Roadha Mihaaru
ރިޒާގެ ހަނދާނުގައި ޤުރުއާން މުބާރާތެއް ބާއްވަނީ

ރިޒާގެ ހަނދާނުގައި ޤުރުއާން މުބާރާތެއް ބާއްވަނީ

08 މާޗް 2023

މިދިޔަ މަހު އަވަހާރަވި ކ. ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާގެ ހަނދާނުގައި ޤުރުއާން މުބާރާތެއް ބޭއްވުމަށް އެ ރަށު ކައުންސިލުން ނިންމައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މިދިޔަ މަހު އަވަހާރަވި ކ. ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާގެ ހަނދާނުގައި ޤުރުއާން މުބާރާތެއް ބޭއްވުމަށް އެ ރަށު ކައުންސިލުން ނިންމައިފި އެވެ.

"އުސްތާޒު ރިޒާގެ ހަނދާނީ ޤުރުއާން މުބާރާތް 1444" ނަމުގައި ކުރިއަށް އޮތް ރޯދަމަހު ބާއްވާ މުބާރާތުގައި ބައިވެރިވާން މިހާރު ވަނީ ހުޅުވާލައިފަ އެވެ.

މުބާރާތުގައި ބައިވެރިވެވޭނީ:

- ގުރައިދޫގެ ރަށްވެހިންްނަށް.

- ގުރައިދު އަށް ރަޖިސްޓަރީ ވެފައި ނެތަސް މަންމަ ނުވަތަ ބައްޕަ އެ ރަށަށް ރަޖިސްޓަރީ ވެފައިވާ މީހުންނަށް.

- ގުރައިދު އަށް ރަޖިސްޓަރީ ވެފައި ނެތަސް އެ ރަށު ސްކޫލްގައި ކިޔަވާ ކުދިން.

މި މުބާރާތް 10 އުމުރު ފުރާއަކަށް ހުޅުވާލައިގެން ބާއްވާ އިރު، މުބާރާތް ކުރިއަށް ގެންދާނީ ބަލައިގެންނާއި ނުބަލައި ކިޔެވުމުގެ ގޮފި ހިމެނޭ ގޮތަށެވެ.

ކެންސަރުގެ އާލާސްކަންފުޅުގައި ގިނަ ދުވަސް ވަންދެން އުޅުއްވުމަށް ފަހު އުމުރުން 55 އަހަރުގައި ރިޒާ އަވަހާރަވީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ މެލޭޝިއާގަ އެވެ.

ރިޒާ ވަނީ ގުރައިދޫ ދާއިރާގެ މެމްބަރުކަން ފާއިތުވި 14 އަހަރު ފުރުއްވާފަ އެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ހޮވާ މެންބަރެއްގެ ގޮތުގައި ވެސް އިންނެވި އެވެ. އެ ކޮމިޝަންގެ ނައިބު ރައީސްކަން ވެސް ރިޒާ ކުރެއްވި އެވެ. ރިޒާ އަވަހާރަވުމާ ގުޅިގެން ގުރައިދޫ ދާއިރާ އަށް މެމްބަރަކު ހޮވަން އަންނަ މަހުގެ 15 ގައި ބައި-އިލެކްޝަން ބާއްވަން އިލެކްޝަން ކޮމިޝަން (އީސީ) އިން ވަނީ ނިންމައިފަ އެވެ.