Roadha Mihaaru
ޒީނަތު އަމަން އަށް ޖިންސީ ގޯނާކޮށްގެން ޕޮލިހަށް

ޒީނަތު އަމަން އަށް ޖިންސީ ގޯނާކޮށްގެން ޕޮލިހަށް

01 ފެބުރުއަރީ 2018

ކުރީގެ މަޝްހޫރު ބަތަލާއެއް ކަމަށްވާ ޒީނަތު އަމަން އަށް އިންޑިއާގެ ވިޔަފާރިވެރިއެއްގެ ފަރާތުން ޖިންސީ ފުރައްސާރަ އާއި އެކި ގޯނާތައް ކުރިމަތިވާތީ އެންމެފަހުން ފުލުހުންނަށް މައްސަލަ ހުށަހަޅައިފި އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

ކުރީގެ މަޝްހޫރު ބަތަލާއެއް ކަމަށްވާ ޒީނަތު އަމަން އަށް އިންޑިއާގެ ވިޔަފާރިވެރިއެއްގެ ފަރާތުން ޖިންސީ ފުރައްސާރަ އާއި އެކި ގޯނާތައް ކުރިމަތިވާތީ އެންމެފަހުން ފުލުހުންނަށް މައްސަލަ ހުށަހަޅައިފި އެވެ.

އުމުރުން 66 އަހަރުގެ ޒީނަތު ހުށަހެޅި މި މައްސަލަ ބަލަމުން އަންނަ ކަމަށް މުމްބައި ފުލުހުން ބުންޏެވެ. އިތުރު ތަފްސީލު ދެމުން ފުލުހުންގެ އިސް އޮފިސަރަކު ވިދާޅުވީ ޒީނަތާއި އޭނާގެ ފަހަތުން އުޅޭ ވިޔަފާރިވެރިޔާ އަކީ ތަންކޮޅެއް ކުރިންސުރެ ދަންނަ ދެ މީހުން ކަމަށާއި ނަމަވެސް ކޮންމެވެސް ކަމަކާ ހިތްހަމަނުޖެހިގެން ޒީނަތު އެމީހާއާ ވާހަކަ ދެއްކުން ހުއްޓާލީ ކަމަށެވެ.

ޒީނަތު ވާހަކަ ނުދައްކަން ފެށުމުން އެ މީހާ ފޯނުކޮށްގެން އުނދަގޫކޮށް، ދާހާ ތަނަކަށް ފަހަތުން ދާން ފެށީ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެމީހާއާ ވާހަކަ ދައްކައިގެން އެކަން ހުއްޓުވޭތޯ ޒީނަތު މަސައްކަތް ކުރި ކަމަށާއި ނަމަވެސް އެމީހާ އެކަން ނުހުއްޓުމުން ފުލުހުންނަށް ޝަކުވާ ހުށަހެޅީ ކަމަށްވެ އެވެ.

ޒީނަތުގެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "ހަރޭ ރާމާ ހަރޭ ކްރިޝްނާ" އާއި "ސަތިޔަމް ޝިވަމް ސުންދަރަމް"، "ހީރާ ޕަންނާ"، "ގުރުބާނީ"، "ޔާދޯން ކީ ބާރާތު" އަދި "ޑޮން" ހިމެނެ އެވެ.

އެކްޓަރު މަޒްހަރް ޚާނާއި ޒީނަތު ކައިވެނި ކުރީ 1985 ގައެވެ. މަޒްހަރާއި ޒީނަތަށް ފިރިހެން ދެ ކުދިން ލިބިފައިވެ އެވެ. ކުދިން ލިބުމާ ގުޅިގެން ޒީނަތު ފިލްމީ މައިދާނާ ދުރުގައި ދުވަސްކޮޅަކު ހުއްޓެވެ. އެއީ ފިރިމީހާ މަޒްހަރު ވަރަށް ބޮޑަށް ބަލިވެގެންނެވެ. މަޒްހަރު ވަނީ 1989 ގައި މަރުވެފަ އެވެ. އޭގެ ފަހުން ޒީނަތު ކައިވެންޏެއް ނުކުރެ އެވެ.

އޭގެ ފަހުން މަދުމަދުން ފިލްމުތަކުން ޒީނަތު ފެނުނު ނަމަވެސް ފިލްމީ ދުނިޔޭގައި ފާހަގަކޮށްލެވޭ މަސައްކަތެއް އޭނާ ކޮށްފައެއް ނެތެވެ.