Roadha Mihaaru
ފަރުގެ ގެއްލުމުގެ ރިޕޯޓް އާންމުކުރެވޭނެ ދުވަހެއް ނޭނގޭ

ވިލިމާލެ ފަރަށް ލިބުނު ގެއްލުމުގެ ރިޕޯޓް އާންމުކުރެވޭނެ ދުވަހެއް އަދި ނޭނގެ: އީޕީއޭ

25 ސެޕްޓެމްބަރ 2022

ތިލަމާލެ ބްރިޖުގެ މަސައްކަތަށް ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރައި، ލިބުނު ބޮޑު ގެއްލުން ބެލުމަށް ކުރި ސާވޭގެ ރިޕޯޓް އާންމުކުރެވޭނެ ދުވަހެއް އަދި ނޭނގޭ ކަމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ތިލަމާލެ ބްރިޖުގެ މަސައްކަތަށް ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރައި، ލިބުނު ބޮޑު ގެއްލުން ބެލުމަށް ކުރި ސާވޭގެ ރިޕޯޓް އާންމުކުރެވޭނެ ދުވަހެއް އަދި ނޭނގޭ ކަމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނެފި އެވެ.

އެ އެޖެންސީގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް މިއަދު "މިހާރު" އަށް ވިދާޅުވީ އެ ރިޕޯޓް އާންމުކުރުން ލަސްވަމުން ދަނީ އީޕީއޭއިން ކުރި ސާވޭގެ ރިޕޯޓަށް، ތިލަމާލެ ބްރިޖުގެ މަޝްރޫއު ހަވާލުކޮށްފައިވާ އިންޑިއާގެ ކުންފުނި، އެފްކޮންސް އިން އަދިވެސް ޖަވާބުދާރީވެފައި ނުވާތީ ކަމަށެވެ.

"އެ ކުންފުނީގެ ކޮމެންޓެއް ލިބުނީމަ އެނގޭނީ ރިޕޯޓް އާންމުކުރެވޭނެ އިރެއް. އަދި ނޭނގެ ކިހާ ދުވަހެއް ހޭދަވާނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ބްރިޖުގެ ޖިއޯ ޓެކްނިކަލް ސާވޭ އަށް ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އެރީ މިިދިޔަ މަހުގެ 16ގަ އެވެ. ބްރިޖް ހަދާ އެފްކޮންސް އަށް އެ ޕްލެޓްފޯމް ފުން ކުރެވުނީ އޭގެ 12 ދުވަސް ފަހުންނެވެ.

އޭގެ ސަބަބުން ފަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވިޔަސް އިންޑިއާގެ ވަރަށް ބޮޑު އެހީއަކާ އެކު އަޅާ ބްރިޖުގެ މަސައްކަތްކުރާ ކުންފުންޏަށް ސަރުކާރުން ފިޔަވަޅު އަޅަން ފަސް ޖެހޭނެ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ވެސް ކުރެ އެވެ. އެކަަމަކު، ސަރުކާރުން ވަނީ އެ ތުހުމަތު ދޮގުކޮށްފަ އެވެ.

ވިލިމާލެ ފަރުގައި އެޅިފައި ހުރި ދަގަނޑުތަކާއި ކުނިތައް ސާފު ކުރުމަށް ފަހު ލިބިފައި ހުރި ގެއްލުންތައް ބަލައި އީޕީއޭ އިން އާންމު ކުރި ފޮޓޯތަކުން ފެންނަ ގޮތުގައި ފަރުގައި ގާތްގަނޑަކަށް 10 ފޫޓަށް ވުރެ ފުން ވަޅުގަނޑުތަކެއް ހެދިފައިވެ އެވެ.

ދަގަނޑު ހޮޅިތައް ޖެހިގެން އައި އިމްޕެކްޓާއި ގޭނިގެން ފަރަށް ލިބިފައި ހުރި ބޮޑެތި ގެއްލުންތައް ވެސް އެ ފޮޓޯތަކުން ފެނެ އެވެ. ސާވޭ ހަދަން އުޅުން އީޕީއޭގެ ބައެއް ޑައިވަރުން ވަޅުގަނޑުގެ ތެރެއަށް ފީނާފައި އެކީ ވަދެގެން ވެސް ފޮޓޯ ނަގައިފައި އެބަހުއްޓެވެ.

އެ މައްސަލާގައި ތިމާވެއްޓާ ބެހޭ ޖަމިއްޔާތަކުން އަންނަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.