Roadha Mihaaru
އެއްދަންފަޅި އަށް ކިޔަވައިދިނުމުގައި ގޮންޖެހުންތައް!

އެއްދަންފަޅި އަށް ކިޔަވައިދިނުމުގައި ގޮންޖެހުންތައް!

28 ސެޕްޓެމްބަރ 2022

ޖުމުލަ 157 ސްކޫލެއްގައި އެއްދަންފަޅި އަށް މިހާރު ކިޔަވައި ދެމުން އައި ނަމަވެސް ގޮންޖެހުން އެބަހުރި ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ޖުމުލަ 157 ސްކޫލެއްގައި އެއްދަންފަޅި އަށް މިހާރު ކިޔަވައި ދެމުން އައި ނަމަވެސް ގޮންޖެހުން އެބަހުރި ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

ސްކޫލުތަކުގެ ކިޔެވުން އެއްދަންފަޅިއަކަށް ބަދަލުކުރިޔަސް އޭގެ މަންފާ ނުލިބޭ ކަމަށް، ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ކުރެންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލް ޣަނީ އަބްދުﷲ ވިދާޅުވުމާ ގުޅިގެން ދެއްވި ޖަވާބުގައި ވަޒީރު ވިދާޅުވީ، އެ ކޮންސެޕްޓްގެ ދަށުން ވަށައިޖެހޭ ތައުލީމެއް ކުދިންނަށް ދިނުން މުހިންމު ކަމަށާއި ހަމައެކަނި އޮތް ކަމަކީ ސެޝަން ބަދަލުކުރުން ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ، ވަށައިޖެހޭ ކޮންސެޕްޓަށް މިހާރު ކިޔަވައިދެނީ އެއްދަންފަޅީގެ 157 ސްކޫލުގެ ތެރެއިން 44 ތަނެއްގައި ކަމަށާއި އެ ކޮންސެޕްޓްގައި ކުދިން ކިޔަވަން ދާނީ ހެނދުނު ހައެއް ޖަހާކަންހާއިރު ކަމަށެވެ. ކަސްރަތުގެ ހަރަކާތަކާއެކު ކިޔެވުން ފަށާނީ ނާސްތާ އަށް ފަހު އެވެ.

"ކަރިކިއުލަމްގައި ވާ އެކަޑެމިކް މާއްދާތައް ކިޔެވުމަށް ފަހު އަދި އެ ކުދިން ސްކޫލުގައި ހޭދަކުރާނެ އެކިއެކި އިޖުތިމާއީ ހަރަކާތްތަކާއި ހުނަރު ދަސްކުރުމާއި ކްލަބް އެކްޓިވިޓީސް އާއި މި ކަހަލަ ވަގުތުތަކެއް ސްކޫލުގައި ހޭދަކުރާނެ. ދުވަހީ މަސައްކަތް ނިންމާލާފައި ގެ އަށް ދާނީ. އިތުރު މަސައްކަތްތަކެއް ދެން އެ ދުވަހަކު ނޯންނާނެ. ވީކެންޑްސްގައި ސްކޫލަށް އަންނާކަށް ނުޖެހޭނެ،" އާއިޝަތު އަލީ ވިދާޅުވި އެވެ.

ސިވިލް ސާވިސްގެ މުވައްޒަފެއް ވެއްޖިއްޔާ މިހާރު މި އޮންނަނީ ހަ ގަޑިއިރު ސްކޫލުގައި ހޭދަކުރާ ގޮތަށް. އެކަމަކު އެއްދަންފަޅީގެ ސްކޫލެއްގައި ނަމަ އަށް ގަޑިއިރު ވަރު އެބަ ހޭދަކުރަންޖެހޭ. އެހެންވީމާ އިތުރަށް އެ ހޭދަވާ ވަގުތަށް އަޅުގަނޑުމެން އޯވަޓައިމް އެބަ ދޭންޖެހޭ. އަދި އަޅުގަނޑުމެންގެ ނިޒާމު އޮތް ގޮތުން އެ އަކަށް އަޅުގަނޑުމެންނަށް ކޭޓަ ކުރެވޭކަށް ނެތް،"--- އެޑިއުކޭޝަން މިނިސްޓަރު

އެކަމަކު، އޭނާ ވިދާޅުވީ އެ ކޮންސެޕްޓަށް ކިޔަވައި ދިނުމުގައި ކުރިމަތިވާ ގޮންޖެހުމަކީ ސިވިލް ސާވިސްގެ ނިޒާމުގެ ތެރެއިން ބައެއް ކަންކަން ކުރުން ކަމަށެވެ.

އާއިޝަތު އަލީ ވިދާޅުވިގޮތުގައި، އެއްދަންފަޅީގެ ސްކޫލުގެ ތެރެއިން ވަށައިޖެހޭ ގޮތަށް ކިޔަވައިދޭން 44 ސްކޫލެއް ބަދަލު ކުރިޔަސް ކިޔަވައިދޭން އިތުރު ވަގުތު ޓީޗަރުން ހޭދަކުރަންޖެހެ އެވެ.

