Roadha Mihaaru
"ވަކީލުކަމުގެ ހުއްދަ އަތުލާ އިސްލާހަކީ ނުރައްކަލެއް"

ފަނޑިޔާރުކަމުން ވަކިކުރުމުން ވަކީލުކަމުގެ ހުއްދަ އަތުލާ އިސްލާހަކީ އަދުލު އިންސާފަށް އޮތް ނުރައްކަލެއް: މައުމޫން ހަމީދު

29 ސެޕްޓެމްބަރ 2022

ފަނޑިޔާރުކަމުގައި ހުންނަވައިގެން މަގާމާ އެކަށީގެން ނުވާ ވަރުގެ ބޮޑު ކަމެއް ކޮށްފި ނަމަ ފަނޑިޔާރުން މަގާމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުން ނިންމާ ހާލަތުގައި އެ ބޭފުޅެއްގެ ގާނޫނީ ވަކީލުކަމުގެ ހުއްދަ ގެއްލޭ ގޮތަށް ގާނޫނީ ފަންނުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ އަދުލު އިންސާފު ގާއިމް ކުރުމަށް އޮތް ހުރަހެއް ކަމަށް ބާ ކައުންސިލުގެ ކުރީގެ ރައީސް، ގާނޫނީ ވަކީލު މައުމޫން ހަމީދު އިއްޔެ ވިދާޅުވެއްޖެ އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ފަނޑިޔާރުކަމުގައި ހުންނަވައިގެން މަގާމާ އެކަށީގެން ނުވާ ވަރުގެ ބޮޑު ކަމެއް ކޮށްފި ނަމަ ފަނޑިޔާރުން މަގާމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުން ނިންމާ ހާލަތުގައި އެ ބޭފުޅެއްގެ ގާނޫނީ ވަކީލުކަމުގެ ހުއްދަ ގެއްލޭ ގޮތަށް ގާނޫނީ ފަންނުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ އަދުލު އިންސާފު ގާއިމް ކުރުމަށް އޮތް ހުރަހެއް ކަމަށް ބާ ކައުންސިލުގެ ކުރީގެ ރައީސް، ގާނޫނީ ވަކީލު މައުމޫން ހަމީދު އިއްޔެ ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން ދިއްގަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިކްރާމް ހަސަން ހުށަހެޅުއްވި އެ އިސްލާހުގައި ވަނީ ފަނޑިޔާރަކު ކުރައްވާ އެކަށީގެން ނުވާ އަމަލެއްގެ ސަބަބުން މަޖިލީހުން އެ ފަނޑިޔާރަކު ވަކި ކުރަން ނިންމައިފި ނަމަ، ނުވަތަ އޭނާގެ މައްސަލަ މަޖިލީހުގައި އޮއްވައި އިސްތިއުފާ ދެއްވައިފި ނަމަ އޭނާގެ ގާނޫނީ ވަކީލުކަމުގެ ހުއްދަ ބާތިލުވާ ގޮތަށެވެ. އަލުން އެ ބޭފުޅަކަށް ވަކީލުކަން ކުރެވޭނީ ވަކި ކުރިތާ ފަސް އަހަރު ފަހުން އަލުން ހުއްދައަށް އެދި ހުއްދަ ހޯދައިގެންނެވެ.

އެ ފަނޑިޔާރަކު ކުރި އަމަލަކީ މަގާމާ އެކަށީގެން ނުވާ ބޮޑު ކަމެއްކަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ތަހުގީގުން ސާބިތުވެއްޖެ ނަމަ މުޅި އުމުރަށް ވަކީލުކަމުގެ ހުއްދަ ގެއްލޭނެ އެވެ.

އެ ބިލަށް ހިޔާލު ހޯދުމަށް މަޖިލީހުގެ އިއްޔެގެ ޖުޑިޝަރީ ކޮމިޓީ އަށް ހާޒިރު ކުރީ ފަނޑިޔާރުންގެ ޖަމިއްޔާގެ އިސް ބޭފުޅުންނާއި ކޮމިޓީއާ އަމިއްލަ އަށް ބައްދަލުކުރައްވަން އެދިވަޑައިގެންނެވި ޕްރިމިއާާ ޗެމްބާސް ލޯފާމުގެ މައުމޫން ހަމީދެވެ.

މައުމޫން ހަމީދު ވަނީ މުޅި އިސްލާހާ ދެކޮޅު ހައްދަވައި އެއީ އެއްގޮތަކަށް ވެސް ގެނައުން ހެޔޮވާނެ އިސްލާހެއް ނޫން ކަމަށް ކޮމިޓީގައި ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ، އެ އިސްލާހު ތަސައްވަރު ކުރެވެނީ ފަނޑިޔާރުގެ އަށް ބިރު ދެއްކުމުގެ އަމަލެއް ގޮތުގަ އެވެ. އެހެން އޮއްވައި އެ އިސްލާހު ގެނައުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް ވިދާޅުވި އެވެ.

