Roadha Mihaaru
ބިދޭސީއަކަށް ފުލުހުން އަނިޔާކުރުން: ތަހުގީގު ގޯސް

ބިދޭސީއަކަށް ފުލުހުން އަނިޔާކުރި މައްސަލާގައި ފުލުހުން ހިންގި ތަހުގީގު ގޯސް: ސުޕްރީމް ކޯޓް

25 ސެޕްޓެމްބަރ 2022

ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި ބިދޭސީއަކަށް އަނިޔާކުރި މައްސަލާގައި ފުލުހުންތަކެއްގެ މައްޗަށް ފުލުހުން އަމިއްލައަށް ތަހުގީގު ހިންގީ ގާނޫނާ ޚިލާފަށް ކަމަށް ސުޕްރީމް ކޯޓުން ވެސް މިއަދު ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި ބިދޭސީއަކަށް އަނިޔާކުރި މައްސަލާގައި ފުލުހުންތަކެއްގެ މައްޗަށް ފުލުހުން އަމިއްލައަށް ތަހުގީގު ހިންގީ ގާނޫނާ ޚިލާފަށް ކަމަށް ސުޕްރީމް ކޯޓުން ވެސް މިއަދު ހުކުމްކޮށްފި އެވެ.

ޖުލައި، 2019 ގައި ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި މ. އުޖާލާގޭގައި ބިދޭސީއަކަށް ފުލުހުން އަނިޔާކުރާ މަންޒަރު ހިމެނޭ ވީޑިއޯތަކެއް އާންމުވެފައި ވަނިކޮށް އެ މައްސަލާގައި އަށް ފުލުހެއްގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުން ދައުވާކުރި އެވެ.

އެ މައްސަލާގެ ތަހުގީގު ފުލުހުން ހިންގީ ގާނޫނާ ޚިލާފަށް ކަމަށް ހައި ކޯޓުން ދާދިފަހުން ނިންމި އެވެ. އެއީ ޖިނާއީ އިޖްރައާތުގެ ގާނޫނުގައި ބުނާ ފަދައިން އެހެން އިދާރާއަކުން ބެލުމުގެ އިހްތިސާސް ލިބިގެންވާ މައްސަލައެއް ބެލުމުގައި އެ މުއައްސަސާގެ ބައިވެރިވުމެއް ނެތި ފުލުހުން އަމިއްލައަށް ތަހުގީގު ހިންގާފައިވާތީ އެވެ.

އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އެއް އިދާރާއަށް ވުރެ ގިނަ އިދާރާއަކަށް ތަހުގީގު ހިންގުމުގެ ބާރު ލިބޭ ނަމަ، ތަހުގީގު ހިންގަން ޖެހޭނީ އެ މުއައްސަސާއަކާ ގުޅިގެން ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގައި ކަމަށް ގާނޫނުގައި ބުނެފައިވަނީ ތަހުގީގު އެންމެ ފުރިހަމަކޮށް ކުރިއަށް ގެންދިއުމަށް ކަމަށެވެ. އަދި އެގޮތަށް ގާނޫނުގައި އޮންނަނީ އިހްތިޔާރީ ކަމެއްގެ ގޮތުގައި ނޫން ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ހައިކޯޓުގެ ހުކުމް ރަނގަޅު ކަމަށެވެ.

އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އަލީ ރަޝީދެވެ.