Roadha Mihaaru
ރާއްޖެ އަށް އިންޑިއާ އިން ޓީބީ ވެކްސިން ފޮނުވައިފި

ރާއްޖެ އަށް އިންޑިއާ އިން ޓީބީ ވެކްސިން ފޮނުވައިފި

31 ޑިސެމްބަރ 2020

ރާއްޖޭގައި ކުޑަކުދިންނަށް ދޭ ވެކްސިންތަކުގެ ތެރެއިން ޓީބީ ބަލިން ދިފާއުވުމަށް ދޭ ބީސީޖީ ވެކްސިން ލިބުން ދަތިވެގެން އިންޑިއާ ސަރުކާރުގައި އެދުމުން އެ ގައުމުން އެ ވެކްސިންގެ 2،400 ވައިލް ފޮނުވައި ދީފި އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން މިއަދު ބުނީ ބީސީޖީ ވެކްސިންގެ ޝިޕްމަންޓް ހޯދައިި ރާއްޖެ އަށް ފުރުވައިލުމުގެ މަސައްކަތް ކުރީ އެ ގައުމުގެ ހެލްތު މިނިސްޓްރީއާއި އެކްސްޓާނަލް މިނިސްޓްރީ އަދި އިންޑިއާގައި ހުންނަ ރާއްޖޭގެ އެމްބަސީ އާއި މުމްބާއީގައި ހުންނަ ރާއްޖޭގެ އޮނަރަރީ ކޮންސުލް ގުޅިގެން ކަމަށެވެ.

ސިއްހީ ދާއިރާގެ އެއްބާރުލުމަކީ ރާއްޖެ އާއި އިންޑިއާގެ ދުވަސްވީ ގާތް ގުޅުމުގެ މުހިންމު އެއް ބައެވެ.

އެ ގައުމުން ވަނީ މިދިޔަ ޖެނުއަރީ މަހު މީސްލްސް އަދި ރުބެއްލާ ވެކްސިންގެ 30،000 ޑޯޒް ވެސް ރާއްޖެއަށް ފޯރުކޮށްދީފަ އެވެ.

ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި ދެގައުމުގެ މެދުގައިވާ ސިއްހީ ދާއިރާގެ އެއްބާރުލުން އިތުރަށް ވަރުގަދަވެ، އެތައް ގޮތަކުން ވަނީ ރާއްޖެ އަށް އެހީތެރިކަން ދީފަ އެވެ. އެގޮތުން މިދިޔަ މާޗް މަހު އެ ގައުމން ވަނީ ކޮވިޑް-19 އާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި އެހީތެރިވުމަށް ޑޮކްޓަރުންނާއި ސްޕެޝަލިސްޓުންގެ ހާއްސަ ޓީމެއް ރާއްޖެއަށް ފޮނުވައިފަ އެވެ.

އަދި 5.5 ޓަނުގެ ބޭހުގެ ކޮންސައިންމެންޓެއް އޭޕްރިލް މަހު ފޮނުވައިދިނެވެ. އޭގެ ފަހުން 6.2 ޓަނުގެ ބޭހުގެ ޝިޕްމެންޓެއް އިންޑިއާގެ އެއާފޯސް މެދުވެރިކޮށް ގެނެސްދިނެވެ.