Roadha Mihaaru
ބޭނުމީ ހިޖުރަކުރި އާއިލާތައް ރަށަށް ދިއުން: މިނިސްޓަރު

ސެޓްލައިޓް ސްކޫލުން ބޭނުންވަނީ ރަށްރަށަށް ހިޖުރަކުރި އާއިލާތައް އަނބުރާ ދިއުމަށް: މިނިސްޓަރު

17 ޖެނުއަރީ 2022

"ސެޓެލައިޓް ސްކޫލް" ފެށުމާއެކު ބޭނުންވަނީ ތައުލީމާ ގުޅޭ ކަންކަމަށް އެހެން ރަށްރަށަށް ހިޖުރަކުރި އާއިލާތައް އެ މީހުންގެ އަމިއްލަ ވަޒަނަށް ދިއުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

"ސެޓެލައިޓް ސްކޫލް" ފެށުމާއެކު ބޭނުންވަނީ ތައުލީމާ ގުޅޭ ކަންކަމަށް އެހެން ރަށްރަށަށް ހިޖުރަކުރި އާއިލާތައް އެ މީހުންގެ އަމިއްލަ ވަޒަނަށް ދިއުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

"ސެޓެލައިޓް ސްކޫލް" އަކީ ސްކޫލު ނެތް ރަށްރަށާއި ކުދިން ހަމަނުވުމުގެ ސަބަބުން ސްކޫލު ހިންގޭ ރަށްރަށުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

އާބާދީ މަދުވުމުން މީގެ 14 އަހަރު ކުރިން ބ. ފެހެންދޫ ސްކޫލާއި ވ. ރަކީދޫ އަދި އެ އަތޮޅު ތިނަދޫގެ ސްކޫލު ބަންދުކުރުމުން އެ ރަށްރަށުގެ ދަރިވަރުން ކިޔަވަން ހިޖުރަކުރީ އެކި ރަށްތަކަށެވެ. ބައެއް ކުދިން އާއިލާއާއެކު މާލެ އަށް ދިރިއުޅުން ބަދަލުކުރިއިރު ކައިރި ރަށްތަކަށް ކިޔަވަންދާ ކުދިން ވެސް މަދެއް ނޫނެވެ. އޭގެ ތެރެއިން ފެހެންދޫ ސްކޫލު ދަރިވަރުންނަކީ ކޮންމެ ދުވަހަކު ޑިންގީގައި ފުރައިގެން ގޮއިދޫއަށް ސްކޫލަށްދާ ކުދިންނެވެ. އެކަމަކު އެ ތިން ރަށުގައި ވެސް މިހާރު ވަނީ ސެޓެލައިޓް ސްކޫލު މިއަދު އިފުތިތާހުކޮށްފަ އެވެ.

ސެޓެލައިޓް ސްކޫލު އިފްތިތާހު ކުރުމަށް ފެހެންދޫގައި ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ، އާބާދީ މަދުވުމުގެ ސަބަބުން ރަށުގައި ފުރުސަތުތައް ނެތުމުން އެތައް ބަޔަކު އެކި ރަށްތަކަށް ހިޖުރަކުރި ނަމަވެސް ސެޓެލައިޓް ސްކޫލާއެކު ބޭނުންވަނީ ރަށްތަކަށް ހިޖުރަކުރި އާއިލާތައް އަނބުރާ ރަށަށް ދިއުމަށް ކަމަށެވެ.

މިނިސްޓަރު ވިދާޅުވިގޮތުގައި ސެޓެލައިޓް ސްކޫލަކީ ވަރަށް ކާމިޔާބުކަމާއެކު ބޭރު ގައުމުތަކުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމް ރާއްޖޭގައި ފަށާއިރު، އެ ތިން ރަށުގެ ސްކޫލް ގުޅައިލަނީ މާލޭގައި ހުރި އެންމެ ރަނގަޅު އެއް ސްކޫލު ހުރަވީ ސްކޫލާ ކަމުން މި ތިން ރަށުގެ ދަރިވަރުންނަކީ ރަނގަޅު ނަތީޖާތަކެއް ނެރޭ ދަރިވަރުންތަކަކަށް ވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ޑރ. އާއިޝަތު އަލީ ވިދާޅުވި އެވެ.

