Roadha Mihaaru
އިދިކޮޅުގެ ޖަވާބު ބަދަލު ނުވާނެ "ކެންޑިޑޭޓަކީ ޔާމީން"

ކިތަންމެ ވަރަކަށް ސުވާލު ކުރިޔަސް އިދިކޮޅުގެ ޖަވާބު ބަދަލެއް ނުވާނެ، ކެންޑިޑޭޓަކީ ޔާމީން: އަދުރޭ

16 ޖުލައި 2023

ނޫސްވެރިން އިސްވެ ކިތަންމެ ވަރަކަށް އެ ސުވާލު ކުރިޔަސް، އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ފަރާތުން އާ ޖަވާބެއް ނުނެރެވޭނެ ކަމަށާއި އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް އެ ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ނޫސްވެރިން އިސްވެ ކިތަންމެ ވަރަކަށް އެ ސުވާލު ކުރިޔަސް، އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ފަރާތުން އާ ޖަވާބެއް ނުނެރެވޭނެ ކަމަށާއި އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް އެ ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ގަބޫލުކޮށް، އެ ފައިސާ ލޯންޑާ ކުރިކަން ސާބިތުވެ ޔާމީނުގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމްގެ އިސްތިއުނާފު މައްސަލަ މި އަހަރުގެ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވޭނެ މުއްދަތު އޮއްވައި ނިންމައި ދިނުމަށް އިދިކޮޅުން އަންނަނީ ތަކުރާރުކޮށް މަސައްކަތް ކުރަމުންނެވެ.

ޖޭއެސްސީގެ އިތުރުން ޕީޖީ އޮފީހަށް އިދިކޮޅު ލީޑަޝިޕްގެ ބޭފުޅުން މިއަދު ވަޑައިގެންނެވުމަށް ފަހު، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، އެ ދެ އޮފީހުގެ އިސް ވެރިންނާ ބައްދަލުނުވި ކަމަށެވެ. ޕީޖީ ހުސައިން ޝަމީމް މި ވަގުތު ރަށުގައި ނޫޅުއްވާއިރު، ޖޭއެސްސީގެ މެމްބަރަކާ ވެސް އެކި ދުވަސް މަތިން އެ އޮފީހަށް ދިއުމުން ވެސް ބައްދަލުނުވި ކަމަށް އަދުރޭ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު އަންނަ މަހުގެ ފަސް ވަނަ ދުވަހަށް ހަމަވާއިރު، އޭގެ ކުރިން ޔާމީންގެ އިސްތިއުނާފު މައްސަލަ ނިންމޭނެ ކަމާ މެދު ވަނީ ވަރަށް ބޮޑަށް ސުވާލު އުފެދިފަ އެވެ. އެއާ އެކު ޔާމީނަށް ކުރިމަތި ނުލެއްވޭނެ ހާލަތެއްގައި އިދިކޮޅުގެ ވިސްނުމަކީ ކޮބައިތޯ ސާފުކުރަން މިއަދު ވެސް ނޫސްވެރިން ސުވާލުކުރުމުން އަދުރޭ ދެއްވީ ހަމަ އެއް ޖަވާބެކެވެ.

"އަޅުގަނޑުމެން ލައްވައި ކިތަންމެ ވަރަކަށް ތި ބޭފުޅުން އިތުރު އެއްޗެއް އަޅުގަނޑުމެން އަނގައިން ނެރެން އުޅުނަސް ތި ކަމެއް ނުވާނެ. އަޅުގަނޑުމެން އެންމެން މި ތިބީ ހިތާއި ރޫހުން [ރިޔާސީ އިންތިހާބަށް އިދިކޮޅުން ޔާމީން ނެރުން] ގޮތެއް ނިންމައިގެން،" އަބަދުވެސް ދެއްވާ ޖަވާބު ތަކުރާރު ކުރައްވަމުން އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން."

އަދުރޭ ވިދާޅުވި ގޮތުގައި ހައި ކޯޓުގައި އޮތް މައްސަލަ ނިންމާއިރު، ޔާމީން މިނިވަން ވާނެ ކަމުގެ ޔަގީންކަން އެބައޮތެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ، ޕީޖީއާ ބައްދަލުކުރުމުގެ މައިގަނޑު މަގުސަދަކީ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދާ ރ. ފުއްގިރި ކުއްޔަށް ދިނުމުގައި ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅޭގޮތުން ޕީޖީން ގެންގުޅޭ ތަފާތުކުރުން ކަމަށެވެ.

އެ މައްސަލާގައި ރިޝްވަތު ދިނުމުގެ ދައުވާކުރާ އަހްމަދު ކްރިކް ރިޒާ އާ ހެދި އެ ޝަރީއަތް މަޑުޖެހިފައިވާތީ، އޭނާގެ ބައި މި ވަގުތަށް އަނބުރާ ގެންދަން ޕީޖީން ވަނީ ކޯޓުގައި އެދިފަ އެވެ.

އެކަމާ މީގެ ކުރިން ވެސް އިދިކޮޅުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ޝިޔާމް މިއަދު ވިދާޅުވި ގޮތުގައި ޕީޖީގެ އެ ނިންމުމުން ވެސް ފެންނަނީ ރާއްޖޭގައި މިހާރު އޮތް "ސެލެކްޓިވް ޖަސްޓިސް" ގެ ސަގާފަތެވެ.

ކޯޓުގައި ހިނގަމުންދާ މައްސަލައެއްގައި ހެކި ހުށަހެޅުމުގެ މަރުހަލާގެ ތެރެއިން ދައުވާއެއް އަނބުރާ ނުގެންދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"...ދައުވާ އަނބުރާ ގެނެވޭނީ ހަސްމަކަށް އޭގެ ލުޔެއް ނޫނީ މޮޅެއް އޮންނަ ކަމަށް ވަންޏާ. އެ ނޫން ގޮތަކަށް އެ ކަމެއް ނުކުރެވޭނެ،" ޝިޔާމް ވިދާޅުވި އެވެ.

އެހެންކަމުން އޭނާ ވިދާޅުވީ، އެކަމަށް ޕީޖީ ޝަމީމް ޖަވާބުދާރީވާންޖެހޭ ކަމަށެވެ.