Roadha Mihaaru
ދަރަވަންދޫގެ ހެލްތު އިމަޖެންސީ ސެންޓަރު ހުޅުވައިފި

އިންޑިއާގެ އެހީގައި ދަރަވަންދޫގައި ހެދި ހެލްތު އިމަޖެންސީ ސެންޓަރު ހުޅުވައިފި

28 ސެޕްޓެމްބަރ 2022

އިންޑިއާގެ އެހީގައި ބ. ދަރަވަންދޫގައި ހެދި ހެލްތު އިމަޖެންސީ އެންޑް ޓްރައުމާ ސެންޓަރު މިއަދު ހުޅުވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އިންޑިއާގެ އެހީގައި ބ. ދަރަވަންދޫގައި ހެދި ހެލްތު އިމަޖެންސީ އެންޑް ޓްރައުމާ ސެންޓަރު މިއަދު ހުޅުވައިފި އެވެ.

ދަރަވަންދޫ ސިއްހީ މަރުކަޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ސެންޓަރު ހުޅުއްވައިދެއްވީ ހެލްތު މިނިސްޓަރު އަހްމަދު ނަސީމާއި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އާއި އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު މުނޫ މަހާވަރު އެވެ.

ބ. ދަރަވަންދޫގައި ހެދި ހެލްތު އިމަޖެންސީ އެންޑް ޓްރައުމާ ސެންޓަރު ހުޅުވުން -- ފޮޓޯ: އިންޑިއާ ހައިކޮމިޝަން

ބ. ދަރަވަންދޫގައި ހެދި ހެލްތު އިމަޖެންސީ އެންޑް ޓްރައުމާ ސެންޓަރު ހުޅުވުން -- ފޮޓޯ: އިންޑިއާ ހައިކޮމިޝަން

އެ ސެންޓަރު ހެދީ އެ ރަށު ސިއްހީ މަރުކަޒުގެ ގޯތިތެރޭގަ އެވެ. އެ މަސައްކަތް ކުރީ އެލްއެފް ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެންނެވެ.

އެއީ އިންޑިއާގެ ކުރީގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖު 2019 ވަނަ އަހަރު ރާއްޖެ އަށް ކުރެއްވި ދަތުރުގައި ރާއްޖޭގެ އިޖުތިމާއީ އަދި އިގުތިސާދީ ދާއިރާ އަށް އެހީވުމުގެ ގޮތުން ދިން 106 މިލިއަން ރުފިޔާގެ ފައިސާގެ އެހީގެ ދަށުން ހެދި ތަނެކެވެ.

ބ. ދަރަވަންދޫގައި ހެދި ހެލްތު އިމަޖެންސީ އެންޑް ޓްރައުމާ ސެންޓަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި (ކ-ވ) އިންޑިއާގެ ސަފީރު މުނޫ މަހާވަރު އާއި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އަދި ހެލްތު މިނިސްޓަރު އަހްމަދު ނަސީމް -- ފޮޓޯ: އިންޑިއާ ހައިކޮމިޝަން

އިންޑިއާ ސަރުކާރުން ދިން އެހީގެ 7.4 މިލިޔަން ރުފިޔާ އާއި އަދި ދިވެހި ސަރުކާރުގެ ބަޖެޓުން ނުވަ ލައްކަ ރުފިޔާ އެ މަސައްކަތަށް ހޭދަކޮށްފައިވެ އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ މަޝްރޫއުގެ މައިގަނޑު ބޭނުމަކީ ފުރާނަ އަށް ނުރައްކާވާ ފަދަ ގެއްލުމެއް ނުވަތަ ބައްޔެއް ކުރިމަތިވެފައިވާ ބަލި މީހުންނަށް ކުއްލި ފަރުވާ ފޯރުކޮށްދިނުން ކަމަށެވެ. އަދި ސިއްހީ ހިދުމަތް އަޕްގްރޭޑްކޮށް، ރާއްޖޭގެ ކަންކޮޅުތަކުން ހޮވާލެވޭ ސަރަހައްދުތަކުގެ ސިއްހީ ހިދުމަތް ދޭ ތަންތަނުގެ ގާބިލުކަން އިތުރަށް ވަރުގަދަވެގެން ދާނެ ކަމަށެވެ.

ބ. ދަރަވަންދޫގައި ހެދި ހެލްތު އިމަޖެންސީ އެންޑް ޓްރައުމާ ސެންޓަރު ހުޅުވުން -- ފޮޓޯ: އިންޑިއާ ހައިކޮމިޝަން

ބ. ދަރަވަންދޫގައި ހެދި ހެލްތު އިމަޖެންސީ އެންޑް ޓްރައުމާ ސެންޓަރު ހުޅުވުން -- ފޮޓޯ: އިންޑިއާ ހައިކޮމިޝަން

"މިގޮތުން އަޕްގްރޭޑް ކުރެވިގެންދާ ސިއްހީ ހިދުމަތް ދޭ ތަންތަން ނެޝަނަލް ޑިސާސްޓަ ރެސްޕޮންސް ޕްލޭން ނެޓްވޯކް އާއި ގުޅައިލާ މިފަދަ ތަންތަނުގެ ބޭނުން ރަށުގެ ފެންވަރުގައި އަދި ގައުމީ ފެންވަރުގެ ރޭވުންތަކުގައި ހިމެނުން،" އެ ބަޔާނުގައިވެ އެވެ.

މި މަޝްރޫއުގެ ދަށުން ދަރަވަންދޫ ސިއްހީ މަރުކަޒުގައި ފުލްފްލެޖް އިމަޖެންސީ ސެންޓަރަކާއި ޓްރެއިން ފެސިލިޓީއަކާއި އޮފީހެއް ހަދަފާއިވެ އެވެ.

އިންޑިއާ އިން ރާއްޖެ އަށް ދީފައިވާ 106 މިލިޔަން ރުފިޔާގެ އެހީގެ ދަށުން، އއ. އުކުޅަހުގައި ކޮންވެންޝަން ސެންޓަރަކާއި އެ އަތޮޅު ރަސްދޫ ބަނދަރު ހިމާޔަތް ކުރުމުގެ މަޝްރޫއު ވަނީ ހިންގައިފަ އެވެ. އަދި މާލެ އަށް ވެހިކަލާއި މެޝިނަރީޒް ހަވާލުކޮށްފައިވާއިރު، ބ. ފެހެންދޫގެ ދަރިވަރުން، އެ އަތޮޅު ގޮއިދު އަށް ކިޔަވަން ދިޔުމަށް ފެރީއެއް ވެސް ހަވާލުކޮށްފައިވެ އެވެ.

ހައި ކޮމިޝަނުން ބުނީ ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް އިންޑިއާ އިން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށާއި ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ވެސް ގިނަ އެހީތަކެއް އެ ގައުމުން ފޯރުކޮށްދީފައިވާ ކަމަށެވެ. ސިއްހީ ދާއިރާގެ އިތުރުން އުމްރާނީ ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތައް އިންޑިއާގެ އެހީގައި މި ސަރުކާރުން އަންނަނީ ކުރަމުންނެވެ.