Roadha Mihaaru
މާޔޫސް ނުވޭ، ޔާމީން ދެން އަންނާނީ މާ ގަދަކޮށް:އަދުރޭ

ޕީޕީއެމަކީ އެންމެ ބޮޑު ޕާޓީ، އެހެން ބައެއްގެ ފަހަތަކަށް ނާރާނަން: އަބްދުއްރަހީމް

16 މާޗް 2023

ޕީޕީއެމަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީ ކަމަށާއި އެހެން އެއްވެސް ޕާޓީއެއްގެ ފަހަތަށް ނާރާނެ ކަމަށް، އިދިކޮޅު ކޯލިޝަން ހިންގުމުގައި މި ވަގުތު އިސްކޮށް ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޕީޕީއެމަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީ ކަމަށާއި އެހެން އެއްވެސް ޕާޓީއެއްގެ ފަހަތަށް ނާރާނެ ކަމަށް، އިދިކޮޅު ކޯލިޝަން ހިންގުމުގައި މި ވަގުތު އިސްކޮށް ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރޭ ވިދާޅުވެއްޖެ އެވެ.

އެ ޕާޓީގެ އޮފީހުގައި ބޭއްވި ޖަލްސާއެއްގައި އޭނާ ވިދާޅުވީ، ޕީޕީއެމް އޮންނާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު ގަދަކޮށް ކަމަށެވެ. އެއާއެކު، އޭނާ ގޮވައިލެއްވީ ސެޕްޓެމްބަރު 9 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިހާބުގައި އިދިކޮޅުޕީޕީއެމުން ވާދަނުކުރާނެ ކަމަށް ބުނާ މީހުން "ހުވަފެން" ބެލުން ހުއްޓާލުމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ، ޕީޕީއެމްގެ ކެންޑިޑޭޓަކަށް ޔާމީން ހުންނަވާނެ ކަމަށާއި އެ މަނިކުފާނު ޖަލުން މިނިވަންވުމުގެ މަގު ފަހިވަމުން އަންނަ ކަމަށެވެ.

އިތުރު ތަފުސީލެއް ނުދެއްވައި، ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު ވިދާޅުވީ ރަނގަޅަށް ދިރާސާކުރާ މީހުންނަށް ސިޔާސީ މާހައުލަށް މިހާރު އަންނަ ބަދަލުތަކުން ރަނގަޅު ފިލާވަޅެއް ލިބޭނެ ކަމަށެވެ.

"ޕީޕީއެމް ނާރާނެ އެހެން އެއްވެސް ޕާޓީއެއްގެ ފަހަތަށް. ޕީޕީއެމް އޮންނާނީ އިރާދަކުރެއްވިއްޔާ ގަދަކޮށް ރައީސް ޔާމީނާ އެކީގައި. ރައީސް ޔާމީން ތަކުރާރުކޮށް ވިދާޅުވި ވާހަކައެއް އޮންނާނެ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކު ހުންނާނެއޭ. އެއީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ﷲ އިރާދަކުރެއްވިއްޔާ ރައީސް ޔާމީން މިނިވަންވެވަޑައިގަތުމުގެ މަގު މި އަންނަނީ ފަހިވަމުން."

ޕީޕީއެމް އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި، އެ ޕާޓީ ހިންގުމުގައި އިސްކޮށް ހުންނެވި އަބްދުއްރަހީމް ވާހަކަދައްކަވަނީ.-- ފޮޓޯ: ޕީޕީއެމް

ޕީޕީއެމް އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި، އެ ޕާޓީ ހިންގުމުގައި އިސްކޮށް ހުންނެވި އަބްދުއްރަހީމް ވާހަކަދައްކަވަނީ.-- ފޮޓޯ: ޕީޕީއެމް

އަބްދުއްރަހީމް، ޕީޕީއެމް/ޕީއެންސީގެ މެމްބަރުންނާއި ޔާމީނަށް ތާއީދުކުރާ މީހުންގެ ކިބައިން އެދިވަޑައިގަތީ ޔާމީނާ މެދު ހިތުގައި ކަށަވަރުކަން ބާއްވައި ދިނުމަށެވެ.

"ޕީޕީއެމް ވެރިކަމަށް އަންނާނީ އިރާދަކުރެއްވިއްޔާ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ އެކީގައި،" އޭނާ ވިދާޅުވި އެވެ.

އެހެން ޕާޓީއެއްގެ ފަހަތަށް ޕީޕީއެމް ނާރާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއިރު، ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީން ވެސް ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމައިފަ އެވެ.

ރޭގެ ޖަލްސާގައި އަބްދުއްރަހީމް ވަނީ، 2018 ގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމަށް ލިބުނު ނާކާމިޔާބީ އަށް ފަހު، އެ ޕާޓީ ދޫކޮށް ދިޔަ މެމްބަރުންނަށް ވެސް ފާޑުވިދާޅުވެފަ އެވެ.

ޕީޕީއެމުން ވަކިވި ގިނަ މެމްބަރުން ފަހުން ގުޅުނީ ޖުމްހޫރީ ޕާޓީއާ އެވެ.