"ސިވިލް ސާވިސްގެ މުވައްޒަފެއް ވެއްޖިއްޔާ މިހާރު މި އޮންނަނީ ހަ ގަޑިއިރު ސްކޫލުގައި ހޭދަކުރާ ގޮތަށް. އެކަމަކު އެއްދަންފަޅީގެ ސްކޫލެއްގައި ނަމަ އަށް ގަޑިއިރު ވަރު އެބަ ހޭދަކުރަންޖެހޭ. އެހެންވީމާ އިތުރަށް އެ ހޭދަވާ ވަގުތަށް އަޅުގަނޑުމެން އޯވަޓައިމް އެބަ ދޭންޖެހޭ. އަދި އަޅުގަނޑުމެންގެ ނިޒާމު އޮތް ގޮތުން އެ އަކަށް އަޅުގަނޑުމެންނަށް ކޭޓަ ކުރެވޭކަށް ނެތް،" ވަޒީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެ ސަބަބާ ހެދި ހުރިހާ ސްކޫލެއްގައި ކިޔެވުން އެއްދަންފަޅި އަށް ބަދަލު ނުކުރެވޭނެ ކަމަށެވެ.

"އެކަމަކު އަޅުގަނޑުމެން އެ ދިމާލަށް މި ދަނީ. މިހާރު 44 ސްކޫލެއްގައި މި ގޮތަށް މަސައްކަތް ކުރެވެމުން އެބަދޭ. އަޅުގަނޑުމެންގެ އުންމީދަކީ ހުރިހާ ސްކޫލަކަށް މި ކޮންސެޕްޓް ތައާރަފު ކުރެވުން،" ވަޒީރު ވިދާޅުވި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ތައުލީމާ ބެހޭ ވަޒީރު ވަޑައިގަތީ، ވިލިމާލޭގެ މުހްޔިއްދީން ސްކޫލުގައި މަލްޓިޕާޕަސް ހޯލެއް ހަދަން ދައުލަތުގެ މިދިޔަ އަހަރުގެ ބަޖެޓްގައި ހިމަނާފައިވީ ނަމަވެސް އެކަމުގެ އަމަލީ މަސައްކަތް ކުރިއަށް ނުގެންދާތީ އެކަމާ ގުޅޭ ގޮތުން އެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވާށެވެ.

ވިލިމާލެ ދާއިރާގެ މެމްބަރު އުޝާމް، މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީއާ ސުވާލު ކުރައްވަނީ.---ފޮޓޯ: މަޖިލިސް

ވިލިމާލެ ދާއިރާގެ މެމްބަރު އުޝާމް، މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީއާ ސުވާލު ކުރައްވަނީ.---ފޮޓޯ: މަޖިލިސް

އާއިޝަތު އަލީ ވިދާޅުވީ، އެ މަލްޓިޕާޕަސް ހޯލުގެ މަސައްކަތް މިދިޔަ އަހަރުގެ ފަހު ކުއާޓަރަށް ތާވަލުކުރި ކަމަށާއި އެކަމަކު ޑިޒައިން މަރުހަލާގައި މުހްޔިއްދީން ސްކޫލުގެ މެނޭޖުމަންޓާ ވާހަކަ ދެއްކުމުން ބައެއް ކަންކަން ފާހަގަކުރުމާއެކު ވިސްނުން ބަދަލުވީ ކަމަށެވެ.

މެނޭޖުމަންޓުގެ މައްސަލައަކީ ވަޒީރު ވިދާޅުވިގޮތުގައި އެ ހޯލު އަޅަން ނިންމި ތަނުގައި އެ ކަން ކޮށްފި ނަމަ ބޭނުންވާ ޖާގަ ނުލިބުމެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ރައްޔިތުންގެ މަޖިލިހުގައި މިއަދު ޖަވާބުތައް ދެއްވަނީ.---ފޮޓޯ: މަޖިލިސް

އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ރައްޔިތުންގެ މަޖިލިހުގައި މިއަދު ޖަވާބުތައް ދެއްވަނީ.---ފޮޓޯ: މަޖިލިސް

"އެ ގޮތަށް ހޯލު އަޅާ ކަމުގައި ވެއްޖިއްޔާ މިހާރު އެ މީހުން ބޭނުންކުރާ ސެން ކްލާސްރޫމާއި އަދި އެހެން އިމާރާތްތަކެއް ތަޅާލަން ޖެހޭތީ އެހެން ލޮކޭޝަނަކަށް މަލްޓިޕާޕަސް ހޯލު ގެންދަން [ހުށަހެޅީ]. އެހެންވީމާ އަޅުގަނޑުމެން އެހެން ލޮކޭޝަނެއް ފާހަގަކޮށް މިހާރު ކުރެވެމުންދާ މަސައްކަތަކީ އެ ލޮކޭޝަންގެ ކޮންސެޕްޓް ޑިވެލޮޕްކޮށް، ޑިޒައިންގެ މަސައްކަތް،" އޭނާ ވިދާޅުވި އެވެ،

އާއިޝަތު އަލީ ވިދާޅުވިގޮތުގައި، މަލްޓިޕާޕަސް ހޯލު ހެދުމަށް ބަޔަކު ހޯދަން މި މަހުގެ 14 ގައި ވަނީ ބީލަމަށް ލައިފަ އެވެ.

"މިނިސްޓްރީން ކުރަންޖެހޭ މަސައްކަތްތައް ނިމިފައި ހުރީ. ޓެންޑަރިން ނިމުހާ އަވަހަށް އިއުލާން ކުރެވޭނެ،" ވަޒީރު ވިދާޅުވި އެވެ.