Roadha Mihaaru
ފުރައްސާރައިގެ ވާހަކަދެއްކުމުން މަރާލަން އުޅުން:ތަނުޝްރީ

ޖިންސީ ފުރައްސާރައިގެ ވާހަކަ ދެއްކުމުން މަރާލަން އުޅުނު: ތަނުޝްރީ

24 ސެޕްޓެމްބަރ 2022

އިންޑިއާގެ އެކްޓަރު އަދި ޕްރޮޑިއުސަރު ނާނާ ޕަތޭކަރްގެ ފަރާތުން ޖިންސީ ފުރައްސާރަ ލިބުނު ކަމަށް ބުނެ، އެކަން ސޯޝަލް މީޑިއާގައި ފެންމަތިކުރުމުން މަރައިލަން އުޅުނު ކަމުގެ ތުހުމަތު، ކުރީގެ ބަތަލާ ތަނުޝްރީ ދައްތާ ކޮށްފި އެވެ.

އިންޑިއާގެ އެކްޓަރު އަދި ޕްރޮޑިއުސަރު ނާނާ ޕަތޭކަރްގެ ފަރާތުން ޖިންސީ ފުރައްސާރަ ލިބުނު ކަމަށް ބުނެ، އެކަން ސޯޝަލް މީޑިއާގައި ފެންމަތިކުރުމުން މަރައިލަން އުޅުނު ކަމުގެ ތުހުމަތު، ކުރީގެ ބަތަލާ ތަނުޝްރީ ދައްތާ ކޮށްފި އެވެ.

އެ ތަރިއެއްގެ ކެރިއަރު ހަލާކުވެދާނެތީ ފިލްމު އިންޑަސްޓްރީގެ އަނދިރި ފަރާތް އާންމުކޮށް، ގިނަ ތަރިން ސިއްރު ކުރިޔަސް މީގެ ތިން އަހަރު ކުރިން ތަނުޝްރީ ވަނީ "މީޓޫ މޫވްމަންޓް" ގައި ބައިވެރިވެ އޭނާ އަށް ފިލްމީ ދާއިރާ އިން ކުރިމަތިވި ކަންކަން ކިޔައިދީފަ އެވެ.

އެ ވާހަކަތައް އެހާ ބޮޑަށް އޭރު އާންމު ކުރުމުން ތަނުޝްރީ އަށް ކުރިމަތިވި ބިރުވެރި ކަންތައްތަކެއް ކިޔައި މި ދިނީ އަހަރުތަކެއް ފަހުންނެވެ.

ތަނުޝްރީ ތުހުމަތު ކުރާ ގޮތުގައި "ބޮލީވުޑް މާފިއާ" އޭނާ މަރައިލަން އުޅުނެވެ.

އޭނާ ބުނީ އިންޑިއާގެ ސިޓީއެއް ކަމަށްވާ އުޖެއިނަށް ދަތުރުކުރަމުންދަނިކޮށް، އޭނާގެ އުޅަނދުގެ ބްރޭކް ހަލާކުކޮށްލައި، އޭނާ މަރައިލަން އުޅުނު ކަމަށެވެ. އެހެންވެ، ތަނުޝްރީ އެކްސިޑެންޓުވެ ވަރަށް ބޮޑަށް އަނިޔާވެ، އެ އަނިޔާ އިން އެއްކޮށް ރަނގަޅުވާން ދެ ތިން މަސް ނެގި ކަމަށް ބުންޏެެވެ.

އޭގެ ފަހުން، ތަނުޝްރީ މަރައިލަން ބަޔަކު ރޭވީ، އޭނާގެ ގޭގައި މަސައްކަތްކުރާ މީހަކު މެދުވެރިކޮށް ކަމަށް ވެސް ތަނުޝްރީ ބުންޏެެވެ. ފުރަތަމަ ފާހަގަވި ކަމަކީ ފެނަށް އެއްޗެއް ގިރާފައި އަޅާފައި ހުރުމެވެ. އެކަމަކު ތަނުޝްރީ އަށް އޭރު އެއްވެސް ވަރަކަށް ޝައްކެއް ނުކުރެވުނެވެ. ނަމަވެސް އޭގެ ފަހުން ވަރަށް ބޮޑަށް ބަލިވެ އުޅެން ޖެހުމުން ޝައްކު އުފެދުނީ އެއީ އޭނާ މަރައިލަން ރޭވި ކަމެއްގެ ގޮތުގައި ކަމަށް ތަނުޝްރީ ބުނެ އެވެ.

ތަނުޝްރީ ފަހުން ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައި ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި އޭނާ އަށް އެއްވެސް ކަމެއް ދިމާވެއްޖެ ނަމަ، އެއީ ނާނާ ޕަތޭކަރާއި ބޮލީވުޑް މާފިއާ ޒިންމާ ނަގަން ޖެހޭނެ ކަމެއް ކަމަށް ބުނެފަ އެވެ.

ބޮލީވުޑް މާފިއާއިންގެ ފިލްމުތައް ބޮއިކޮޓް ކޮށްގެން އެކަނި ނުވާނެ ކަމަށާއި އެ މީހުންނާ އެއްކޮށް ދުރުވާން ޖެހޭ ކަމަށް ވެސް ތަނުޝްރީ ބުނެ އެވެ.

ބޮލީވުޑް މާފިއާ ކަމަށް ބުނެ އޭނާ ވަނީ އޭގެ ތެރެއިން ބައެއް މީހުންނަކީ އެކްޓަރު ސުޝާންތު ސިންގް ރާޖުޕުތުގެ މަރާ އެކު ފެންމަތިވި ބައެއް މީހުން ކަމަށް ބުނެފަ އެވެ.

"އާޝިގް ބަނާޔާ އާޕްނޭ" އިން 2005 ގައި ބޮލީވުޑަށް ނުކުތް ބަތަލާ ތަނުޝްރީ ތުހުމަތުކުރާ ގޮތުގައި އޭނާ އަށް ނާނާ ޕަތޭކަރު ޖިންސީ ފުރައްސާރަކުރީ 2008 ގެ ފިލްމު "ހޯން އޯކޭ ޕްލީޒް" ގެ ލަވައެއްގެ ސެޓްގަ އެވެ.