Roadha Mihaaru
ޖުޑީޝަރީގެ ދެ ބިލެއް އަނެއްކާވެސް އަނބުރާ ކޮމެޓީއަށް

ފަނޑިޔާރުންގެ ގާނޫނާއި ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެންނަ ބިލް އަނެއްކާވެސް އަނބުރާ ކޮމިޓީއަށް

18 އޮކްޓޯބަރ 2023

ފަނޑިޔާރުންގެ ގާނޫނަށާއި ގާނޫނީ ފަންނުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ދެ އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ވެސް ފާސްނުކޮށް، މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށް ދެވަނަ ފަހަރަށް އަނބުރާ ފޮނުވާލައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ފަނޑިޔާރުންގެ ގާނޫނަށާއި ގާނޫނީ ފަންނުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ދެ އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ވެސް ފާސްނުކޮށް، މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށް ދެވަނަ ފަހަރަށް އަނބުރާ ފޮނުވާލައިފި އެވެ.

ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން ދިއްގަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިކްރާމް ހަސަން ހުށަހެޅުއްވީ ފަނޑިޔާރަކު ކުރާ އެކަށީގެންނުވާ އަމަލެއްގެ ސަބަބުން އެ ފަނޑިޔާރަކު ވަކި ކުރަން ނިންމައިފިނަމަ ނުވަތަ މައްސަލަ މަޖިލީހުގައި އޮއްވާ އިސްތިއުފާ ދެއްވައިފި ނަމަ އެ ބޭފުޅެއްގެ ގާނޫނީ ވަކީލުކަމުގެ ހުއްދަ ބާތިލުވާ ގޮތަށެވެ. އަދި އަލުން އެ ބޭފުޅަކަށް ވަކީލުކަން ކުރެވޭނީ ފަސް އަހަރު ފަހުން އަލުން ހުއްދަ ހޯދައިގެން ކަމަށް އިސްލާހުގައިވެ އެވެ. ނަމަވެސް ފަނޑިޔާރުންގެ ޖަމިއްޔާ އާއި ބާ ކައުންސިލްގެ ލަފަޔާއެކު މަޖިލީހުގެޖުޑިޝަރީ ކޮމިޓީން ފުރަތަމަ ނިންމީ ވަކިކުރާ ފަނޑިޔާރުންގެ ވަކީލުކަމުގެ ހުއްދަ ބާތިލްވާ މުއްދަތު ހަ މަސް ދުވަހަށް ކުރު ކުރުމަށެވެ. އެކަމަކު މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މަޖިލީހުން އޮތީ އެ ބިލް ކޮމެޓީއަށް އަނބުރާ ފޮނުވާލައިފަ އެވެ.

އެހެންކަމުން ކޮމިޓީން ފަހުން އިސްލާހު ގެނައީ ހުއްދަ ބާތިލް ކުރާ މުއްދަތު ހަ މަސް ދުވަހަށް ބޭއްވިޔަސް، ބޮޑު ކުށެއް ނުވަތަ ޖިންސީ ފުރައްސާރަ އާއި ގޯނާގެ އަމަލެއް ހިންގި ކަމަށް ތުހުމަތު ކުރެވިފައިވާނަމަ، ހުއްދަ އަލުން ދިނުމާ މެދު ގޮތެއް ނިންމުމުގައި ބާ ކައުންސިލުގެ ދައުރެއް އޮންނަ ގޮތަށެވެ.

މީގެ އިތުރުން ވަކީލުކަމުގެ ހުއްދަ ހިފެހެއްޓި ނަމަވެސް ރަސްމީ ލިޔުންތަކުގައި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމާއި ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގެ ރަސްމީ މަސައްކަތުގައި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމުގެ ހުއްދަ އޮންނަ ގޮތަށް ވެސް ދެވަނަ ފަހަރު ކޮމެޓީން އިސްލާހު ގެނެސްފައިވެ އެވެ.

ނަމަވެސް ކޮމިޓީން ދެވަނަ ފަހަރަށް ގެނައި އިސްލާހު ފާސްކުރުމަށް މަޖިލީހުގައި މިއަދު ވޯޓު ދެއްވީ އެންމެ ހަތް މެންބަރުންނެވެ. އަދި އެ އިސްލާހާ ދެކޮޅަށް 31 މެންބަރަކު ވޯޓު ދެއްވުމުން ތަޅުމުން އަނެއްކާވެސް ފާސްކުރީ އެ ބިލް އަނެއްކާވެސް އަނބުރާ ކޮމިޓީއަށް ފޮނުވާލުމަށެވެ.

ފަނޑިޔާރުންގެ ގާނޫނު އިސްލާހު ކުރަން ސަރުކާރުގެ ފަރާތުން ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް ހުށަހެޅުއްވީ އަމިއްލަ ފަރާތްތަކާއި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ފަނޑިޔާރުންނަށް ފްލެޓާއި ގޯތި ގަނެވޭ ގޮތް ހެދުމަށާއި ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ބެލުމާ ގުޅޭގޮތުން ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތަކާއި ފަނޑިޔާރުން ވިޔަފާރި ކުރުމާއި މާލީ މުއާމަލާތްތައް ކުރުމާގުޅޭ އުސޫލުތައް ހިމަނައި ތަފްސީލު ކުރުމަށެވެ.

އެ ބިލް ވެސް މިދިޔަ އަހަރުގެ ނޮވެންބަރު މަހު އަނބުރާ ކޮމިޓީއަށް ފޮނުވާލުމުން ދެވަނަ ފަހަރަށް ބިލަށް ގެނެސްފައިވާ އިސްލާހުތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ފަނޑިޔާރުންގެ ފެންވަރު ވަޒަން ކުރުމަށް ގެނެސްފައިވާ ބައެއް ބަދަލުތަކެވެ. އެގޮތުން ޖޭއެސްސީން އެކަމަށް އެކުލަވާލާ ހާއްސަ ކޮމިޓީއަކުން ކޮންމެ ދެ އަހަރުން އެއް އަހަރު ފެންވަރު ވަޒަން ކުރަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

ފެންވަރު ވަޒަން ކުރުމުގައި އެންމެ މަތީ ދަރަޖަ ވިދިވިދިގެން ދެ ފަހަރު ލިބިއްޖެނަމަ، މުސާރައިގެ ކުރިއެރުން ދިނުމުގެ އިތުރުން މަތީ ވަޒީފާތައް ދިނުމުގައި އިސްކަން ދޭން ޖެހޭ ގޮތަށް ވެސް އިސްލާހެއް ވަނީ ހުށަހަޅައިފަ އެވެ.

އެ އިސްލާހަށް މަޖިލީހުގައި މިއަދު ވޯޓަށް އެހުމުން ވެސް ބިލް ފާސްނުކޮށް، ކޮމިޓީއަށް އަނެއްކާވެސް ފޮނުވާލާފައިވަނީ 34 މެންބަރުންގެ ވޯޓުންނެވެ.