Roadha Mihaaru
އެމްޑީޕީން މަސްވެރިން ގެންގުޅެނީ ހިޔާލީ ދުނިޔެއެއްގައި

އެމްޑީޕީން ބޭނުމީ މަސްވެރިން ހިޔާލީ ދުނިޔެއެއްގައި ގެންގުޅެން: ޝިޔާމް

29 ޖުލައި 2019

މަސްވެރިންނަށް ފަހިވާ ގޮތަށް ކަމަށް ބުނެ، ރައްޔިތުންގެ މަޖިލިހަށް އެމްޑީޕީން ހުށަހެޅި ފަސް ގަރާރުގެ ބޭނުމަކީ މަސްވެރިން ހިޔާލީ ދުނިޔެއެއްގައި ގެންގުޅުން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް ރައީސް އަދި މަޖިލިހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މަސްވެރިންނަށް ފަހިވާ ގޮތަށް ކަމަށް ބުނެ، ރައްޔިތުންގެ މަޖިލިހަށް އެމްޑީޕީން ހުށަހެޅި ފަސް ގަރާރުގެ ބޭނުމަކީ މަސްވެރިން ހިޔާލީ ދުނިޔެއެއްގައި ގެންގުޅުން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް ރައީސް އަދި މަޖިލިހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލިހަށް ހުށަހެޅި ގަރާރުތަކުގެ ތެރޭގައި "ގޭދޮށު މަސް ފެކްޓަރީ" އާއި މާ ކަނޑުގައި "ކަންނެލި ޖަގަހަތައް" ގާއިމުކުރުމާއި އިންޑިއާ ކަނޑުގައި ބޮޑު ދާ ޖަހައިގެން މަސްވެރިކަން ކުރުން މަނާކުރުމާއި ބޭރު ބޯޓުފަހަރު ދިވެހި މަސްވެރިންގެ އަތުން މަސް ގަތުމުގެ ހުއްދަ ދިނުމާ ގުޅޭ ގަރާރަކާއި ބޭރުގެ މަސް ބޯޓުފަހަރު ދިވެހި މަސް ކަނޑުތަކުގައި މަސްވެރިކަންކުރުން ހުއްޓުވުމާ ގުޅޭ ގަރާރުތައް ހިމެނެ އެވެ.

މާ ކަނޑުގައި "ކަންނެލި ޖަގަހަތައް" ގާއިމުކުރަން ގޮވާލައި މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑެ) މަޖިލިހަށް ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުން ޝިޔާމް ވިދާޅުވީ މަސްވެރިން ތަހަންމަލު ކުރަމުންދާ އުނދަގޫ ހާލަތުން އެހެން ހާލަތަކަށް ބަދަލުވެގެން ދާނެ އެއްވެސް ޖާގައެއް ނުވަތަ ހައްލެއް ގަރާރުތަކުން ފެންނަން ނެތް ކަމަށެވެ. މިއީ، އެއްވެސް ދިރާސާއެއް ނުކޮށް ސިޔާސީ ބޭނުންތަކެއް ހާސިލް ކުރުމުގެ ބޭނުމުގައި ހުށަހެޅި ގަރާރުތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މި އޯފްޝޯ ޕްލެޓްފޯމްތައް ވެގެން ދާނީ ނާސިގެތަކަކަށް. ނޫނީ ސްޕާތަކަކަށް. މަސްވެރިން ނޫޅޭ ސްޕާ ހިންގާކަށް. މަސްވެރިން ނޫޅޭ ނާސިގެތައް ހިންގާކަށް: ޝިޔާމް

"ސިޔާސީ ބޭނުމެއްގައި މަޖިލިސް އޮންނަ ކޮންމެ ދުވަހަކު، މި ތަނުގައި އަޑުހަރުކޮށް ވާހަކަ ދެއްކިޔަސް، ހަގީގީ މައްސަލަތައް ދެނެނުގަނެ، އެ މައްސަލަތަކަށް ހައްލެއް ގެނެވޭނެ ގޮތެއް ނޯންނާނެ،" މަސްވެރިންނަށް ދިމާވެފައި ހުރި ހަގީގީ މައްސަލަ ހައްލުކޮށްދިނުމަށް ގޮވާލައްވައި ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި މަޖިލިހަށް ހުށަހެޅި ގަރާރުތަކަކީ މަސްވެރިކަން ކުރާ ވައްޓަފާޅި އެނގިގެން ހުށަހެޅި ގަރާރުތަކެއް ނޫނެވެ. އަދި "ދެ އިރު ދެ ދަޅައަށް" ގަރާރުތައް ހުށަހެޅީމަ މަސްވެރިން ވާނީ "ބޭގަރާރު ކަމަށް ވިދާޅުވެ، ޝިޔާމް ވަނީ ބައެއް ގަރާރުތަކަށް ފާޑު ވިދާޅުވެފަ އެވެ.

