Roadha Mihaaru
ގުރައިދޫ މިސްކިތުގައި މުދިމަކު ނެތި އަހަރެއް

ގުރައިދޫ މިސްކިތުގައި މުދިމަކު ނެތި އަހަރެއް، މިނިސްޓްރީގެ ޚަބަރެއް ނުވޭ

27 ސެޕްޓެމްބަރ 2022

ކ. ގުރައިދޫގެ މިސްކިތެއްގައި މުދިމަކު ނެތި އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި އެކަމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީން ވެސް ޚަބަރެއް ނުވާ ކަމަށް ރަށު ކައުންސިލުން ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކ. ގުރައިދޫގެ މިސްކިތެއްގައި މުދިމަކު ނެތި އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި އެކަމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީން ވެސް ޚަބަރެއް ނުވާ ކަމަށް ރަށު ކައުންސިލުން ބުނެފި އެވެ.

ގުރައިދޫ ކައުންސިލުގެ މެމްބަރު އިބްރާހިމް ޝަލީޒް "މިހާރު" އަށް ވިދާޅުވީ އެ ރަށުގައި ހުންނަ ދެ މިސްކިތުގެ ތެރެއިން އެއް މިސްކިތް ކަމަށްވާ މަސްޖިދުލް އިޚާގައި މުދިމަކު ނެތީ މިދިޔަ އަހަރުގެ މާޗު މަހު މުދިމު ރިޓަޔާކުރެއްވުމުން ކަމަށެވެ.

އެ މިސްކިތަށް މުދިމަކު ހޯދަން، އިސްލާމިކް މިނިސްޓްރީން މިދިޔަ އަހަރު ސެޕްޓެމްބަރު މަހު އިއުލާނުކޮށްފައިވެ އެވެ. ކައުންސިލުން ބުނި ގޮތުގައި އެ މަގާމަށް މީހުން ކުރިމަތި ވެސް ލި އެވެ. އެކަމަކު މަގާމަށް މީހަކު ނުނަގާ ކަމަށް ބުންޏެވެ.

"ކައުންސިލުން އެކި ފަހަރު މަތިން މިނިސްޓްރީއަށް އަންގާފައި ވާނީ. އެކަަމަކުމިދިޔަ އެއް އަހަރުގެ ތެރޭގައި އެއްވެސް އެއްބާރުލުމެއް ނުލިބޭ،" އޭނާ ވިދާޅުވި އެވެ.

"ކުރިން އަޅުގަނޑުމެން ގުޅީމަ ފޯނުވެސް ނަގާ. މިހާރު ފޯނު ވެސް ނުނަގާ."

އޭނާ ވިދާޅުވީ އެ މިސްކިތުގައި މިހާރު އިމާމުވެ ނަމާދުކުރަނީ މިސްކިތް ބެލެހެއްޓުމުގެ ވަޒީފާގައި އުޅޭ ބައެއް މީހުންނާއި އެ ރަށުގައި އިމާމުކަން ކުރުމުގެ ހުއްދަ އޮންނަ ބައެއް މީހުން ކަމަށެވެ.

މާލެ އާއި ރަށްރަށުގައި ހުންނަ މިސްކިތްތަކަށް މުދިމުން ހަމަޖައްސައި، އެ މީހުންނަށް މުސާރަދެނީ އިސްލާމިކް މިނިސްޓްރީންނެވެ. ކައުންސިލްތަކުގެ ޒިންމާއަކަށް އޮންނަނީ މިސްކިތްތަކުގެ މަސައްކަތު މީހުން ހަމަޖެއްސުމާއި އެތަންތަން މަރާމާތުކޮށް، ސާފުކޮށް ބެލެހެއްޓުމެވެ.

މިކަމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ. މިފަހުން އިސްލާމިކް މިނިސްޓްރީއާ ގުޅޭ ގިނަ މައްސަލަތަކުގައި މައުލޫމާތު ހޯދަން ގުޅިޔަސް އެ މިނިސްޓްރީން ޖަވާބެއް ނުލިބެ އެވެ.