Roadha Mihaaru
ކ.ގުރައިދޫގެ ނަރުދަމާ ހިންގުން ސްޓެލްކޯއާ ހަވާލުކޮށްފި

ކ. ގުރައިދޫގައި އާ ފެން ޕްލާންޓެއް ބަހައްޓައި ނަރުދަމާ ހިންގުން ސްޓެލްކޯ އަށް

07 ނޮވެމްބަރ 2019

ކ. ގުރައިދޫގެ ނަރުދަމާ ހިންގުން ސްޓެލްކޯއާ ހަވާލުކޮށް އެ ރަށުގައި މިއަދު އާ ފެން ޕްލާންޓެއް ބަހައްޓައި އޭގެ ހިދުމަތް އިފްތިތާހުކޮށްފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ކ. ގުރައިދޫގެ ނަރުދަމާ ހިންގުން ސްޓެލްކޯއާ ހަވާލުކޮށް އެ ރަށުގައި މިއަދު އާ ފެން ޕްލާންޓެއް ބަހައްޓައި އޭގެ ހިދުމަތް އިފްތިތާހުކޮށްފި އެވެ.

އެ ރަށު ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި، ނަރުދަމާ ބެލެހެއްޓުމާ ސްޓެލްކޯގެ ފަރާތުން ހަވާލުވެވަޑައިގަތީ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު ހަސަން މުގުނީ އެވެ.

މީގެ ކުރިން ކައުންސިލުން ބަލަހައްޓަމުން ދިޔަ ނަރުދަމާއާ ސްޓެލްކޯ އިން ހަވާލުވެ، ދިމާވެފައިވާ އެކި މައްސަލަތައް ހައްލުކުރާނެ އެވެ. މުގުނީ ވިދާޅުވީ މި ހިދުމަތް ފުޅާ ކުރުމަށްޓަކައި، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުުގައި ހަތް މިލިއަން ރުފިޔާ ހިމަނާފައިވާ ކަމަށެވެ.

ގުރައިދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް މީހުން -- ފޮޓޯ: ސްޓެލްކޯ

ގުރައިދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް މީހުން -- ފޮޓޯ: ސްޓެލްކޯ

ލޯކަލް ޓޫރިޒަމް ކުރިއަރަމުން އަންނަ ގުރައިދޫ އަށް އެކަށީގެންވާ ވަރަށް ފެން ނުލިބޭތީ، އެ މައްސަލަ ހައްލުކުރުމަށް އެ ރަށުގައި މިއަދު އަލަށް އިފްތިތާހުކުރީ 100 ޓަނުގެ ފެން ޕްލާންޓެކެވެ. މި ޕްލާންޓު މިދިޔަ ހަފުތާ އިން ފެށިގެން އަންނަނީ ބޭނުންކުރަމުންނެވެ. ކުރިން ބޭނުން ކުރަމުން އައި 30 ޓަނުގެ ދެ ޕްލާންޓާ އެކު، 160 ޓަނުގެ ފެން އުފެއްދުމުގެ ގާބިލްކަން މިހާރު ލިބިފައި ވެ އެވެ.

ބޭނުންކުރަމުން އައި 30 ޓަނުގެ އެއް ފެން ޕްލާންޓަކީ ކަނޑޫމާ ހޮލިޑޭސް އިން އިން އެ ރަށަށް ހަދިޔާކުރި ޕްލާންޓެކެވެ.

"މިހާރު ބޭނުން ކުރަނީ މި 100 ޓަނުގެ ޕްލާންޓު އެކަނި. އެކަމަކު އެއަށް ވުރެ ގިނައިން ފެން ބޭނުންވެއްޖެ ހާލަތެއްގައި އަނެއް ދެ ޕްލާންޓު ވެސް ބޭނުންކުރެވޭނެ،" މުގުނީ ވިދާޅުވި އެވެ.

މި ރަސްމިއްޔާތަށް ވަޑައިގަތް ޝަރަފްވެރި މެހެމާން މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ވިދާޅުވީ ފެނުގެ ހިދުމަތް ފުޅާކުރުމަކީ އެ ރަށުގެ ލޯކަލް ޓޫރިޒަމް އަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ. ފެނުގެ ހިދުމަތް ރަނގަޅަށް ނުލިބޭތީ، އެ ރަށަށް ޒިޔާރަތްކުރާ ޓޫރިސްޓުން އެހާ ހިތްހަމަ ނުޖެހޭ ކަމަށާއި، އެ މީހުން ލިޔާ ރިވިއުތަކުގެ ސަބަބުން އިތުރު ޓޫރިސްޓުން ލިބުމުގައި ދަތިކަމެއް ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ވާހަކަދައްކަވަނީ -- ފޮޓޯ: ސްޓެލްކޯ

މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ވާހަކަދައްކަވަނީ -- ފޮޓޯ: ސްޓެލްކޯ

މީގެ އިތުރުން އެ ރަށުގެ ބިން ހިއްކުމަށާއި އެ ރަށު ސްކޫލުގައި އަށް ކްލާހުގެ އާ އިމާރާތެއް ހަދަން ވެސް އަންނަ އަހަރުގެ ބަޖެޓުގައި ހުށަހަޅާފައިވާ ކަމަށް ޒަރީރު ވިދާލުވި އެވެ. އަދި ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ފެށޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ގުރައިދޫ އަކީ މީގެ 15 އަހަރު ކުރިން ސުނާމީ ކާރިސާގައި ފެނުގެ ފަށަލަ ވަރަށް ބޮޑަށް ހަލާކުވެ ފެން ލޮނުވެފައިވާ ރަށެކެވެ. އެ ރަށު ރައްޔިތުން މުޅިން ވެސް ބޮމުން އަންނަނީ ވާރޭ ފެނާއި ބަންދުކޮށްފައި ހުންނަ ފެން ގަނެގެން ކަމަށް އެ ރަށު ކައުންސިލުން ބުންޏެވެ.