Roadha Mihaaru
އަގު ކޮންޓްރޯލްކުރާ ގައުމަކަށް ތެލެއް ނުވިއްކާނަން

އަގު ކޮންޓްރޯލްކުރާ އެއްވެސް ގައުމަކަށް ތެލެއް ނުވިއްކާނަން: ސައޫދީ

15 މާޗް 2023

ސައޫދީ އަރަބިއްޔާ އިން އެކްސްޕޯޓް ކުރާ ތެލުގެ އަގު ވަކި މިންގަނޑެއްގައި ހިފެހެއްޓުމަށް ބާރުއަޅާ އެއްވެސް ގައުމަކަށް ތެޔޮ ނުވިއްކާނެ ކަމަށް، ސައޫދީގެ ހަކަތައާ ބެހޭ ވަޒީރު އަލްއަމީރް އަބްދުލްއަޒީޒް ބިން ސަލްމާން ވިދާޅުވެއްޖެ އެވެ.

ސައޫދީ އަރަބިއްޔާ އިން އެކްސްޕޯޓް ކުރާ ތެލުގެ އަގު ވަކި މިންގަނޑެއްގައި ހިފެހެއްޓުމަށް ބާރުއަޅާ އެއްވެސް ގައުމަކަށް ތެޔޮ ނުވިއްކާނެ ކަމަށް، ސައޫދީގެ ހަކަތައާ ބެހޭ ވަޒީރު އަލްއަމީރް އަބްދުލްއަޒީޒް ބިން ސަލްމާން ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ތެޔޮ ވިއްކޭނެ އެންމެ މަތީ އަގު ވަކި ވަރެއްގައި ހިފަހައްޓައިފި ނަމަ، އެކަމުގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް ބޮޑެތި ލޮޅުންތަކެއް އަރައި ތެލުގެ ވިޔަފާރިއަށް ހަމަނުޖެހުންތަކެއް އަންނާނެ އެވެ. އަދި ދުނިޔޭގެ ބާޒާރުގައި ހަމަޖެހުން ގާއިމުވެފައި އޮތީ، އޯޕެކްގެ ފަރާތުން ތެލުގެ އަގު ކޮންޓްރޯލް ނުކޮށް، މިނިވަން ވިޔަފާރިއަށް ހުޅުވާލާފައި އޮތުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ މި މޭރުމުން ވާހަކަ ދެއްކެވީ، ރަޝިޔާ އިން ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރުގައި އަގުތައް އުފުލުމާ ގުޅިގެން، ތެޔޮ އުފައްދާ މިންވަރު އިތުރުކޮށް، ތެލުގެ އަގުތައް ވަކިވަރެއްގައި ހިފެހެއްޓުމަށް އެމެރިކާ އިން އެދެމުން ދަނިކޮށެވެ. އެމެރިކާގެ އެ އެދުމަށް އޯޕެކުން އިޖާބަ ނުދިނުމުން، އެމެރިކާ އިން ވަނީ ސައޫދީއާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

އެ މައްސަލައިގައި އެމެރިކާ އިން ބުނެފައިވަނީ، ސައޫދީ އަރަބިއްޔާއަކީ އެމެރިކާގެ މަސްލަހަތު ހިފެހެއްޓުމަށްޓަކައި އިތުބާރާ އެކުގައި ގުޅުން ދެމެހެއްޓޭ ވަރުގެ ގައުމެއް ނޫން ކަމަށެވެ. އަދި ސައޫދީއާ އެކު ދަމަހައްޓަމުން އަންނަ ގުޅުމާ މެދު އިތުރަށް ވިސްނަންޖެހިފައިވާ ކަމަށް ވެސް އެމެރިކާ އިން ބުނެ އެވެ.

ސައޫދީން މިހާރު ވެސް ވަނީ ދުވާލަކު 13.3 ބިލިއަން ފީފާ ތެޔޮ އުފެއްދޭ މިންވަރަށް އެ ގައުމުގައި ތެލުގެ ސިނާއަތް ފުޅާކުރުމަށް ބޮޑު މަޝްރޫއެއް އިއުލާންކޮށްފަ އެވެ. މި މަޝްރޫއުގެ ދަށުން އިތުރަށް އުފައްދާ ތެޔޮ އެންމެ ފުރަތަމަ ބާޒާރަށް ނެރޭނީ 2025 ވަނަ އަހަރުގެ ތެރޭގަ އެވެ. އަދި މި މަޝްރޫއު މުޅިން ފުރިހަމަވާނީ 2027 ވަނަ އަހަރުގެ ތެރޭގަ އެވެ.

ޔޫކްރޭން ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އުފުލުނީ، ރަޝިޔާގައި އުފައްދާ ތެލާއި ގޭހުގެ ބާވަތްތައް ގަތުން، އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުން ހުއްޓައިލުމާ ގުޅިގެންނެވެ. އެ ކަމުގެ ސަބަބުން، ތެޔޮ އުފައްދާ އެހެން ގައުމުތަކަށް ބާރު ބޮޑުވެ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އުފުލުނީ އެވެ.