Roadha Mihaaru
މައްސަލަތަކާ ހެދި އެމްޑީޕީ ދެބައި ވެދާނެ: ބިގޭ

މަޖިލީހާއި ސަރުކާރާ ދެމެދު މައްސަލަ ޖެހި، އެމްޑީޕީގެ މަސައްކަތް ދެބައިވެދާނެ: ބިގޭ

11 ޖޫން 2021

ވެރިކަން ހިންގުމުގެ ބާރާއި ރައްޔިތުންގެ މަޖިލީހާ ދެމެދު ހިޔާލު ތަފާތުވުން ބޮޑުވެ، އެމްޑީޕީގެ މަސައްކަތް ދެބައިވާ ތަން މިހާރު ފެނިވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ވެރިކަން ހިންގުމުގެ ބާރާއި ރައްޔިތުންގެ މަޖިލީހާ ދެމެދު ހިޔާލު ތަފާތުވުން ބޮޑުވެ، އެމްޑީޕީގެ މަސައްކަތް ދެބައިވާ ތަން މިހާރު ފެނިވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) މިއަދު ވިދާޅުވެއްޖެ އެވެ.

ފެށުނީއްސުރެ އެމްޑީޕީގެ އިސް މެމްބަރެއްގެ ގޮތުގައި ހުންނެވި އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޅިޔަނު ބިގޭ، ރާއްޖެ ޓީވީގައި އެހެން ވިދާޅުވިއިރު، އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ އެންމެ އަރިސް ބައެއް ބޭފުޅުން ވަނީ ބިގޭ އަށް ހޫނު ރައްދުތަކެއް ދެއްވައި، ބޮޑެތި ތުހުމަތުތަކެއް އޭނާގެ ބޮލުގައި އަޅުވައިފަ އެވެ. އެ ބޭފުޅުން ތުހުމަތު ކުރައްވާ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނުވަތަ ސަރުކާރު ބޭނުންވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ކަންކަން ބަދަލު ކުރެއްވުމުގައި އިސްކޮށް ހުންނެވި އެއް ބޭފުޅަކީ ބިގޭ އެވެ. އެ ބޭފުޅުން ބައެއް ހާލަތުތަކުގައި ހިތްހަމަޖެހިވަޑައިނުގަންނަވާ އެއް ކަމަކީ ނަޝީދު ބޭނުންފުޅުވާ ގޮތަށް ބައެއް ކަންކަން މަޖިލީހުގެ ތެރެއިން ނުނިމޭތީ އެވެ.

ބިގޭ ރާއްޖެ ޓީވީގައި މިއަދު ވިދާޅުވީ، ވެރިކަމުގެ ދެ ބާރު އެމްޑީޕީގައި އޮތްއިރު، ދެ ބާރުގެ މަސައްކަތް އެއް ޕާޓީއެއްގެ ތެރޭގައި ކުރަން ޖެހުމުން ހިޔާލު ތަފާތުވުން އުފެދޭނެ ކަމަށެވެ. އެ ހިޔާލު ތަފާތުވުންތައް ކޮންޓްރޯލް ކޮށްގެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށާއި ނަމަވެސް މިހާރު ފެންނަނީ އެ ކަންތައް މާ ބޮޑުވެފައިވާ މަންޒަރު ކަމަށް ބިގޭ ވިދާޅުވި އެވެ.

"އެމްޑީޕީ ދެބައިވާކަށް، އެމްޑީޕީގެ އެއްވެސް މީހެއް، މި މަސައްކަތުގެ ގުރުބާނީ ތެރެއިން އައި އެއްވެސް މީހަކު ނޭދޭނެ. އެމްޑީޕީ ދެބައެއް ނުވާނެ. އެމްޑީޕީގެ މަސައްކަތް ދެބައި ވެދާނެ،" ބިގޭ ވިދާޅުވި އެވެ.

މަޖިލީހުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ތެރޭގައި އެމްޑީޕީން ވެފައިވާ ވައުދުތަކަށް ހުރަސް އެޅޭ ގޮތަށް ޖަވާބުދާރީ ކުރުވުމަކީ އެ ޕާޓީ އާއި ގައުމު އުންމީދު ކުރާނެ ކަމެއް ނޫން ކަމަށް ބިގޭ ވިދާޅުވި އެވެ. ނަމަވެސް ބައެއް ފަހަރު މަޖިލީހުން ޖަވާބުދާރީ ކުރުވުމުގައި ސަރުކާރަށް އުނދަގޫވާ ކަންކަން ކުރަމުން ދާތަން ފެންނަ ކަމަށް ބިގޭ ވިދާޅުވި އެވެ.

"ސަރުކާރު ވެއްޓޭކަށް އެމްޑީޕީ އަށް ހެޔޮ އެދޭ، ގައުމަށް އިސްލާހީ މަސައްކަތުގައި ހޭދަކުރި މީހަކު ނޭދޭނެ. އަމިއްލަ ފައިދާ އަށް މީހަކު ނުހުންނާނެ. ޖުމުލަކޮށް އެމްޑީޕީ އެކަކު ވެސް ނޭދޭނެ. އެމްޑީޕީގެ މެންބަރުން މަދުވާކަށް ބޭނުމެއް ނުވާނެ،" ބިގޭ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އީވާ: ދެ ބޭފުޅުން ވެސް ވަނީ ގާތް ރަހުމަތްތެރިޔާ ބިގޭ އަށް ފާޑުވިދާޅުވެފައި.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އީވާ: ދެ ބޭފުޅުން ވެސް ވަނީ ގާތް ރަހުމަތްތެރިޔާ ބިގޭ އަށް ފާޑުވިދާޅުވެފައި.

