26 ސެޕްޓެމްބަރ 2022
މަސް ގަންނަ އަދަދު ލިމިޓުކުރުމާއި މަސްވެރިންނަށް ކުރިމަތިވާ ދަތިތައް ވަގުތުން ހައްލުކޮށްދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
މަސް ގަންނަ އަދަދު ލިމިޓުކުރުމާއި މަސްވެރިންނަށް ކުރިމަތިވާ ދަތިތައް ވަގުތުން ހައްލުކޮށްދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވީ މަސްވެރިން ގަދަ އަވީގައި ބާނާ މަސް ކިރުވަން އެތައް ދުވަހަކު ކިއުގައި މަޑުކުރަން ޖެހުމާއި ބައެއް ދޯނިތަކުން ބާނާ މަހުގެ 90 ޕަސެންޓް އަގު ނުލިބި ބަހާލަން ޖެހޭ ކަމަށެވެ. އަދި މަސްވެރިންނަށް ރަނގަޅު އަގެއްގައި އައިސް ނުލިބުމާއި އައިސް އަދި ތެޔޮ ކިއުގައި ރެއާއި ދުވާލު ތިބެ މަސްވެރިން ގޮތް ހުސްވެފައިވާ ކަމަށް ވެސް، ޕީޕީއެމްގެ ނައިބު ރައީސްކަން ވެސް ކުރައްވާ ޝިޔާމްގެ ގަރާރުގައިވެ އެވެ.
އޭނާ ވިދާޅުވީ ކޮންމެ ދޯންޏަކުން މަސްގަންނަ އަގު ލިމިޓްކޮށް މަސްވެރިން ތިން ކިޔުގައި މަޑުކުރަން ޖެހޭ ދުވަސްތައް ގިނަވުމުން މަހެއްގެ މައްޗަށް ލިބޭ އާމްދަނީ މަދުވެ، ދޯނީގެ ހަރަދުތައް ހަމަޖައްސަން ދަތިވާ ކަމަށެވެ. އަދި އެހާ ގިނަ ދުވަހު ކިޔުގައި މަޑުކުރަންޖެހުމުން މަސް ކިރޭގޮތް ނުވާ ކަމަށް ވެސް ގަރާރުގައިވެ އެވެ.
އެ ގަރާރު ހުށަހެޅުއްވި މަގުސަދުތަކުގެ ތެރޭގައި، ކޮންމެ މަސްވެރި މޫސުމެއްގައި މަސްވެރިން އެ ހާލުގައި އުޅެންޖެހުމާއި މިކަން ދިމާވާކަން ސަރުކާރަށް އެނގޭއިރު ވެސް ތައްޔާރުނުވުމާއި މަސް ރައްކާކުރެވޭނެ ކެޕޭސިޓީ އިތުރުނުވުން އަދި މި ސަރުކާރުން ވެރިކަމަށް އައުމަށް އެކުލަވާލި ރިޔާސީ މެނިފެސްޓޯގައި އެންމެ ބޮޑު އެއް ވައުދު ގޮތުގައި ހިމެނޭ މަސްވެރިންނަށް ހަމަ އަގު ދިނުމުގެ ވައުދު ފުއްދުމަށް ސަރުކާރުން އެއްވެސް ކަމެއް ނުކުރާ ކަމުގެ ޝަކުވާ މަސްވެރިން ކުރަމުންދިއުން ހިމެނެ އެވެ.
