓަރުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ކުދިންގެ ހެދިބޮޑުވުމަށް ބޭނުންވާ ހުރިހާ ފަރުވާއެއް ލިބޭނެ ގޮތަށް އިސްކަންދީގެން އަދި އައްޑޫގައި ކުރިއަށް ގެންދާ ސްޕެޝަލް ނީޑް ކްލާސްތަކާއި އެފަދަ ކަމާގުޅުން ހުރި ހުރިހާ ފަރާތްތަކާ ވެސް ގުޅިގެން ވަށައިޖެހޭ ގޮތަށެވެ.

މިއަދު ބޭއްވި މި ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އާއި ރައީސް އޮފީހުގެ ސޯޝަލް ޕޮލިސީ އެޑްވައިޒަރު ޑރ. މުސްޠަފާ ލުތުފީ އާއި ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމާއި އައްޑޫގެ ކަމާ ގުޅޭ ދާއިރާގެ ބޭފުޅުންނާއި މަޖީލީހުގެ އައްޑޫގެ ބައެއް މެމްބަރުން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.