މަސްވެރިން މަސް ބާނަނީ. -- ފޮޓޯ: ގެމަނަފުށީ މަސްވެރިން/ފޭސްބުކް

މަސްވެރިން މަސް ބާނަނީ. -- ފޮޓޯ: ގެމަނަފުށީ މަސްވެރިން/ފޭސްބުކް

ޝިޔާމް ވިދާޅުވި ގޮތުގައި އެމްޑީޕީގެ މެމްބަރުން ގޭދޮށު މަސް ފެކްޓަރީ އަކީ ބަދިގެތަކެއްގެ ގޮތުގައި ސިފަކުރެއްވި އިރު، ކަންނެލި ޖަގަހަތަކަކީ ރިސޯޓުތަކެއްގެ ގޮތުގައި ސިފަކުރައްވާފައިވާ ކަމަށެވެ. އަދި ކަންނެލި ޖަގަހަތައް ކައިރި އަށް އެން ތިލަވާނެ ކަމަށް ވިދާޅުވުމުން އެކަމަށް ވެސް ޝިޔާމް ފާޑު ވިދާޅުވި އެވެ.

"މިއީ ކަރާ ހައްދަން އިންދާ އޮށްކޮޅެއް ނޫން، ކަރާ ދަނޑުތައް ހައްދާ ގޮތަށް. އެހެންވެ، މި ދަންނަވަނީ މި ބޭފުޅުންނަކަށް ނޭނގޭ މަސްވެރިކަން ކުރާ ވައްޓަފާޅިއެއް،" ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ މަސްވެރިންނަށް ހަމަ އަގު ހޯދައި ދޭން ބޭނުން ނަމަ، ކުރަން ޖެހޭ ކަމަކީ މިހާރު ހުރި ވަސީލަތްތަކުގެ ކެޕޭސިޓީ އިތުރުކުރުން ކަމަށެވެ.

ޕްލެޓްފޯމްތައް އެޅުމަށް 600 މިލިއަނެއްހާ ރުފިޔާ ދާނެ ކަމަށް އެމްޑީޕީން ބުނާ އިރު، އެ ތަންތަން ގާއިމު ކުރުމުގެ ބަދަލުގައި ޅ. ފެލިވަރުގެ ކެޕޭސިޓީ އިތުރު ކުރުން މާ ރަނގަޅުވާނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ. އޭރުން އޭނާ ވިދާޅުވި ގޮތުގައި މަސްވެރިޔާ އަށް މަސްކޮޅު ފަސޭހަ ކަމާއެކީގައި ކިރާލެވޭނެ އެވެ.

ޝިޔާމް ވިދާޅުވީ މަސްވެރިންގެ ފަރާތުން މިހާރު އެންމެ ބޮޑަށް އިވޭ ޝަކުވާއަކީ މަސްވެރިން ބާނާ މަސް ކިރާލެވޭނެ ގޮތެއް ނެތުމާއި އައިސް ލިބޭނެ ގޮތެއް ނެތުމުން ކަމަށެވެ. އަދި އެކަން ކަން ހައްލުނުކޮށް، 2050 ވަނަ އަހަރަށް ދާންވީ ކީއްކުރަންތޯ ޝިޔާމް ސުވާލު އުފެއްދެވި އެވެ.

"މި އޮފްޝޯ ޕްލެޓްފޯމްތައް ވެގެން ދާނީ ނާސިގެތަކަކަށް. ނޫނީ ސްޕާތަކަކަށް. މަސްވެރިން ނޫޅޭ ސްޕާ ހިންގާކަށް. މަސްވެރިން ނޫޅޭ ނާސިގެތައް ހިންގާކަށް. އަޅުގަނޑު މި ދަންނަވަނީ މި ގަރާރުތަކުގައި ނެތޭ ރަނގަޅު ބޭނުމެއް. އެއް ގަރާރު، އަނެއް ގަރާރަކާ ނުގުޅޭ،" ޝިޔާމް ވިދާޅުވި އެވެ.

ރާއްޖޭގެ ކަނޑުގެ އެކި ސަރަހައްދުތަކުގައި ކަންނެލި ޖަގަހަތައް ގާއިމްކުރާ އިރު، މަސްވެރިންނަށް އެކިއެކި ހިދުމަތް ދެވޭނެ ގޮތަށް ޖަގަހަތައް ގާއިމު ކުރާނެ ކަމަށް އެމްޑީޕީގެ މެމްބަރުން ވަނީ ބުނެފަ އެވެ. ޕްލެޓްފޯމެއް ގާއިމުކުރާ އިރު، އެ ތަންތަނުން މަސްވެރިންނަށް ބޭނުންވާ އައިސް ފޯރުކޮށްދިނުމާއި އޮޑި ދޯނިފަހަރަށް ބޭނުންވާ ތެޔޮ ލިބޭނެ ގޮތްތައް ހެދިދާނެ ކަމަށް އެ މެމްބަރުން ގަބޫލު ކުރައްވަ އެވެ.

މަސް ބާނައިގެން ޕްލެޓްފޯމްގައި މަޑުކޮށްލައި ސައި ބޯނެ ތަނަކާއި ކޮފީ ޝޮޕްތަކާއި ރެސްޓޯރަންޓާއި ކޮޓަރިތަކެއް ހެދިދާނެ ކަމަށް ވެސް އެ މެމްބަރުން ދެކެވަޑައިގަންނަވަ އެވެ. މިއީ ހިޔާލީ ފޮލާއެއް ނޫން ކަމަށާއި ދިރާސާކޮށްގެން ހެދި ގަރާރުތަކެއް ކަމަށް ވެސް މެމްބަރުން ވިދާޅުވި އެވެ.