Roadha Mihaaru
ނަންބަރު ބޯޑު ގަވައިދަށް ނެތް ނަމަ ފިޔަވަޅު އަޅާނެ

ވެހިކަލްތަކުގެ ނަންބަރު ބޯޑު ގަވައިދަށް ނުހުންނަ ނަމަ ފިޔަވަޅު އަޅާނަން: ފުލުހުން

21 ސެޕްޓެމްބަރ 2022

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ނަންބަރު ބޯޑު ގަވާއިދާ އެއްގޮތަށް ބެހެއްޓުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އަންގާފައި ވާތީ، އެގޮތަށް އަމަލު ނުކުރާ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން މިއަދު ދީފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ނަންބަރު ބޯޑު ގަވާއިދާ އެއްގޮތަށް ބެހެއްޓުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އަންގާފައި ވާތީ، އެގޮތަށް އަމަލު ނުކުރާ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން މިއަދު ދީފި އެވެ.

ފުލުހުން ބުނީ އަންނަ މަހުގެ 1 ވަނަ ދުވަހާ ހަމައަށް ނަންބަރު ބޯޑުގައި ރަނގަޅުކުރަން ހުރި ކަންކަމާ ގުޅޭ ގޮތުން ފުލުހުން އާންމުންނަށް ނަސޭހަތް ދޭނެ ކަމަށެވެ. އަދި އެ ދުވަހުން ފެށިގެން ނަންބަރު ބޯޑު ރަނގަޅު ނުކުރާ ފަރާތްތަކާ މެދު ގަވާއިދާ އެއްގޮތަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

އެއްގަމުގައި ދުއްވާ އިންޖީނުލީ ބައެއް އުޅަނދުތަކުގެ ނަންބަރު ބޯޑުތައް، މިފަހަކަށް އައިސް ހަދައިފައި ހުންނަނީ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދާ ހިލާފަށް ކަމަށް، މިދިޔަ ހޯމަ ދުވަހު ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުންޏެވެ.

ގަވާއިދުގައި އޮންނަ ގޮތް؛

ގަވާއިދުގައިވާ ގޮތުން އެއްގަމުގައި އިންޖީނުލީ އުޅަނދު މަގުމަތީގައި ދުއްވޭނީ ރަޖިސްޓްރީކުރުމަށް ފަހު އެ އުޅަނދުގައި ހަރުކުރުމަށް އެއްގަމު އުޅަނދުފަހަރުގެ ރަޖިސްޓްރާރ، ނުވަތަ ރަޖިސްޓްރާރ އައްޔަންކުރާ ފަރާތަކުން ދޭ ނަންބަރެއް ގަވާއިދުގައި ފާހަގަކޮށްފައިވާ ގޮތަށް ނަންބަރު ހަރުކުރުމަށް ފަހު އެވެ.

ރަޖިސްޓްރީކޮށްފައި ހުންނަ އުޅަނދުގައި ނަންބަރު ޖަހާއިރު، ނަންބަރު ބޯޑުގެ އަކުރުތައް ހުންނަން ވާނީ "އޭރިއަލް ބޯލްޑް" ފޮންޓުންނެވެ. އަދި ނަންބަރު ބޯޑުގެ އަކުރުތަކުގެ ސައިޒު ހުންނަންވާނެ ގޮތް ވެސް ކުރެހުމާ އެކު އެ ގަވާއިދުގައި ހިމަނާފައިވެ އެވެ.

ނަންބަރު ބޯޑު ހަރުކުރުމަށް ޖަަހައިފައި ހުންނަ އިސްކުރު، އެއް ސެންޓިމީޓަރަށް ވުރެ ދިގުކޮށް، ނަންބަރު ބޯޑުގެ ބޭރަށް ނިކުމެފައި ހުރުމަކީ ވެސް މަނާކަމެކެވެ. އަދި ނަންބަރު ބޯޑުގައި ހުންނަ އަކުރުތައް ވަކިން ކަނޑާނަގައިގެން ބޭނުންކުރުމާއި އަކުރުތައް އެއް މިލިމީޓަރަށް ވުރެ އުސްކޮށް އުފުލިފައި ހުންނަ ގޮތަށް ހަދައިގެން ބޭނުންކުރުމަކީ ވެސް މަނާކަމެކެވެ.

އެއްގަމުގައި ދުއްވާ އުޅަނދުފަހަރުގެ ނަންބަރު ބޯޑު ކަރުދާހުން ހަދައިގެން ބޭނުންކުރުމަކީ ވެސް މަނާކަމެކެވެ.

ވިޔަފާރި އުސޫލުން ބޭނުންކުރާ އުޅަނދުތަކުގެ ނަންބަރު ބޯޑުތައް ހުންނަން ވާނީ ރީނދޫ ކުލައިގެ ބޯޑެއްގައި ކަޅުކުލައިގެ އަކުރުންނެވެ. އަދި ކޮންސިއުލާ މިޝަންތަކުގައި ބޭނުންކުރާ އުޅަނދުތަކުގެ ނަންބަރު ބޯޑު ހުންނަން ވާނީ ނޫ ކުލައިގެ ބޯޑެއްގައި ހުދު ކުލައިގެ އަކުރުން ލިޔެފަ އެވެ. އެ ނޫން އުޅަނދުތަކުގެ ނަންބަރު ބޯޑު ހުންނަން ވާނީ ކަޅު ކުލައިގެ ބޯޑެއްގައި ހުދު ކުލައިގެ އަކުރުން ލިޔެފަ އެވެ.

އެ ނޫން ކުލަތަކާއި ދިއްލޭ ކުލަކުލައިން ނަންބަރު ބޯޑު ހަދައިގެން ބޭނުންކުރުމަކީ ވެސް މަނާކަމެކެވެ.