27 ޑިސެމްބަރ 2020
ޝަރީއަތް ނިމެންދެން "ވާނުވާ"ގައި ބަންދުގައި ތިބި އެންމެންގެ ބަންދު ރިވިއު ކުރެވޭނެ ފެންވަރާއި ވަސީލަތްތައް ކޯޓުތަކުގައި ނެތް ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ.
ޝަރީއަތް ނިމެންދެން "ވާނުވާ"ގައި ބަންދުގައި ތިބި އެންމެންގެ ބަންދު ރިވިއު ކުރެވޭނެ ފެންވަރާއި ވަސީލަތްތައް ކޯޓުތަކުގައި ނެތް ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ.
ޖިނާއީ އިޖްރާއާތުގެ ގާނޫނު ބުނާ ގޮތުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ފަހު ކޮންމެ 30 ދުވަހަކުން އެ ބަންދެއް ރިވިއުކުރަން ޖެހޭނެ އެވެ. އެކަމަކު ރިވިއު ނުކޮށްފި ނަމަ ދެން ވާނެ ގޮތެއް އެ ގާނޫނަކު ނޯވެ އެވެ.
އެފަދަ ހަތަރު މައްސަލައެއް ހައި ކޯޓަށް ހުށަހެޅުމުން އޭގެ ތެރެއިން ތިން މައްސަލައެއްގައި ހައި ކޯޓުން ނިންމީ ބަންދު ރިވިއު ނުކުރިޔަސް، ބަންދުން ދޫކުރަން ނުޖެހޭނެ ކަމަށެވެ. އެކަމަކު ދެން އޮތް މައްސަލާގައި ހައި ކޯޓުން ނިންމީ އެ ހާލަތުގައި އެ ބަންދެއް ގާނޫނާ ޚިލާފްވާނެ ކަމަށެވެ.
ވާނުވާ ރިވިއު ނުކުރިޔަސް، ބަންދުން ދޫކުރަން ނުޖެހޭނެ ކަމަށް ހުކުމްކުރި ތިން މައްސަލަ ހައި ކޯޓަށް ހުށަހެޅި ތިން މީހުންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން މިއަދު ބޭއްވި އަޑުއެހުމުގައި ފަނޑިޔާރުންގެ ގިނަ ސުވާލުތަކެއް ދެ ފަރާތަށް ވެސް އަމާޒު ކުރެއްވި އެވެ.
"ވާނުވާ" ބަންދުގައި ތިބި 300 އެއްހާ މީހުންގެ ބަންދު ރިވިއު ކުރެވޭނެ ވަސީލަތްތައް ދައުލަތުގެ އެބަހުރިތޯ ފަނޑިޔާރު ހުސްނުއްސުއޫދު ސުއޫދު ސުވާލު ކުރެއްވުމުން ދައުލަތުގެ ވަކީލާ އައިޝަތު ރީޝާ ވިދާޅުވީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި އެ ވަސީލަތްތައް އެބަހުރި ކަމަށެވެ. އެކަމަކު ކޯޓުތަކަށް އެކަން ކުރެވޭނެ ކަން ނުވަތަ ނޫންކަން ވިދާޅުވާން އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ.
ރީޝާ ދެން ވިދާޅުވީ ދައުލަތަށް އެކަން ކުރެވޭނީ ކޯޓުތަކުން އެކަމަށް ވަގުތު ދިނުމުން ކަމަށެވެ.
ރީޝާގެ އެ ޖަވާބާ މެދު ފަނޑިޔާރު ސުއޫދު ހިތްހަމަޖެހިވަޑައެއް ނުގަތެވެ. ކޯޓުތަކަށް އެކަން ކުރެވޭނެ ކަމާ މެދު ދައުލަތަށް ޖަވާބެއް ދެވެން ވާނެ ކަމަށް ސުއޫދު ވިދާޅުވި އެވެ.
"އެ އިލްތިޒާމް ފުރިހަމަކުރުމުގެ ކެޕޭސިޓީ ދައުލަތުގައި ހުރިކަން ނުވަތަ ނެތްކަން ދައުލަތަށް އެނގެން ވާނެ،" ސުއޫދު ވިދާޅުވި އެވެ.
ޖަވާބުގައި ރީޝާ ވިދާޅުވީ އެ ވަސީލަތްތައް ކޯޓުތަކުގައި ނެތް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ގަބޫލުކުރައްވާ ކަމަށެވެ.
