Roadha Mihaaru
އަމީނީމަގުގައި ތާރުއަޅާތީ، އެ މަގުގެ ބައެއް ބަންދު

އަމީނީމަގުގައި ތާރުއަޅާތީ، އެ މަގުގެ ބައެއް ބަންދުކޮށްފި

12 ސެޕްޓެމްބަރ 2022

މާލޭގެ އަމީނީ މަގުގައި ތާރު އަޅައި، ޒަމާނީ ފެންވަރަށް ހެދުމަށްޓަކައި، ދުއްވާ އެއްޗިއްސަށާއި އާންމުންނަށް ނުވަދެވޭ ގޮތަށް އެ މަގުގެ ބައެއް މިއަދު ބަންދުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭގެ އަމީނީ މަގުގައި ތާރު އަޅައި، ޒަމާނީ ފެންވަރަށް ހެދުމަށްޓަކައި، ދުއްވާ އެއްޗިއްސަށާއި އާންމުންނަށް ނުވަދެވޭ ގޮތަށް އެ މަގުގެ ބައެއް މިއަދު ބަންދުކޮށްފި އެވެ.

އެ މަޝްރޫއު ހަވާލުކޮށްފައިވާ އާރުޑީސީން ކުރި ޓުވީޓެއްގައި ބުނީ ބޮޑުތަކުރުފާނު މަގާއި އަމީނީ މަގު ގުޅޭ ހިސާބުން ފެށިގެން އިރުދޭމާ ހިނގުމާއި އަމީނީ މަގު ގުޅޭ ހިސާބަށް މިހާރު އަމީނީ މަގު ބަންދުކޮށްފައިވާ ކަމަށެވެ. އެއީ ދަރުބާރުގޭގެ ކުރި މައްޗަށް އޮންނަ މަގަށް ވާ ހިސާބަށެވެ.

އަމީނީ މަގުގައި ތާރުއެޅުމަށް ޕްލޭނިން މިނިސްޓްރީން އާރުޑީސީއާ ހަވާލުކުރީ މިދިޔަ ޖޫން 3 ގަ އެވެ. އެ މަސައްކަތް ހަވާލުކުރީ 10 މަސް (210 ދުވަސް) ތެރޭގައި ނިންމަން ޖެހޭ ގޮތަށް 84 މިލިއަން ރުފިޔާ އަށެވެ. އެ މަސައްކަތް ނިންމަން މިހާރު ބާކީ އޮތީ ހަތް މަސް ދުވަހެވެ.

އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ މަހުގެ 30 ގަ އެވެ.

އަމީނީ މަގުގެ 1.7 ކިލޯމީޓަރު ހިސާބުގައި ތާރު އަޅައި، ފެންހިންދާ ނިޒާމެއް ގާއިމުކުރަން އެ މަޝްރޫއުގައި ވަނީ ހިމަނައިފަ އެވެ.

އާރުޑީސީން ބުނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެ މަގުގައި ހިނގައިބިނގާވެ އުޅުމަށް ފަސޭހަވާނެ ގޮތަށް ދުވާރުގައި ބުރައިލް ބުލޮކްސް ޖަހައި، ވީލްޗެއާ އެކްސަސް ހަދާނެ ކަމަށެވެ.

ބަސް ހުއްޓިތަކާއި ޕާކިން ޒޯނުތަކާއި ސައިން ބޯޑުތަކާއި ބަމްޕަރުތަކާއި އަދި މަގު ބައްތިތައް ވެސް ބަހައްޓާނެ އެވެ. އެ މަގު ފެހިކުރުމަށް ޓްރީ ޕޮޓް ބަހައްޓާއިރު، ސްޓޭކް ހޯލްޑަރުންނަށް ހާއްސަކޮށް، ކޭބަލްތައް އެޅުމަށް ކޭބަލް ޓްރޭ މަގުގެ ދެ ފަރާތުގައި އަޅައިއި އެޗްވީ ކޭބަލަށް ހާއްސަކޮށް ޖަންކްޝަންތަކެއް ހަދަން ނިންމާފައިވެ އެވެ.

އަމީނީ މަގުގެ ހެދުމުގެ މަސައްކަތް ފެށިއިރު، މިދިޔަ ހަފުތާގައި މާލޭގައި މިނީ ބަހުގެ ހިދުމަތް ފަށައި، އެ މަގުގައި ވެސް އަންނަނީ ދަތުރުތައް ކުރަމުންނެވެ. މަގުގެ ބައެއް ބަންދުކުރުމުން އެ މަގުގައި ދުއްވާ މިނީ ބަހުގެ ރޫޓަށް ބަދަލެއް އަންނާނެ ކަމެއް އަދި ނޭނގެ އެވެ.