ސެޓްލައިޓް ސްކޫލު އިފްތިތާހުކުރުމަށް ހުރަވީ ސްކޫލުގައި އޮތް ރަސްމިއްޔާތު-- ފޮޓޯ: ރައީސް އޮފީސް

ސެޓްލައިޓް ސްކޫލު އިފްތިތާހުކުރުމަށް ހުރަވީ ސްކޫލުގައި އޮތް ރަސްމިއްޔާތު-- ފޮޓޯ: ރައީސް އޮފީސް

"އަޅުގަނޑު ޔަގީން ކުރަން ހުރަވީ ސްކޫލުގެ ޕްރިންސިޕަލް އަބްދުﷲ ރަޝީދު، އަމިއްލަ ދަރިންގެ ހައިސިއްޔަތުން މި ތިން ރަށުގެ ދަރިންނަށް ވެސް ލޯބި ދޭނެ ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

ޑރ. އާއިޝަތު އަލީ ވިދާޅުވިގޮތުގައި، މި ކުދިންނަށް ކިޔަވައި ދިނުމަށް އެކި ދުވަސްވަރު ޓީޗަރުން ކުރަންޖެހޭ ދަތުރުތަކަށް ބަޖެޓް ވެސް ހިމަނައި، ހުރަވީ ސްކޫލުގެ ދަރިވަރުންނާއި މި ދަރިވަރުން ބައްދަލުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ވަރަށް ބޮޑު އުއްމީދެކެވެ.

"މި މަޝްރޫއު ކާމިޔަބުކަމާއެކު ކުރިއަށް ގެންދެވުމުގެ ސަބަބުން ހިޖުރަކުރި އާއިލާތައް ރަށަށް ޒިޔާރަތްކުރާ ތަން ދެކެން ބޭނުންވޭ. ރަށުގެ އާބާދީ އިތުރުވެ، ބޮޑު ސްކޫލެއް ރަށުގައި ގާއިމު ކުރެވި ކުދިން އެއްތަނެއްގައި ތިބެގެން ކިޔަވާ ތަން ދެކެން ބޭނުންވޭ. އަދި އެހެން ރަށްތަކުގެ ކުދިން ވެސް މި ސްކޫލުތަކަށް ދާ ތަން ދެކެން ބޭނުންވޭ،" މިނިސްޓަރު ވިދާޅުވި އެވެ.

އޮންލައިންކޮށް ކުރިއަށް ގެންދިޔަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވަމުން ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ ސެޓެލައިޓް ސްކޫލު އިފްތިތާހު ކުރުމަކީ ޖަޒީރާ ދިރިއުޅުމެއްގެ އާ ފެށުމެއް ކަމަށެވެ. މި ތިން ރަށަކީ ކުރިން އަޅައިނުލެވި ދޫކޮށްލެވުނު ތިން ރަށް ނަމަވެސް މި ޕްރޮގްރާމާއެކު އެ ރަށްތަކުގެ ބެލެނިވެރިންނާއި ކުދިންނަށް ވެސް އުއްމީދު ލިބިފައިވާ ކަމަށެވެ.

ސެޓްލައިޓް ސްކޫލު އިފްތިތާހުކުރުމަށް ހުރަވީ ސްކޫލުގައި އޮތް ރަސްމިއްޔާތުގައި ނައިބް ރައީސް ފައިސަލް ނަސީމް ވާހަކަފުޅު ދައްކަވަނީ- ފޮޓޯ: ރައީސް އޮފީސް

ސެޓްލައިޓް ސްކޫލު އިފްތިތާހުކުރުމަށް ހުރަވީ ސްކޫލުގައި އޮތް ރަސްމިއްޔާތުގައި ނައިބް ރައީސް ފައިސަލް ނަސީމް ވާހަކަފުޅު ދައްކަވަނީ- ފޮޓޯ: ރައީސް އޮފީސް

"އުނގެނުމަކީ ގާނޫނުއަސާސީން ކޮންމެ ކުއްޖަކަށް ވެސް ލިބިގެންދާ ހައްގެއް. މިކަމުން އެނގެނީ މިއަދުގެ ރައީސް، ތައުލީމީ ނިޒާމު ހަރުދަނާ ކުރުމަށް ކުރައްވާ ބުރަ މަސައްކަތްޕުޅު،" ހުރަވީ ސްކޫލުގައި ހުންނަވައި ފައިސަލް ވިދާޅުވި އެވެ.

