Roadha Mihaaru
ދަރަވަންދޫގައި އިމަޖެންސީ ހިދުމަތްދޭ މަރުކަޒެއް އަޅަނީ

ދަރަވަންދޫގައި އިމަޖެންސީ ހިދުމަތްދޭ މަރުކަޒެއް އަޅަން ހަވާލުކޮށްފި

20 ޖުލައި 2020

ބ. ދަރަވަންދޫގައި އިމަޖެންސީ ސިއްހީ ހިދުމަތްދޭ މަރުކަޒެއް ހަދަން ބަޔަކާ މިއަދު ހަވާލުކޮށްފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ބ. ދަރަވަންދޫގައި އިމަޖެންސީ ސިއްހީ ހިދުމަތްދޭ މަރުކަޒެއް ހަދަން ބަޔަކާ މިއަދު ހަވާލުކޮށްފި އެވެ.

ހެލްތު މިނިސްޓްރީން ބުނި ގޮތުގައި އެލްއެފް ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން މި މަރުކަޒު އަޅަނީ އިންޑިއާ ސަރުކާރުން ދިން އަށް 7.4 މިލިޔަން ރުފިޔާއިންނާއި ސަރުކާރު ބަޖެޓުން ހަރަދުކުރާ ނުވަ ލައްކަ ރުފިޔާއިންނެވެ.

އެ މިނިސްޓްރީން ބުނީ ދަރަވަންދޫ ހެލްތު ސެންޓަރުގައި އިމަޖެންސީ ފަރުވާދޭ ބައެއް ނެތުމުން، އެ ހިދުމަތް ދިނުމަށް ވަރަށް ބޮޑަށް ދަތިވާ ކަމަށެވެ. އަދި ބ. އަތޮޅުގައި ގިނަ އަދަދެއްގެ ރިސޯޓް ހުންނައިރު އެ ރަށުގައި ޑޮމެސްޓިކް އެއާޕޯޓެއް އޮތުމުން، އިމަޖެންސީގައި ފަރުވާ ދޭން ޖެހޭ މީހުންނަށް އަވަސްކަމާއެކު އެ ހިިދުމަތް ފޯރުކޮށްދެވޭނެ ކަމަށް ބުންޏެވެ.

މި މަޝްރޫއުގެ ދަށުން ސިއްހީ މަރުކަޒުގައި ފުލްފްލެޖް އިމަޖެންސީ ސެންޓަރަކާއި ޓްރެއިން ފެސިލިޓީއަކާއި އޮފީހެއް ހަދާނެ އެވެ.

ދަރަވަންދޫގައި މި މަޝްރޫއު ހިންގަނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ދީފައިވާ 106 މިލިޔަން ރުފިޔާގެ ހިލޭ އެހީގެ ތެރެއިންނެވެ. މި އެހީގެ ދަށުން، އއ. އުކުޅަހުގައި ކޮންވެންޝަން ސެންޓަރަކާއި އެއަތޮޅު ރަސްދޫ ބަނދަރު ހިމާޔަތް ކުރުމުގެ މަޝްރޫއު ވަނީ ހިންގައިފަ އެވެ. އަދި މާލެއަށް ވެހިކަލާއި މެޝިނަރީޒް ހަވާލުކޮށްފައިވާއިރު، ބ. ފެހެންދޫގެ ދަރިވަރުން އެއަތޮޅު ގޮއިދުއަށް ކިޔަވަން ދިޔުމަށް ފެރީއެއް ވެސް ވަނީ ހަވާލުކޮށްފަ އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބުނިގޮތުގައި އެ އެހީގެ ދަށުން އަދި އިިތުރު މަޝްރޫއުތައް ވެސް ކުރިއަށް ގެންދާނެ އެވެ.

އެތަނުން ބުނީ ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް އިންޑިއާއިން ބޮޑު އިސްކަމެއް ދޭ ކަމަށާއި ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ވެސް ގިނަ އެހީތަކެއް އެ ގައުމުން ފޯރުކޮށްދީފައިވާ ކަމަށެވެ. އެގޮތުން ސިއްހީ ދާއިރާގެ މަސައްކަތްތެރީންނަށް އެހީވުމަށް އިންޑިއާއިން 14 މީހުން ހިމެނޭ ހާއްސަ ޓީމެއް އައިސްފައިވާއިރު، ބޯޑަރުތައް ބަންދުކުރުމުން ވެސް ރާއްޖެއަށް ބޭނުންވާ މުހިއްމު ބޭސްތައް އެ ގައުމުން ފޮނުވާފައިވާ ކަމަށް ބުންޏެވެ.