Roadha Mihaaru
އަލީ ސޯލިހަށް ހަމަލާ ދިން މައްސަލަ ޕީޖީ އަށް ފޮނުވަނީ

އަލީ ސޯލިހަށް ހަމަލާ ދިން މީހާގެ ތަހުގީގު ނިންމައި ދައުވާ ކުރަން ފޮނުވަނީ

02 އޮކްޓޯބަރ 2022

ތިމާވެއްޓާއި ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހަށް މަރުގެ އިންޒާރު ދީ، ތޫނު އެއްޗަކުން ހަމަލަދިން މައްސަލައިގެ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ތިމާވެއްޓާއި ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހަށް މަރުގެ އިންޒާރު ދީ، ތޫނު އެއްޗަކުން ހަމަލަދިން މައްސަލައިގެ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އަލީ ސޯލިހަށް ކުރަފައްޗަކުން ހަމަލާ ދިނީ ހުޅުމާލޭގައި ހުންނަ ސޮނީ ހާޑްވެއާ ފިހާރަ ކައިރީގައި މިދިޔަ އޮގަސްޓް 22 ވަނަ ދުވަހު އޭނާ ސައިކަލުގައި މަޑުކުރައްވައިގެން ހުންނަވަނިކޮށް، އަޑުގަދަކުރަމުން ދިޔަ ރ. މަޑުއްވަރީ މުހައްމަދު ޖަމީލެވެ. އޭނާއަށް ހަމަލާ ދިނީ "ތިއީ މަރާލަން ޖެހޭ" މީހެކޭ ބުނުމަށް ފަހު އެވެ.

ފުލުހުން "މިހާރު" އަށް މިއަދު ބުނީ އެ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވުމަށް އެ އޮފީހާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

މައްސަަލަތައް ތަހުގީގުކޮށް، ދައުވާ ކުރަން ފުލުހުން ޕީޖީއަށް ފޮނުވާއިރު، އެ އޮފީހާއެކު ޑިއުޓީ ޕްރޮސެކިއުޝަންގެ ތެރެއިން މަޝްވަރާ ކުރެ އެވެ. މިހާރު ކުރިއަށް ގެންދަނީ އެ މަރުހަލާ އެވެ.

ފުލުހުން ބުނިގޮތުގައި، ޖަމީލް މިހާރު ވެސް ހުރީ ބަންދުކޮށްފަ އެވެ. ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމަށް ކްރިމިނަލް ކޯޓުން ކުރިން ދިން މުއްދަތު މިއަދަށް ހަމަވާތީ އެ ކޯޓަށް ގެންދިއުމުން އިތުރު ތިން ދުވަސް ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އަލީ ސޯލިހު ކުރިން ވިދާޅުވެފައިވާ ގޮތުގައި، އެންމެ ފުރަތަމަ ހަމަލާ ދޭން މަސައްކަތް ކުރީ އޭނާގެ ކަރަށެވެ. ނަމަވެސް، ހަމަލައިން ދިފާއުވާން އުޅުމުގެ ތެރޭގައި އަލީ ސޯލިހުގެ އަތް ޒަހަމްވި އެވެ. އޭނާގެ ބުރަކަށީގައި ވެސް ކުރަފަތި އަޅާފައިވެ އެވެ. އެކަމަކު، ސީރިއަސް ޒަހަމެއް ނުވެ އެވެ.

ޖަމީލް ވަނީ އަލީ ސޯލިހަށް ހަމަލާ ދިނުމަށް ފަހު އެ ތަނުގައި ތިބި އާންމުންގެ ބަޔަކަށް ވެސް ބިރު ދައްކައި އިންޒާރު ދީފަ އެވެ. ހާދިސާގެ ވީޑިއޯތަކުން ފެންނަ ގޮތުގައި އޭނާ ބުނަމުން ދިޔައީ ތިމަންނާ ހުރީ "އާހިރަތަށްޓަކައި މޮޔަވެފައި" ކަމަށެވެ.

ޖަމީލަކީ އައިސިސްގެ ދިދަ ޖެހި ޖުއްބާއެއް ލައިގެން ސަލްމާން މިސްކިތުގެ މިންބަރަށް އަރައި އަޑުގަދަކުރި މައްސަލައިގައި ހައްޔަރު ކުރި މީހެކެވެ. އެކަމަކު، އޭނާއަކީ ނަފުސާނީ ބަލީގެ މީހެއްކަން ސާބިތުވާ މެޑިކަލް ރިޕޯޓުތައް އާއިލާ އިން ހުށަހެޅުމުން އޭނާ ހަމަ އެ ދުވަހު އާއިލާއާ ހަވާލުކުރީ އެވެ. އޭގެ ފަހުން ވެސް އޭނާ ވަނީ މަޖީދީ މަގުގައި ތިބި ފުލުހުންތަކަށް މަރުގެ އިންޒާރުދީ އަޑުގަދަކޮށްފަ އެވެ.