Roadha Mihaaru
ތެޔޮ އުފައްދާ މިންވަރު ސައޫދީން އިތުރުކޮށްފި

ތެޔޮ އުފައްދާ މިންވަރު ސައޫދީން އިތުރުކޮށްފި

02 އޮކްޓޯބަރ 2022

ސައޫދީ އަރަބިއްޔާ އިން އެވްރެޖް ގޮތެއްގައި ތެޔޮ އުފައްދަމުން އަންނަ މިންވަރު މިއަހަރު ފެށުނު ފަހުން އިތުރުކޮށްފައިވާ ކަމަށް އެ ގައުމުން މިއަދު ބުނެފި އެވެ.

ސައޫދީ އަރަބިއްޔާ އިން އެވްރެޖް ގޮތެއްގައި ތެޔޮ އުފައްދަމުން އަންނަ މިންވަރު މިއަހަރު ފެށުނު ފަހުން އިތުރުކޮށްފައިވާ ކަމަށް އެ ގައުމުން މިއަދު ބުނެފި އެވެ.

އެ ގައުމުގެ ސަރުކާރު ގެޒެޓްގައި ބުނެފައިވާ ގޮތުން، މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށް، ތެޔޮ އުފެއްދި މިންވަރު، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައި ބަލާއިރު ވަނީ އިތުރުވެފަ އެވެ. މިއަހަރުގެ އެ މުއްދަތުގައި ދުވާލަކު އެވްރެޖް ގޮތެއްގައި 10.5 މިލިއަން ފީފާގެ ތެޔޮ އުފައްދާފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި އެވްރެޖް ގޮތެއްގައި ދުވާލަކު އުފެއްދި އަދަދަށް ވުރެ 1.8 މިލިއަން ފީފާ އިތުރު މިންވަރެކެވެ.

ސައޫދީން ބުނި ގޮތުގައި ތެޔޮ އުފައްދާ މިންވަރު އެ ގައުމުން އިތުރު ކުރީ، ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު އެއްވަރެއްގައި ހިފެހެއްޓުމުގެ ބޭނުމުގައި، އޯޕެކުން އެއްބަސްވެފައިވާ އުސޫލާ އެއްގޮތަށެވެ. ތެޔޮ އުފައްދާ މިންވަރު އިތުރުވުމާ ގުޅިގެން، އެ ގައުމުގެ ޖީޑީޕީ ވެސް މިއަހަރުގެ ތެރޭގައި 8 ޕަސެންޓުގެ ކުރިއެރުމެއް ހޯދާނެ ކަމަށް ބެލެވެ އެވެ.

އޯޕެކުން ބުނާ ގޮތުގައި ދުނިޔޭގެ ބާޒާރުގައި ތެލުގެ ޑިމާންޑް ހުރި ގޮތަށް ބަލާއިރު، ދުވާލެއްގެ މައްޗަށް ބޭނުންވާ ތެލުގެ މިންވަރު މިދިޔަ އަހަރަށް ވުރެ މިއަހަރު ވަނީ، 3.1 މިލިއަން ފީފާ އަށް އިތުރުވެފަ އެވެ. އެހެންކަމުން މިހާރު ދުނިޔޭގެ ބާޒާރަށް އެވްރެޖް ގޮތެއްގައި ދުވާލަކު 100.03 މިލިއަން ފީފާ ތެޔޮ ބޭނުންވެ އެވެ.

ދުނިޔޭގެ ތެޔޮ ކުންފުނީގެ އަންދާޒާތަކަށް ބަލާއިރު، މިއަންނަ 2023 ވަނަ އަހަރުގެ ތެރޭގައި، އެވްރެޖް ގޮތެއްގައި ދުވާލަކު ބޭނުންވާ މިންވަރު، މިއަހަރަށް ވުރެ 2.7 މިލިއަން ފީފާ އިތުރު ވާނެ އެވެ. އެހެންކަމުން މިއަންނަ އަހަރު ދުނިޔޭގެ ބާޒާރަށް އެވްރެޖް ގޮތެއްގައި ދުވާލަކު 102.72 މިލިއަން ފީފާ ތެޔޮ ބޭނުންވާނެ އެވެ.

ސައޫދީން ތެލުގެ އުފެއްދުންތައް އިތުރުކުރަމުން މި އަންނަނީ، މިއަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުން ފެށިގެން ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގެ ސަބަބުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް އުފުލިފައި ވަނިކޮށެވެ. ތެލުގެ އަގު އުފުލެން ފެށީ، ރަޝިޔާގައި އުފައްދާ ތެޔޮ ގަތުން ހުއްޓައިލުމަށް ވިލާތުގެ ގައުމުތަކުން ނިންމުމާ ގުޅިގެންނެވެ.

ވިލާތުގެ އިއްތިހާދުގައި ހިމެނޭ ބައެއް ގައުމުތައް މިހާރު ވަނީ ރަޝިޔާގެ ތެޔޮ އެތެރެކުރުން ހުއްޓާލައިފަ އެވެ. އަދި ބައެއް ގައުމުތަކުން ވަނީ ރަޝިޔާގެ ގޭސް ގަތުން ވެސް ހުއްޓާލައިފަ އެވެ. އޭގެ އިތުރުން، ރަޝިޔާ އިން ވިލާތުގެ އިއްތިހާދަށް ގުދުރަތީ ގޭސް ފޮނުވުމަށް، ބޯލްޓިކް ކަނޑުގެ އަޑިން ޖަރުމަން ވިލާތަށް އަޅާފައި އޮންނަ ދެ ތެޔޮ ހޮޅިން ތެޔޮ ފޮނުވުން ވެސް ރަޝިޔާ އިން ވަނީ މިދިޔަ މަހުގެ ތެރޭގައި ހުއްޓާލައިފަ އެވެ.