އެމްޑީޕީގެ އެތެރޭގެ ހަމަނުޖެހުންތައް މި ފަހުން އެންމެ ބޮޑުވެފައި ވަނީ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ އިންކުއަރީއަށް މަޖިލީހަށް ވަކިވަކި ސިފައިން ހާޒިރު ކުރަން އުޅުމުން އެކަމާ ދެކޮޅަށް މަޖިލީހަށް ސިޓީ ފޮނުވި ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލަށް ފިޔަވަޅު އަޅަން މަޖިލީހުގެ އިމްތިޔާޒް ކޮމިޓީން ވެސް ދެކޮޅު ހެދުމުންނެވެ.

އެ ކޮމިޓީން މައްސަލަ ބޭރުކޮށްލީ ބިގޭ އަންގަވައިގެން ކަމަށް ވިދާޅުވެ، އެމްޑީޕީގެ އިސް މެންބަރުންނާއި ނަޝީދުގެ ސަޕޯޓަރުން ވަނީ އޭނާ އަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ.

އެ މައްސަލަ އަށް އިޝާރާތް ކުރައްވައި ބިގޭ ވިދާޅުވީ އޭނާއަކީ އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުގެ ސެކްރެޓަރީ ޖެނަރަލް ކަމަށާއި ސަރުކާރާއި މަޖިލީހުން އަދި އެހެން ދިމާތަކުން ވެސް މުއާމަލާތު ކުރާނީ އޭނާއާ ކަމަށެވެ.

ނަމަވެސް ޑިފެންސް މިނިސްޓަރުގެ ނައިބު ޒަމީލާ ގުޅޭ ގޮތުން ބޭއްވި އިމްތިޔާޒު ކޮމިޓީގެ މަސައްކަތް އޮތް ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނުގުޅުއްވާ ކަމަށާއި އެ ވަގުތު ރައީސް ގުޅުއްވި ނަމަ އެންމެ އިންސާފުވެރި ގޮތެއް ވިސްނަވައި މަސައްކަތް ކުރައްވާނެ ކަމަށް ބިގޭ ވިދާޅުވި އެވެ.

އެގޮތަށް ހިނގައިދިޔަ ކަމެއްގައި ޕާޓީން އައި ފާޑު ކިޔުންތައް ބަލައި ނުގަނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އޭނާ ވެސް ބޭނުން ވަނީ ނަޝީދަށް ދިން ހަމަލާ އަށް އިންސާފު ލިބުން ކަމަށާއި މަސައްކަތް ކުރައްވަނީ އެ ނިޔަތުގައި ކަމަށް ބިގޭ ވިދާޅުވި އެވެ.

އިމްތިޔާޒް ކޮމިޓީން މައްސަލަ ބޭރުކޮށްލުމުން ބިގޭ އަށް އެންމެ ބޮޑަށް ތުހުމަތުތައް އަމާޒުކުރީ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެވެ. އޭނާ ތުހުމަތު ކުރެއްވީ ބިގޭ އުޅުއްވަނީ މަޖިލީހުން ހިންގާ ތަހުގީގަށް ހުރަސް އެޅުމަށް ކަމަށެވެ.

އެ ތުހުމަތުތައް ދޮގު ކުރައްވައި، ބިގޭ ވިދާޅުވެފައި ވަނީ ކޮށައި، ކާޅަށް ކާން ދިނަސް ހައްގު ބަސް ބުނުމުގައި ދެމި ހުންނާނެ ކަމަށެވެ. އަދި ވޭތުވެދިޔަ ދިގު މުއްދަތުގައިި ވެސް އޭނާ އުޅުއްވީ އިސްލާހީ މަސައްކަތުގައި ކަމަށާއި އަދިވެސް ހުންނާނީ އެގޮތުގައި ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ރާއްޖެ ޓީވީ އަށް ބިގޭ މިއަދު އިންޓަވިއު ދެއްވި ފަހުން ނަޝީދު ވެސް ވަނީ ބިގޭ އަށް ބަހުގެ ހަމަލާތަކެއް ފޮނުއްވައިފަ އެވެ. ޓެރަރިސްޓް ހަމަލާގައި ލިބުނު އަނިޔާތަކަށް ފަރުވާ ހޯއްދަވަން މިހާރު ޖަރުމަނުގައި ހުންނެވި ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ބިގޭގެ ސިޔާސީ ފައިދާއަށްޓަކައި އޭނާ އަމިއްލަ އަށް ކުރައްވާ ކަންކަމާއި ވިދާޅުވާ ބަސްތައް ބިގޭ އަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

"އަޅުގަނޑަށް ރަނގަޅީ އެހެން ބޭފުޅުން އަޅުގަނޑަށް ބަހައްޓަވާނެ ވަފާތެރިކަމާއި މަދަދުގެ ވާހަކަ އެ ބޭފުޅާ ނުދެއްކެވިއްޔާ،" ނަޝީދުގެ ޓްވީޓްގައިވެ އެވެ.

މަޖިލީހުން ހިިންގާ ތަހުގީގަށް ވަކިވަކި ސިފައިން ޖަވާބުދާރީ ނުވާނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏަސް، އެ ތަހުގީގަށް ވަކިވަކި ސިފައިން ވެސް މިހާރު ދަނީ ހާޒިރު ކުރަމުންނެވެ.