Roadha Mihaaru
އިތުބާރު ނެތް ކަމަށް ސޮއިކުރީ 12 މެމްބަރުން: ނަޝީދު

އިތުބާރު ނެތް ކަމުގެ ވޯޓުގައި ސޮއިކުރެއްވީ 12 މެމްބަރުން: ނަޝީދު

04 އޮކްޓޯބަރ 2022

ރައްޔިތުންގެ މަޖިލީހަށް އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދަން ސޮއިކުރެއްވީ 12 ވަރަކަށް މެމްބަރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައްޔިތުންގެ މަޖިލީހަށް އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދަން ސޮއިކުރެއްވީ 12 ވަރަކަށް މެމްބަރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ރިޔާސަތުގައި އިންނަވައި ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ މެމްބަރުންތަކެއް އިސްވެ އެމަނިކުފާނު މަގާމުން ވަކިކުރަން ކުރެއްވި މަސައްކަތް މަޑުޖެހިފައި ވަނިކޮށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކުރެއްވި ތުހުމަތާ އެކު ހިތްހަމަޖެހިވަޑައިނުގަތް އެމްޑީޕީގެ މެމްބަރުން ނަޝީދުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ބޭނުންވި އެވެ. އެކަމަކު އެމްޑީޕީގެ ކޮންގްރެސްއަށް ފަހު އެކަން އޮތީ ހުއްޓިފަ އެވެ.

ނަޝީދު މިއަދު ތުހުމަތު ކުރެއްވި ގޮތުގައި އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދަން މަސައްކަތް ކުރެއްވީ އަލީފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އެވެ. ސިޔާސީ އެކި މައްސަލަތަކުގައި މީގެ ކުރިން ވެސް ނަޝީދުގެ ނުރުހުން ބިގޭއަށް އަމާޒުކުރައްވާފައިވެ އެވެ.

"އަދި މި މަޖިލީހުގެ 12 ވަރަކަށް މެމްބަރުން އޭގައި ސޮއި ވެސް ކުރެއްވި. އިއްޒަތްތެރި މެމްބަރަށް ޔަގީންކޮށް އަރުވަން އެ އަދަދަކީ 12 ވަރަކަށް މެމްބަރުން. އަދި އަޅުގަނޑަށް ވަރަށް ބޮޑު އިތުބާރެއް އޮވޭ މި މަޖިލީހުގެ އަޣުލަބިއްޔަތު އަދި މާ ބޮޑު އަޣުލަބިއްޔަތު މެމްބަރުން އަޅުގަނޑަށް އިތުބާރު ކުރައްވާ ކަމަށް،" ނަޝީދު ވިދާޅުވި އެވެ.

އިތުބާރު ނެތް ކަމުގެ މައްސަލައާ ގުޅޭ ގޮތުން ނަޝީދު ވާހަކަދެއްކެވީ، ހުޅުމާލެ އިން މަރުވެފައި އޮއްވާ ފެނުނު، މުހައްމަދު އަޒްހާން ގެއްލުނު މައްސަލާގައި ވާހަކަ ދައްކަވަމުން ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ކުރެއްވި ތުހުމަތެެއްގެ ރައްދުގަ އެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި އަޒްހާން ހޯދަން 200 މީޓަރު ޗެކްކޮށްލަން ވެސް ފުލުހުންނަށް ނުކެރުނެވެ. އޭނާ ހޯދުމުގައި ފުލުހުން ވަރަށް ބޮޑަށް އިހުމާލުވެފައި ކަމަށް ވިދާޅުވި އެވެ.

ފުލުހުންގެ އިތުރުން އިންސާފު ހޯދައިނުދެވޭ ކަމުގެ ފާޑުކިއުން މަރު ކޮމިޝަނަށާއި އެސެޓް ރިކަވަރީ ކޮމިޝަނަށް ޝިޔާމް އަމާޒުކުރެއްވި އެވެ. ރައްޔިތުންގެ ފައިސާ "ކެއުން ނޫން މަސައްކަތެއް ނުކުރެވި ނަތީޖާ ޒީރޯ" ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މީހުން ފޭލްވުމުން މަޖިލީހުން އަދާކުރަން ޖެހޭ ޒިންމާ އަދާނުކުރާ ކަމަށާއި އެއީ މަޖިލީހުގެ ރައީސް ވެސް ކޮމްޕްރޮމައިޒްވެވަޑައިގެންފައި އިންނަވާތީ ކަމަށް ގަބޫލުކުރެއްވޭ ކަަމަށެވެ.

"ކޮމްޕްރޮމައިޒްވެފައި ތި އިންނެވީ. ގޭ ކުއްޖަކު ހައްޔަރަށް ނުލައި ގޭގައި ބައިންދަވައިގެން ތި އިންނެވީ. 42 މެމްބަރުންގެ ސޮއި ފައްޔާޒު އަތުގައި އޮވެގެން ކޮމްޕްރޮމައިޒްވެފަ އިއްޒަތްތެރި ރައީސް ތި އިންނެވީ،" ޝިޔާމް ވިދާޅުވި އެވެ.

"ރޭގައި ދެއްވީ [ޓޫރިޒަމް ދާއިރާއަށް ކޮށްދެއްވި ހިދުމަތުގެ] އެވޯޑެއް އެންމެ ފަހުން. އިއްޒަތްތެރި ރައީސަށް އެ އެވޯޑު ހާސިލްވާނެ ގޮތެއް އަޅުގަނޑަކަށް ނޭނގެ، ރައީސް ޔާމީނަށް ނުލިބި."

ކަންކަން އިސްލާހު ކުރާ ނަމަ ފަށަންވީ، ޝިޔާމް ވިދާޅުވި ގޮތުގައި މަޖިލީހުގެ ތެރެއިންނެވެ. މުއައްސަސާތަކާއި ވަޒީރުން ހާޒިރުކޮށްގެން އިސްލާހު ކުރުމުގައި އިދިކޮޅު މެމްބަރުން އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

ޝިޔާމްގެ ވާހަކަ ނިންމާލެއްވުމާ އެކު ނަޝީދު ވަނީ އެމަނިކުފާނު އެއްވެސް ކަމެއްގައި ކޮމްޕްރޮމައިޒްވެވަޑައިގެންފައި ނޯންނާނެ ކަމަށް ވިދާޅުވެފަ އެވެ. ބިގޭއަށް ނަޝީދު ތުހުމަތު ކުރެއްވީ، އިތުބާރު ނެތް ކަމުގެ ސޮއި އޮތީ އެމްޑީޕީގެ ޗެއާޕާސަން، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އަތްޕުޅުގައި ކަމަށް ޝިޔާމް ވިދާޅުވުމުންނެވެ.

"އަޅުގަނޑު މި މަގާމުގައި، އަދި އެހެން އެއްވެސް މަގާމެއްގައި ވެސް ދުވަހަކު ވެސް ނީންނާނެ ކޮމްޕްރޮމައިޒްވެފައެއް،" ނަޝީދު ވިދާޅުވި އެވެ.