"އޭގެ ހަމައެކަނި ނަތީޖާއަކަށް ވާނީ ފަނޑިޔާރުގެ އަށް ހިޔަނި އެޅުން. ފަނޑިޔާރު ގެއަށް ނުފޫޒު ފޯރުވުން އަދި ފަނޑިޔާރު ގެއަށް ބިރުދެއްކުން ކަމަށް އަޅުގަނޑުމެން ދެކެނީ،" މައުމޫން ވިދާޅުވި އެވެ.

ގާނޫނީ ފަންނުގެ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހާ ގުޅިގެން އިއްޔެ ޖުޑިޝަރީ ކޮމިޓީއިން ބޭއްވި ބައްދަލުވުމުގައި ފަނޑިޔާރުންގެ ޖަމިއްޔާގެ ބޭފުޅުންނާއި މައުމޫން ހަމީދު ފޮޓޯ؛ ރައްޔިތުންގެ މަޖިލިސް

ގާނޫނީ ފަންނުގެ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހާ ގުޅިގެން އިއްޔެ ޖުޑިޝަރީ ކޮމިޓީއިން ބޭއްވި ބައްދަލުވުމުގައި ފަނޑިޔާރުންގެ ޖަމިއްޔާގެ ބޭފުޅުންނާއި މައުމޫން ހަމީދު ފޮޓޯ؛ ރައްޔިތުންގެ މަޖިލިސް

ގާނޫނީ ވަކީލުކަމަކީ އެންމެ ދުވަހެއްގެ މަސައްކަތަކުން ލިބޭ ހުއްދައެއް ނޫންކަން ފާހަގަކުރައްވައި އޭނާ ވިދާޅުވިގޮތުގައި، އިސްލާހުގެ ސަބަބުން ބައެއް މީހުންނަށް ގެއްލޭނީ ތައުލީމާއި ހުއްދަ ހޯދަން ކުރި އެތައް އަހަރެއްގެ މަސައްކަތެވެ. އަދި ގާނޫނުއަސާސީން އެންމެންނަށް ލިބިދޭ މަސައްކަތް ކުރުމުގެ ހައްގަށް ހުރަސްއެޅޭނެ ކަމަށް ވިދާޅުވި އެވެ.

"ގާނޫނުއަސާސީ އިން ލިބިދޭ ހައްގުތަކަށް ފުށޫއަރާ ކަމެށް އަދި ހައްގުތައް ގެއްލިގެންދާ ގޮތަށް އޮތީމަ މިއީ ވަރަށް ބޮޑު މައްސަލައެއް،" މައުމޫން ވިދާޅުވި އެވެ.

އެ އިސްލާހު ގާނޫނަކަށް ވެއްޖެ ނަމަ، ބާ ކައުންސިލުން ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވޭނެ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ވެސް ނުފޫޒު ފޯރުވަން ޖާގަ ލިބޭނެ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ފަނޑިޔާރުން މަސައްކަތް ކުރައްވަން ޖެހޭނީ ބައްލަވާ މައްސަލައެއްގެ ތެރެއިން ސުލޫކީ މައްސަލައެއް ހުށަހެޅި، އެ މައްސަލަ ނިމިގެން ގޮސް މުޅި ކެރިއަރު ގެއްލި ދިޔުމުގެ ބިރާއެކު ކަމަށެވެ.

މި ހަގީގަތަކަށް ވެއްޖެއްޔާ މިއީ މާ ބޮޑު ނުރައްކަލެއް، އަދުލު އިންސާފު ގާއިމް ކުރުމަށް މާ ބޮޑު ނުރައްކަލެއް ކަމަށް އަޅުގަނޑުމެން ފާމުން ގަބޫލު ކުރަނީ. އެހެންވީމަ އަޅުގަނޑުމެން ތަކުރާރުކޮށް މި ދަންނަވަނީ މިއީ އެއްގޮތަކަށް ވެސް ފާސް ކުރުން ހެޔޮވާ ވަރުގެ އިސްލާހެއް ނޫން ކަމަށް -- މައުމޫން ހަމީދު

"މި ހަގީގަތަކަށް ވެއްޖެއްޔާ މިއީ މާ ބޮޑު ނުރައްކަލެއް. އަދުލު އިންސާފު ގާއިމު ކުރުމަށް މާ ބޮޑު ނުރައްކަލެއް ކަމަށް އަޅުގަނޑުމެންގެ ފާމުން ގަބޫލު ކުރަނީ. އެހެންވީމާ އަޅުގަނޑުމެން ތަކުރާރުކޮށް މި ދަންނަވަނީ މިއީ އެއްގޮތަކަށް ވެސް ފާސްކުރުން ހެޔޮވާ ވަރުގެ އިސްލާހެއް ނޫން ކަމަށް." މައުމޫން ވިދާޅުވި އެވެ.

ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ، ފަނޑިޔާރުންގެ ކަންކަމުގައި ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.

