Roadha Mihaaru
ވަގަށްނެގި ވަޅިތަކުން ފިހާރަތެރޭ ބިރު ދެއްކުމުން ޖަލަށް

ވަގަށް ނެގި ވަޅިތަކުން ފިހާރަތެރޭ ބިރު ދެއްކުމުން ޖަލަށް

27 ސެޕްޓެމްބަރ 2022

ފިހާރަޔަކުން ވަޅި ސެޓެއް ވަގަށް ނަގައި، އެއިން ވަޅިއަކުން ފިހާރައިގެ މުވައްޒަފުންނަށް ބިރު ދައްކައި، މަގުމަތީގައި ވަޅި ގެންގުޅުނު މީހަކު ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ފިހާރަޔަކުން ވަޅި ސެޓެއް ވަގަށް ނަގައި، އެއިން ވަޅިއަކުން ފިހާރައިގެ މުވައްޒަފުންނަށް ބިރު ދައްކައި، މަގުމަތީގައި ވަޅި ގެންގުޅުނު މީހަކު ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.

ދައުލަތުން ލ. މާބައިދޫ، މުގުރިގެ، މުހައްމަދު ޒުހައިރުގެ މައްޗަށް ދައުވާ ކުރީ، އޭނާ 26 މެއި 2021 ވަނަ ދުވަހު މާފަންނު އިހުސާން ފިހާރައިގެ ތެރެއަށް ވަދެ އެތަނުން ކިވީ ބްރޭންޑުގެ ވަޅި ސެޓެއް ވަގަށް ނެގި ހާދިސާއަކާ ގުޅިގެންނެވެ.

ވަޅި ސެޓު ވަގަށް ނަގައި، ފޮރުވައިގެން ފިހާރައިން ނުކުންނަން އުޅުމުގެ ތެރޭގައި، އޭނާ ހުއްޓުވަން ފިހާރައިގެ މުވައްޒަފުން މަސައްކަތް ކުރުމުން އޭނާ ވަނީ ވަޅި ސެޓުން، ތިލައިގައި އަށް އިންޗި ހުރި ވަޅިއެއް ނަގައި ފިހާރައިގެ މުވައްޒަފުންނަށް ބިރު ދައްކާފަ އެވެ. އޭނާ ވަނީ ވަޅި ހިފައިގެން ހުރެ، އޭނާ ހިފަހައްޓައިފި ނަމަ ވަޅި ޖަހާނެ ކަމަށް ބުނެފަ އެވެ. އޭގެ ފަހުން ފިހާރަ ކައިރީގައި މަގުމަތީގައި ވެސް އޭނާ ވަޅި ހިފައިގެން އުޅުނެވެ.

އެ މައްސަލައިގައި ޒުހެއިރުގެ މައްޗަށް ދައުލަތުން ކުރީ ވައްކަން ކުރުމުގެ ދައުވާ އާއި ބިރު ދެއްކުމުގެ ދައުވާ އާއި މަގުބޫލު ސަބަބެއް ނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ދައުވާ އެވެ. ކްރިމިނަލް ކޯޓުގައި އޭނާ ވަނީ ތިން ދައުވާއަށް ވެސް އިއުތިރާފުވެފަ އެވެ.

ޒުހެއިރު އެދުނީ، އޭނާގެ ދިރިއުޅުމުގެ ހާލަތަށް ބަލައި ލުއި އަދަބެއް ދިނުމަށެވެ. ޖަލު އަދަބެއްގެ ބަދަލުގައި ޖޫރިމަނާ ފަދަ އަދަބެއް ދިނުމަށް އޭނާ އެދުނެވެ. ނަމަވެސް، ގާޒީ ސޮފްއަތު ހަބީބު ނިންމެވީ، 11 މަހާއި ނުވަ ދުވަހަށް ޖަލަށްލައި، މުޖުތަމައަށް ހިދުމަތް ކުރުމަށް ހުކުމް ކުރުމަށެވެ.

މުޖުތަމައަށް ހިދުމަތް ކުރުމުގެ އަދަބު ދިނީ ވައްކަން ކުރުމުގެ ދައުވާއަށެވެ. އެގޮތުން، އޭނާގެ އަދަބަށް ލިބުނު ލުއިތަކާ އެކު އަންނަން އޮތް 27 ދުވަހުގެ ޖަލު ހުކުމް 153 ގަޑިއިރު މުޖުތަމައަށް ހިދުމަތް ކުރުމުގެ އަދަބަށް ބަދަލުކުރި އެވެ.

ބިރު ދެއްކުމުގެ ދައުވާއަށް ކަނޑައެޅީ ފަސް މަހާއި ނުވަ ދުވަހުގެ ޖަލު ހުކުމެކެވެ. އެއީ މި މައްސަލައިަގއި އޭނާ ބަންދުގައި ހޭދަ ކުރި 21 ދުވަސް ޖަލު ހުކުމުން އުނިކުރުމަށްފަހު އެވެ. މަގުބޫލު ސަބަބެއް ނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ކުށަށް އޭނާ އަށް ކަނޑައެޅި ހަ މަސް ދުވަހަށް ޖަލަށްލުމުގެ އަދަބެކެވެ.

ޒުހެއިރު ދިން އެއްބާރުލުމުގެ ސަބަބުން ޝަރީއަތުގެ ވަގުތާއި ވަސީލަތް ސަލާމަތްވި ކަމާއި އޭނާގެ އިއުތިރާފުން އެ ހާދިސާއާ މެދު ހިތާމަކުރާކަން އެނގޭކަން ހުކުމުގައި ފާހަގަކޮށްފައިވެ އެވެ. އިއުތިރާފުވުމުން ލިބުނު ލުއިތަކާއި އެއް ދައުވާއަށް ވުރެ ގިނަ ދައުވާ ކުރުމުން އަދަބަށް ގާނޫނުން ލިބޭ ލުއިތައް ވެސް ޒުހެއިރަށް ލިބުނެވެ.