އުމްރާނީ ތަރައްގީއެކޭ އެއްގޮތަށް ތައުލީމީ ނިޒާމު ވަރުގަދަކުރުމަކީ ވެސް ގައުމެއް ތަރައްގީ ކުރުމުގައި ވަރަށް މުހިއްމު ކަމެއް ކަމަށް ފައިސަލް ވިދާޅުވި އެވެ. ސްކޫލުތަކުގައި ގިނަ ޕްރޮޖެކްޓްތަކެއް ކުރިއަށް ގެންދާ ކަމަށާއި ފެންވަރު ރަނގަޅު ޓީޗަރުންނެކޭ އެއްގޮތަށް، ޕްރިންސިޕަލުން ބިނާކުރުމުގެ ޕްރޮގްރާމެއް ވަރަށް އަވަހަށް ފަށާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ސެޓެލައިޓް ސްކޫލުތަކުގައި ކިޔަވައިދޭން ކޮންމެ ރަށެއްގައި ކުދިން ހާޒިރުވެގެން ކިޔަވާނެ އިމާރާތަކާއި ކޮންމެ ގްރޭޑަކަށް ކިޔަވައިދޭނެ މުދައްރިސުން ވެސް ތިބޭނެ އެވެ. ކުދިންނަށް ބޭނުންވާނެ އިންޓަނެޓާއި ކޮމްޕިއުޓަރުގެ ވަސީލަތްތައް މިނިސްޓްރީން ހަމަޖައްސައިދޭނެ އެވެ.

ސެޓެލައިޓް ސްކޫލްގެ މައި ހަބެއްގެ ގޮތުގައި މިހާރު ބޭނުންކުރާ ހުރަވީ ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވީ، މި ޕްރޮގްރާމް އަލަށް ފެށިޔަސް އެ ސްކޫލުގެ ޓީޗަރުންނަކީ އޮންލައިންކޮށް ކިޔަވައިދޭން ފަރިތަ ޓީޗަރުންތަކެއް ކަމަށެވެ. އަދި އެއީ ގައުމީ މަންހަޖަށް ވެސް ފަރިތަ ޓީޗަރުންތަކެއް ކަމަށް ވާތީ އެއް ތަނަކުން ބައްދަލުނުވިޔަސް އެ ކުދިންގެ އުއްމީދުތައް ހާސިލު ކުރުމުގެ ގާބިލުކަން ހުރަވީ ސްކޫލުގެ ޓީޗަރުންގެ ކިބައިގައި ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑްގެ ތެރޭގައި ޓެލިކްލާސްތައް ކުރިއަށް ގެންދިއުމުގައި ވެސް ހުރަވީ ސްކޫލުގެ ޓީޗަރުން ދެއްކި ހިތްވަރު ފާހަގަކުރައްވައި، ޓީޗަރުންގެ ކިބައިން ޕްރިންސިޕަލް އެދިވަޑައިގަތީ ސެޓެލައިޓް ސްކޫލު ވެސް ކާމިޔާބާ އެކީ ކުރިއަށް ގެންގޮސްދިނުމަށެވެ.

ސެޓްލައިޓް ސްކޫލަކީ ކޮބާ؟

- ފެންވަރު ރަނގަޅު ސްކޫލަކާ އާބާދީ މަދުވެގެން ކިޔެވެން ނެތް ރަށެއްގެ ކުދިންނާ ގުޅުވާލުން

- މިހާރު ސެޓްލައިޓް ސްކޫލުގެ މައި ހަބަކީ ހުރަވީ ސްކޫލު. ސެޓްލައިޓް ސްކޫލު އިފްތިތާހުކުރީ ބ. ފެެހެންދޫ އާއި ވ. ތިނަދޫ، ވ. ރަކީދޫގައި

- ސެޓްލައިޓް ސްކޫލުގައި ކިޔަވާ ކުދިން ތިބޭނީ އެ ރަށެއްގައި އެ ކުދިންނަށް ހާއްސަކޮށްފައި ހުރި އިމާރާތުގައި

- ހުރަވީ ސްކޫލުގެ ކުދިން ކިޔަވާ ވަގުތު، އެ ތިން ސްކޫލުގެ ކުދިން ވެސް ތިބޭނީ އޮންލައިންކޮށް ހަމަ އެ ކުދިން ކިޔަވާ ގްރޭޑެއްގެ ކްލާހަށް ވަދެ. އެ ކުދިންގެ ކަންކަން ބަލަހައްޓާނީ ހުރަވީ ސްކޫލުން

- އެ ކުދިން ކްލާހަށް ވަނުމަށް ބޭނުންވާ ލެޕްޓޮޕާއި އިންޓަނެޓް ފޯރުކޮށްދެނީ އެޑިއުކޭޝަން މިނިސްޓްރީން. އެހެން ސްކޫލުތަކަށް ވުރެ މި ތިން ސްކޫލުގައި އިންޓަނެޓް ދެ ގުނަ ފާސްޓްވާނެ

- މި ތިން ސްކޫލުގެ ކުދިންގެ ކިޔެވުމުގެ ކަންކަމަށް ހުރަވީގެ ޓީޗަރުން ކުރަންޖެހިދާނެ ދަތުރުތަކަށް ވެސް ބަޖެޓުގައި ހިމަނާނެ