"މަސް ޕްރޮސެސްކުރާ ތަންތަނާއި ގޭދޮށު މަސްފެކްޓްރީތަކާއި އައިސްޕްލާންޓުތައް އެޅުމަށާއި އެކަމުގައި އަމަލުކުރަންވީ ގޮތް މަސްވެރިކަމުގެ ގާނޫނުގައި ތަފްސީލުކޮށް ބަޔާންކޮށްފައި އޮތް ނަމަވެސް އެކަންކަން ތަންފީޒު ނުކުރެވި، އަދި އެކަންކަން ކުރުމުގެ އިހުލާސްތެރި ނިޔަތެއް މި ސަރުކާރުގައި ނެތުމަކީ މަސްވެރިން އިތުރަށް މާޔުސްވެފައިވާ ކަމަށްވާތީ އާއި މި ސަރުކާރަށް ހަތަރު އަހަރު ފުރޭއިރު ވެސް މަސްކިރުމާއި މަސްވެރިކަމުގެ ސިނާއަތުގައި ހުރި މައްސަލަތަކަށް ހައްލެއް ނުލިބި މަސްވެރިން ބާނާ މަސް ނުކިރުވި، މަސްވެރިން އިތުރަށް ބިކަ ވަމުންދާތީ އެވެ،" ގަރާރުގައިވެ އެވެ.
މަސްވެރިންނަށް ދޫކުރާ ތެޔޮ ވެސް ލިމިޓް ކޮށްފައިވާތީ މަސްވެރިކަމަށް ނުކުންނަން ދަތިތަކެއް ކުރިމަތިވާއިރު، ރެއާއި ދުވާލު ދާއޮހޮރުވައިގެން ބާނާ މަސްކޮޅުން މަންފާއެއް ނުލިބުމަކީ ހުރިހާ މަސްވެރިން މިއަދު އެންމެ ބޮޑަށް ކަންބޮޑުވާ މައްސަލަ ކަމަށް ޝިޔާމް ވިދާޅުވި އެވެ. އޭގެ އިތުރުން، މިފްކޯގެ ދަރަނި ބޮޑުވެ މަސްވެރިންނަށް ދޭންޖެހޭ ހިދުމަތްތައް ނުދެވޭ ކަމަށް ވެސް ގަރާރުގައި ވިދާޅުވި އެވެ.
އެކަންކަމުގެ އިތުރުން، މަސްވެރިކަން ރަނގަޅު ދުވަސްވަރާ ދިމާކޮށް ރާއްޖޭގެ ސަރަހައްދަށް ވަންނަ ބޭރުގެ ބޯޓުފަހަރު ކަންބޮޑުވާ މިންވަރަށް އިތުރުވާ ކަމަށާއި އެކަމާ ފިޔަވަޅު ނާޅާތީ އަދި ވަކި ގައުމެއްގެ ބޯޓުތަކަށް ސަރުކާރުން ފިޔަވަޅު އަޅަން ފަސްޖެހި، އެކަންކަން ތަކުރާރުވަމުން ދާތީ މަސްވެރިން ގޮތް ހުސްވެފައިވާ ކަމަށް ޝިޔާމް ހުށަހެޅުއްވި ގަރާރުގައިވެ އެވެ.
މަސްވެރިންގެ ބެކްލޮގް މާދަމާއެއްކޮށް ކްލިއާވާނެ: ޝިޔާމް
މިފްކޯއަށް 1.6 ބިލިއަންގެ ގެއްލުން ވެއްޖެ: ޝިޔާމް
"މަސްވެރިންގެ ވައުދުތައް ފުއްދޭނީ މާލީ ހާލަތު ރަނގަޅުވެގެން"
ދައުލަތަށް ބުރަ ބޮޑު ވާތީ، މަހުގެ އަގު 20ރ. އަށް
މަސްވެރިންނަށް 136 މިލިއަން ރުފިޔާ ޖަމާކޮށްދީފި
ހައްލު ހޯދަން "މަސްވެރިންގެ ގުންޒަރު" ފަށައިފި
މަސް ބޭރުކުރާ ކުންފުނިތަކަށް 51 މިލިއަން ރުފިޔާ ދީފި
މަސްވެރިކަމުގެ ބިލަކީ މަޖިލިހަށް ކުރި މަލާމާތެއް:ޝިޔާމް
އެމްޑީޕީން މަސްވެރިން ގެންގުޅެނީ ހިޔާލީ ދުނިޔެއެއްގައި
މުނިފޫހިފިލުވަން ކުރާ މަސްވެރިކަން ބިލުން އުނިކުރަނީ