Roadha Mihaaru
ޖޭއެސްސީއަށް ވަކީލަކު ހޮވުމުގެ އިންތިހާބަށް އީސީގެ އެހީ

ވަކީލުންގެ ފަރާތުން ޖޭއެސްސީ އަށް މެމްބަރަކު ހޮވުމުގެ އިންތިހާބު ބާއްވާނީ އީސީގެ އެހީގައި

19 ޖުލައި 2019

ޖުޑިޝަލް ސާވިސް ކޮމިޝަންގައި ވަކީލުންގެ ފަރާތުން ކަނޑައަޅާ މެމްބަރުގެ މަގާމަށް ބޭފުޅަކު ހޮވަން ބާއްވާ އިންތިހާބަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ އެހީތެރިކަން ހޯދަމުން އަންނަ ކަމަށް ބާ ކައުންސިލުން ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ޖުޑިޝަލް ސާވިސް ކޮމިޝަންގައި ވަކީލުންގެ ފަރާތުން ކަނޑައަޅާ މެމްބަރުގެ މަގާމަށް ބޭފުޅަކު ހޮވަން ބާއްވާ އިންތިހާބަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ އެހީތެރިކަން ހޯދަމުން އަންނަ ކަމަށް ބާ ކައުންސިލުން ބުނެފި އެވެ.

އެ ކައުންސިލްގެ ރައީސް މައުމޫން ހަމީދު "މިހާރު" އަށް މިރޭ ވިދާޅުވީ ބާ ކައުންސިލް އުފެއްދި، ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫގައިވާ ގޮތުން ވަކީލުންގެ ފަރާތުން ޖޭއެސްސީ އަށް މެމްބަރަކު ހޮވުމުގެ އިންތިހާބު ބާއްވަން ޖެހެނީ ބާ ކައުންސިލުން ކަމަށެވެ. ނަމަވެސް އެ އިންތިހާބު ބާއްވަން ބޭނުންވާ ވަސީލަތްތައް އަދި ލިބިފައި ނުވާތީ އީސީގެ އެހީތެރިކަމަށް އެދުނީ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނާ އެބޭފުޅުން ގުޅިގެން އިންތިހާބުގެ ކަންތައްތައް ކުރިއަށް ގެންދާ ގޮތަށް އޮތީ. ދެން ފިނޭންސް މިނިސްޓްރީން އަޅުގަނޑުމެންނަށް ބަޖެޓް ފޯރުކޮށްދޭނެ،" މައުމޫން ހަމީދު ވިދާޅުވި އެވެ.

ބާ ކައުންސިލް އުފެއްދި ގާނޫނު (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) ގައި އޮތީ އެ ގާނޫނު ތަސްދީގު ކުރުމާ އެކު ޖޭއެސްސީގައި ވަކީލުންގެ ފަރާތުން ކަނޑައަޅާ މެމްބަރުގެ މަގާމު އޮޓަމެޓިކުން ގެއްލޭ ގޮތަށެވެ. ވަކީލުންގެ ފަރާތުން އެ ކޮމިޝަންގައި ކުރިން އިންނެވި ލަތީފާ ގާސިމްގެ މަގާމު ގެއްލުނީ އެހެންވެ އެވެ.

އެ މަގާމަށް މަގާމަށް ބޭފުޅަކު ހޮވަން ޖުލައި 27 ގައި އިންތިހާބު ބާއްވާނެ ކަން ބާ ކައުންސިލުން އިއްޔެ އިއުލާނުކޮށްފި އެވެ. އެ އިންތިހާބަށް ކުރިމަތިލާން އެ ކައުންސިލުން އިއްޔެ ހުޅުވާލި ނަމަވެސް އެ އިންތިހާބަށް ކުރިމަތިލުމުގެ ފޯމާއި އެހެން ލިޔެކިއުންތައް ބަލައިގަންނަން ފަށާނީ އިއުލާނުގައިވާ ގޮތުން އަންނަ އާދީއްތަ ދުވަހު އެވެ.

ބާ ކައުންސިލުގެ އިއުލާނުގައިވާ ގޮތުން ފޯމާއި ތަކެތި ބަލައިގަންނަން ހަމަޖެހިފައި ވަނީ އަންނަ އަންގާރަދުވަހުގެ ނިޔަލަށެވެ. ޖުލައި 27 ވާ ހޮނިހިރު ދުވަހު އިންތިހާބު ބޭއްވުމަށް ފަހު ރަސްމީ ނަތީޖާ އިއުލާނު ކުރާނީ ޖެހިގެން އަންނަ ދުވަހު އެވެ.