"ޕްރޮޮސެކިއުޓާ ޖެނެރަލް ވިދާޅުވަނީ ކޯޓުތަކުގައި އެ ކެޕޭސިޓީ ނެތް ކަމަށް،" ރީޝާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވާނުވާ ރިވިއު ނުކުރިޔަސް، ދެން ވާނެ ގޮތެއް ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ނެތް ކަމަށެވެ. އަދި ޝަރީއަތް ނިމެންދެން ބަންދުކުރަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށާއި އެހެންވެ، ބަންދު އަމުރު ނުކުރިޔަސް، ކޯޓު އަމުރު ބާތިލް ކުރުމާ ހަމައަށް ބަންދު ދެމިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ވާނުވާ ބަންދު ރިވިއު ނުކުރިޔަސް، ބަންދުން ދޫކުރަން ނުޖެހޭނެ ކަމަށް ބަލާ ނަމަ ބަންދު ރިވިއުކުރަން ގާނޫނުގައި ލާޒިމްކުރި ބޭނުން ކެނޑުނީ ނޫންތޯ ފަނޑިޔާރު ސުއޫދު ސުވާލު ކުރެއްވި އެވެ. އަދި އެއީ ގާނޫނުގައި ނެތް މާއްދާއެއް ކަމަށް ސުޕްރީމް ކޯޓުން ބަލަންވީތޯ ވެސް އެއްސެވި އެވެ.
"ކުރުކޮށް ތި ދަންނަވަނީ [60 ވަނަ މާއްދާގެ] ވ. ގެ ބޭނުމެއް ނެތީ ކަމަށްތޯ؟" ސުއޫދު ސުވާލުކުރެއްވި އެވެ.
ރީޝާ ވިދާޅުވީ އެގޮތަށް އަމަލު ކުރިޔަސް، ގާނޫނުގެ ބޭނުން ކެނޑިގެން ނުދާނެ ކަމަށެވެ. ނަމަވެސް ބަންދު ރިވިއު ނުކުރެވިގެން އެންމެން ބަންދުން ދޫކުރަން ފަށައިފި ނަމަ، މުޖްތަމައުއަށް ނުރައްކާތެރި ބަޔަކު ވެސް ދޫވެގެން ހިނގައިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއަށް އަމަލު ނުކުރީމަ އެކަމާ ގުޅިގެން ޒިންމާދާރު ކުރަން ޖެހޭ ބަޔަކު ޒިންމާދާރު ކުރެވެން ވާނެ. އެހެން ނަމަވެސް ގާނޫނުގައި ވަކި ނަތީޖާއެއް ނުކުންނާނެއޭ ބުނެފައެއް ނުވޭ،" ރީޝާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވާނުވާ ރިވިއު ކުރަން ޖެހޭ ގޮތަށް ގާނޫނުގައި ހިމެނީ ޝަރީއަތް ނިމެންދެން ކުރާ ބަންދަކީ ވަގުތީ ބަންދެއް ކަމަށް ހަމަޖެއްސުމަށް ކަމަށެވެ. އަދި ރިވިއު ނުކުރާ ނަމަ، އޭގެ ނަތީޖާއަކީ އެ ބަންދެއް ގާނޫނާ ޚިލާފްވުން ކަމަށާއި އެކަމަކު އެ މައްސަލައަށް މިހާތަނަށް ހައްލެއް ނުހޯދޭ ކަމަށް ވިދާޅުވި އެވެ.