ގާނޫނީ ފަންނުގެ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހާ ގުޅިގެން އިއްޔެ ޖުޑިޝަރީ ކޮމިޓީއިން ބޭއްވި ބައްދަލުވުމުގައި ފަނޑިޔާރުންގެ ޖަމިއްޔާގެ ބޭފުޅުންނާއި މައުމޫން ހަމީދު ފޮޓޯ؛ ރައްޔިތުންގެ މަޖިލިސް

ގާނޫނީ ފަންނުގެ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހާ ގުޅިގެން އިއްޔެ ޖުޑިޝަރީ ކޮމިޓީއިން ބޭއްވި ބައްދަލުވުމުގައި ފަނޑިޔާރުންގެ ޖަމިއްޔާގެ ބޭފުޅުންނާއި މައުމޫން ހަމީދު ފޮޓޯ؛ ރައްޔިތުންގެ މަޖިލިސް

އަލުން ގާނޫނީ ވަކީލުކަމުގެ ހުއްދަ އަބަދަށް ގެއްލޭ ގޮތަށް އެ އިސްލާހުގައި އޮތުމަކީ ވަރަށް ސީރިއަސް ކަމެއް ކަމަށް ސުއޫދު ވިދާޅުވި އެވެ. ފަނޑިޔާރަކު ވަކި ކުރަން ނިންމައިފި ނަމަ އެ ހިސާބުން އެކަން ނިމުނީ ކަމަށާއި ދެން ބަލަން ޖެހޭނީ އޭނާގެ ސުލޫކީ މައްސަލައާ ގުޅޭ ޖިނާއީ ކުށެއް އޮތްތޯ ކަމަށް ސުއޫދު ވިދާޅުވި އެވެ. އިތުރު އަދަބެއް ދޭން ޖެހޭނީ ސުއޫދު ވިދާޅުވިގޮތުގައި އެފަދަ ޖިނާއީ މައްސަލައެއް އޮތް ނަމަ އެވެ.

އިތުރު ފިޔަވަޅެއް، މި ދެންނެވީ ވަކީލުކަމުގެ ހުއްދަ އުމުރު ދުވަހަށް ހިފެހެއްޓުމުގެ އަދަބަކީ ފުދޭ ވަރަކަށް ބޮޑު އަދަބެއް ކަމަށް ވެދާނެ. އެހެންކަމަށް ވެއްޖެއްޔާ އެއީ ރަނގަޅު ގޮތަކަށް ނުވާނެ. -- ހުސްނުއްސުއޫދު

"އިތުރު ފިޔަވަޅެއް، މި ދެންނެވީ ވަކީލުކަމުގެ ހުއްދަ އުމުރު ދުވަހަށް ހިފެހެއްޓުމުގެ އަދަބަކީ ފުދޭ ވަރަކަށް ބޮޑު އަދަބެއް ކަމަށް ވެދާނެ. އެހެން ކަމަށް ވެއްޖެއްޔާ އެއީ ރަނގަޅު ގޮތަކަށް ނުވާނެ." ސުއޫދު ވިދާޅުވި އެވެ.

ސުއޫދު ވިދާޅުވީ، ފަނޑިޔާރުކަމުން ވަކިވުމަށް ފަހު ވަކީލު ކަމުގެ މަސައްކަތަށް ނުކުތުމަށް މުއްދަތެއް ދިނުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ. އަދި އެއް ދުވަހު ކޯޓެއްގެ ފަނޑިޔާރުކަން ކުރައްވާފައި ވަކިވެވަޑައިގެން އަނެއް ދުވަހު ހަމަ އެ ކޯޓަށް ވަކީލެއްގެ ހައިސިއްޔަތުން ވަޑައިގަތުމަކީ ވަރަށް ނާތަހުޒީބު ކަމެއްގެ ގޮތުގައި ސިފަ ކުރެއްވި އެވެ.

ނަމަވެސް، ސުއޫދު ދެކެވަޑައިގަންނަވަނީ ފަނޑިޔާރުކަމުން ވަކިވެވަޑައިގެންފި ނަމަ ވަކާލާތު ކުރުމުގެ ހުއްދަ ހިފެހެއްޓޭ މުއްދަތެއް އޮންނަން ޖެހޭނެ ކަމަށެވެ. އެގޮތުން އެއް އަހަރު އެއީ އެކަށީގެންވާ މުއްދަތެއް ކަމަށާއި މަގާމުން ވަކިވާ ފަނޑިޔާރު އެ މަސައްކަތް ކުރި ކޯޓަށް ވަކާލާތު ކުރަން ދިއުމާ މެދު ވެސް ފިޔަވަޅެއް އޮތުން މުހިންމު ކަމަށް ވިދާޅުވި އެވެ. އެފަދަ މާއްދާއެއް އަންނަ ނަމަ އަންނަންވީ ގާނޫނީ ފަންނުގެ ގާނޫނަށް ނޫން ކަމަށާއި އެއީ ފަނޑިޔާރުންގެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހެއް ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.

ފަނޑިޔާރުންގެ ޖަމިއްޔާގެ ފަރާތުން އިއްޔެ ޖުޑިޝަރީ ކޮމިޓީ އަށް ވަޑައިގެންނެވި އެހެން ބޭފުޅުން ވެސް ވަނީ އެ އިސްލާހާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ. އަދި އެއީ މާ ބޮޑު އަދަބެއްގެ ގޮތުގައި ބައެއް ބޭފުޅުން ސިފަ ކުރެއްވި އެވެ.