އަބްދުއްރަހީމް ވިދާޅުވީ ޔާމީން ޖަލަށް ލާފައި ވާތީ ބައެއް މީހުން ތިބީ ވަރަށް އުފަލުން ކަމަށެވެ. އެއްވެސް ޕާޓީއެއްގެ ނަމެއް ވިދާޅު ނުވެ، އޭނާ ވިދާޅުވީ ޕީޕީއެމްގެ މެމްބަރުންނަށް ބައެއް މީހުން ގުޅާ ކަމަށާއި ޕީޕީއެމްގެ ކެންޑިޑޭޓަކު ނުހުންނާނެ ކަމަށާއި ޕީޕީއެމުން އަރާނީ އެ ޕާޓީއެއްގެ ފަހަތަށް ކަމަށް އެ ބަޔަކު ބުނާ ކަމަށެވެ.

ޕީޕީއެމް/ޕީއެންސީގެ ލޮބުވެތި މެމްބަރުންނަށް އަދި ރައީސް ޔާމީނަށް ތާއިދުކުރައްވާ އެންމެހާ ދިވެހި ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ ތިޔަ ބޭފުޅުންގެ ހިތްޕުޅުގައި ކަށަވަރުކަން ބާއްވާށޭ. ޕީޕީއެމް ވެރިކަމަށް އަންނާނީ އިރާދަކުރެއްވިއްޔާ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ އެކީގައި.-- އަބްދުއްރަހީމް

"އެހެން ވިދާޅުވާ ބޭފުޅުން އަޅުގަނޑުމެން ދޫކުރައްވައި ވަޑައިގަންނަވަމުން ވިދާޅުވީ ތިމަންނަމެން މި ދަނީ ޕީޕީއެމްގެ ބޮޑުބައެއް ގޮވައިގެންނޭ. ބޮޑުބައެއް ގޮވައިގެންނޭ. ކޮން ބައެއްތޯ ގެންދެވުނީ. އެ މީހުންނަށް އެ ދެވުނީ ޔާމީން ޖަލަށް ލުމުގެ އަޑީގައި ހުރި ތިން މީހުންގެ ތެރެއިން އެކަކު ކައިރިއަށް. އެހެންވެ، އެކަން އެނގޭނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ބެލެވޭ ގޮތުގައި އަބްދުއްރަހީމް އެ ދައްކަވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ޕީޕީއެމް ދޫކުރައްވައި ޖުމްހޫރީ ޕާޓީއާ ވަރަށް ކުރިން ގުޅިވަޑައިގެންނެވި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ބައެއް މެމްބަރުންގެ ވާހަކަ އެވެ. އޭގެ ތެރެއިން ބައެއް މެމްބަރުން ޔާމީނާ އެ ދުވަސްވަރު ވަރަށް ގާތެވެ.

އަބްދުއްރަހީމް ރޭ ވިދާޅުވީ ޕީޕީއެމް މިހާރު އޮތީ 2018 ގެ ރިޔާސީ އިންތިހާބު ނިމުނު އިރަށް ވުރެ މާ ވަރުގަދަކޮށް ކަމަށެވެ.

ވ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި، ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ ސަބަބުން އެ މަނިކުފާނަށް އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު އަދިވެސް އޮތީ ބަންދުވެފަ އެވެ. އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، މި މަހުގެ ތެރޭގައި ޔާމީން މިނިވަންކުރާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ވަކީލުންގެ ޓީމުން އަންނަނީ ބުނަމުންނެވެ.

އަބްދުއްރަހީމް ވިދާޅުވިގޮތުގައި، ޔާމީން ޖަލުގައި ބާއްވައިގެން ޕީޕީއެމްގެ މެމްބަރުންގެ ބޮލަށް ޗިޕު ޖެހިދާނެ ކަމަށް އަދި ޕީޕީއެމްގެ ލީޑަޝިޕް ބައިބައި ކުރެވިދާނެ ކަމަށް އެއްވެސް މީހަކު ހީކޮށްގެން ނުވާނެ އެވެ. ޔާމީން ޖަލަށް ލާތީ، ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕަށް ދެ ޕާޓީ ހަވާލުކޮށްފައިވާ ކަމަށާއި އެ ދެ ޕާޓީގެ ލީޑަޝިޕަށް ވެސް ޔާމީންގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ވިދާޅުވިކަން އަބްދުއްރަހީމް ފާހަގަކުރެއްވި އެވެ.

ޔާމީންގެ ލަފާ ހޯދައިގެން ނޫނީ ޕީޕީއެމުން ފިޔަވަޅެއް ވެސް ނާޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މެމްބަރުންގެ ހިތްވަރާއެކު ލީޑަޝިޕުން ކުރަނީ ޔާމީން ވެރިކަމަށް ގެނައުމުގެ މަސައްކަތް ކަމަށާއި އެ މަނިކުފާނު މިނިވަން ކުރުމަށް ވުރެ މުހިއްމު ކަމެއް އެ ދެ ކޯލިޝަނަށް މި ވަގުތު ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

"އެއްގޮތަކަށް ވެސް މާޔޫސްވެ ވަޑައިނުގަންނަވާށޭ. ރައީސް ޔާމީން ދެން ވަޑައިގަންނަވާނީ ކުރިއަށް ވުރެ މާ ގަދަކޮށޭ. މާ ގަދަކޮށޭ." އޭނާ ވިދާޅުވި އެވެ.