Roadha Mihaaru
ސައޫދީއާ އޮންނަ ގުޅުން އެމެރިކާ އިން މުރާޖައާ ކުރަނީ

ސައޫދީއާ އޮންނަ ގުޅުން އެމެރިކާ އިން މުރާޖައާ ކުރަނީ

12 އޮކްޓޯބަރ 2022

އެމެރިކާގެ އާދޭސްތަކަށް ބީރު ކަންފަތެއް ދިނުމަށް ފަހު، ތެޔޮ އުފައްދައި ދުނިޔޭގެ ބާޒާރަށް ނެރޭ މިންވަރު ދަށް ކުރުމަށް އޯޕެކް ޕްލަސް އިން ނިންމުމާ ގުޅިގެން، ސައޫދީ އަރަބިއްޔާއާ އެކުގައި އޮންނަ ގުޅުން އަލުން މުރާޖައާ ކުރާނެ ކަމަށް އެމެރިކާ ސަރުކާރުން ބުނެފި އެވެ.

އެމެރިކާގެ އާދޭސްތަކަށް ބީރު ކަންފަތެއް ދިނުމަށް ފަހު، ތެޔޮ އުފައްދައި ދުނިޔޭގެ ބާޒާރަށް ނެރޭ މިންވަރު ދަށް ކުރުމަށް އޯޕެކް ޕްލަސް އިން ނިންމުމާ ގުޅިގެން، ސައޫދީ އަރަބިއްޔާއާ އެކުގައި އޮންނަ ގުޅުން އަލުން މުރާޖައާ ކުރާނެ ކަމަށް އެމެރިކާ ސަރުކާރުން ބުނެފި އެވެ.

ތެޔޮ އުފައްދާ މިންވަރު މަދުކުރުމަށް އޯޕެކް ޕްލަސް އިން ނިންމީ، މިއަހަރުގެ ކުރީކޮޅު ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމާ ގުޅިގެން، ރަޝިޔާގެ ތެޔޮ ގަތުން ވިލާތުގެ ގައުމުތަކުން ހުއްޓައިލުމަށް ފަހު، އޭގެ ބަދަލުގައި މެދުއިރުމަތީގެ ގައުމުތަކުން ތެޔޮ އުފެއްދުން އިތުރުކުރުމަށް އެމެރިކާ އިން ގޮވަލާފައިވަނިކޮށެވެ.

އެމެރިކާގެ ޚާރިޖިއްޔާގެ ތަރުޖަމާނު ނެޑް ޕްރައިސް އިއްޔެ ވިދާޅުވީ އެމެރިކާ އާއި ސައޫދީ އަރަބިއްޔާއާ ދެމެދު އޮތް ގުޅުން، ދަމަހައްޓާނީ ކޮން ފެންވަރެއްގައިތޯ އަލުން މުރާޖައާ ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އެ ގޮތުން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާއި ވިލާތުގެ އިއްތިހާދުގައި ހިމެނޭ އެމެރިކާގެ ބައިވެރިންނާ އެކުގައި މިހާރު މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސައޫދީ އަރަބިއްޔާ އާއި އެމެރިކާއާ ދެމެދު އޮންނަ ގުޅުން، އެމެރިކާގެ މަސްލަހަތަށް އެންމެ މަންފާ ހުރި ގޮތަކަށް އަލުން ބައްޓަންކުރަން ޖެހިފައިވާ ކަމަށް، ރައީސް ޖޯ ބައިޑެން ވަނީ ދާދި ފަހުން ވިދާޅުވެފަ އެވެ.

އޯޕެކް ޕްލަސްގައި ހިމެނެނީ އޯޕެކްގެ މެމްބަރު 13 ގައުމާއި، 2016 ވަނަ އަހަރު އެ ޖަމާއަތާ ގުޅުނު 10 ގައުމެވެ. އޭގެ ތެރޭގައި، ދުވާލަކު 10 މިލިއަން ފީފާއަށް ވުރެ ގިނައިން ތެޔޮ އުފައްދައި ބާޒާރަށް ނެރޭ ރަޝިޔާ ވެސް ހިމެނެ އެވެ.

އޯޕެކް ޕްލަސްގެ މި ނިންމުމާ ގުޅިގެން އެމެރިކާ ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. ނެޑް ޕްރައިސް ވިދާޅުވި ގޮތުގައި އޯޕެކްގެ އެ ނިންމުމަކީ ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އަށް ތާއީދުކުރުމުގެ އަމަލެއް ކަމަށެވެ.

އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން ނިންމާފައި އޮތީ، ހަނގުރާމައަށް ޚަރަދުކުރުމަށް ދަތިކުރުމުގެ ގޮތުން، ރަޝިޔާގެ ތެޔޮ ގަތުން ހުއްޓައިލުމަށެވެ. އޭގެ ބަދަލުގައި މެދުއިރުމަތީގެ ގައުމުތަކުން ތެޔޮ އުފައްދާ މިންވަރު އިތުރުކޮށް، ރަޝިޔާގެ ތެލުގެ ބަދަލުގައި މެދުއިރުމަތީގެ ގައުމުތަކުން އިތުރު ތެޔޮ ގަތުމަށެވެ.

ދުވާލެއްގެ މައްޗަށް ތެޔޮ އުފައްދަމުން އައި މިންވަރުން ދެ މިލިއަން ފީފާ މަދުކޮށްލުމަށް އޯޕެކް ޕްލަސްގެ ގައުމުތަކުން އެއްބަސްވީ، ސައޫދީން ބުނި ގޮތުގައި، ދުނިޔޭގެ ތެލުގެ ބާޒާރުގެ ހަމަޖެހުން ދެމެހެއްޓުމުގެ ގޮތުންނެވެ. އެއީ ތެލުގެ އަގު ބޮޑުކުރުމަށް ނުވަތަ ސިޔާސީ މަގްސަދެއްގައި އެޅި ފިޔަވަޅެއް ނޫން ކަމަށް ވެސް ސައޫދީން ބުންޏެވެ.