ދިފާއީ ވަކީލް މަހްފޫޒް ސައީދު ވިދާޅުވީ ޖާގައިގެ ދަތިކަމާއި ވަސީލަތްތައް މަދު ކަމަކީ ކަންކަން ނުކުރަން އަބަދުވެސް ދެއްކިދާނެ ބަހަނާއެއް ކަމަށެވެ. ނަމަވެސް "ވާނުވާ" ރިވިއު ކުރަން ކޯޓުތަކުގައި އެ ކެޕޭސިޓީ ނެތް ކަމަށް ނުބުނެވޭނެ ކަމަށް މަހްފޫޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބަންދުގެ މައްސަލަތަކުގައި ދައުލަތުން ގެންގުޅެނީ "ވަރިހަމަ" އުސޫލެއް ކަމަށެވެ. "ވާނުވާ" ރިވިއު ކުރުމުގެ މައްސަލާގައި ހައި ކޯޓުން ތިން މައްސަލައެއްގައި ދައުލަތާ އެއްކޮޅަށް ނިންމިޔަސް، ދެން އޮތް މައްސަލާގައި ދައުލަތާ ދެކޮޅަށް ނިންމާފައި އޮތަސް ކު އެ ނިންމުން ދައުލަތުން އިސްތިއުނާފް ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދައުލަތުން ބަންދުގެ މައްސަލާގައި ގެންގުޅެނީ ވަރިހަމަ އުސޫލެއް ކަމަށް ދެކެނީ މިހެންވެ. ދައުލަތުން މުޖްތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ގަބޫލުކުރާ މީހަކު ދައުލަތުން ގަބޫލުކުރާ ގާނޫނީ އުސޫލަކާ ޚިލާފަށް ހައި ކޯޓުން މިނިވަންކޮށް ދޫކޮށްލީމަ ދައުލަތުން އެޅުއްވި އެއްވެސް ފިޔަވަޅެއް ނެތް،" މަހްފޫޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކުށުގެ ތުހުމަތުގައި ތިބޭ މީހުންގެ ހައްގުތައް ހިމާޔަތްކުރަން ގާނޫނުގައި ލިޔެފައި އޮންނަ މާއްދާތައް ކޯޓުތަކުން ދަނީ ހަނިކުރަމުންނެވެ. އަދި ތުހުމަތެއް ކުރެވޭ ކޮންމެ މީހަކީ ކުށްވެރިން ކަމަށް ދޭހަވާ ގޮތަށް ކޯޓުތަކުގެ ނިންމުންތައް އަންނަ ކަމަށް ފާހަގަވާ ކަމަށް ވެސް ވިދާޅުވި އެވެ.
"ހަނިކުރަމުން ހަނި ކުރަމުން އައިސް އެ ހައްގު އެކީ ނިގުޅައިގަނެވޭ ގޮތަށް ކޯޓުން ވެސް މާނަ އެބަ ކުރޭ. އަޅުގަނޑުމެންނަށް ޕެޓާންއެއް ގޮތުގައި އެބަ ފާހަގަކުރެވޭ. އެއީ މި މީހުންނަކީ ކުށްވެރިންނޭ، މި މީހުން ދޫކުރެވިފައި ތިބުން، މި މީހުންނަށް ކަންކަން ފަހިވެފައި ތިބުން އެއީ ރަނގަޅު ގޮތެއް ނޫނޭ [ބުނާހެން]،" މަހްފޫޒް ވިދާޅުވި އެވެ.
އެ މައްސަލާގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މިއަދު ވަނީ ނިންމާލައިފަ އެވެ. އަންނަ އަންގާރަ ދުވަހު ހުކުމް އިއްވާނެ ކަމަށް ފަނޑިޔާރުންގެ ބެންޗުން ވިދާޅުވި އެވެ.
އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ސުއޫދުގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު އަލީ ރަޝީދެވެ.
މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ފޭރުނު މީހަކު ޖަލަށް
އުނދުނެއްގައި ޑްރަގް ގެންގުޅުމުން 11 އަހަރަށް ޖަލަށް
އިރުފާން އަނެއްކާވެސް ޝަރީއަތް ނިމެންދެން ބަންދަށް
ފުލުހުންނަށް ނުބައި ނަމެއްދިނުމުން ހަ މަހަށް ގޭ ބަންދު
ފުލުހުންގެ އެންގުމަށް މަޑުނުކުރުމުން ޖޫރިމަނާއެއް
ނުކުރެވޭ ކަންކަން ހޯދައިގެން މީހުން ދޫކުރާތީ ނުރުހުން
މަންމައަށް މަރުގެ އިންޒާރުދިން މީހަކު ހަ މަހަށް ޖަލަށް
ސައިކަލު ވަގަށް ނަގާ މީހަކު އަނެއްކާވެސް ހައްޔަރު
ދެ ކިލޯ ޑްރަގް: ހައްޔަރުކުރި ދެ ދިވެހިން ދޫކޮށްލައިފި
ހެކިބަސް ދޭން ދެކޮޅު ހަދާނަމަ ވަގުތުން ޖަލަށްލަނީ