Roadha Mihaaru
ނަޝީދުގެ ރައްދު ބިގޭއަށް:"ތިބޭފުޅާ ވާހަކަ ނުދައްކަވާ"

ނަޝީދުގެ ރައްދު ބިގޭ އަށް: "އަޅުގަނޑަށް ރަނގަޅީ ތިބޭފުޅާ ވާހަކަ ނުދެކިއްޔާ"

11 ޖޫން 2021

ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބިގޭ) ސިޔާސީ ފައިދާ އަށް ކުރައްވާ ކަންކަން އޭނާ އަށް އެނގިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބިގޭއަށް މިއަދު ރައްދު ދެއްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބިގޭ) ސިޔާސީ ފައިދާ އަށް ކުރައްވާ ކަންކަން އޭނާ އަށް އެނގިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބިގޭއަށް މިއަދު ރައްދު ދެއްވައިފި އެވެ.

ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން މަޖިލީހުން ހިންގާ ތަހުގީގުގައި ވަކިވަކި ސިފައިން ޖަވާބުދާރީ ނުވާނެ ކަމަށް ޑިފެންސް މިނިސްޓްރީން މަޖިލީހަށް އެންގި މައްސަލާގައި މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ބުނެ ހުށަހެޅި މަޖިލީހުގެ އިމްތިޔާޒް ކޮމެޓީން ވަނީ ބޭރުކޮށްލައިފަ އެވެ. އެ މައްސަލަ ބޭރުކޮށްލުމުން އެމްޑީޕީގެ ބައެއް މެމްބަރުންގެ ފާޑުކިޔުން އަމާޒުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޅިޔަނެއް ކަމަށްވާ ބިގޭއަށެވެ. އެހެން ނަމަވެސް ބިގޭ ވަނީ އެ ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ.

ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އެމަނިކުފާނުގެ ރަހުމަތްތެރިޔާ އަދި އަލިފުށީ ދާއިރާގެ މެމްބަރު ސިޔާސީ ފައިިދާ އަށް ކުރާ ކަންކަމާއި ދައްކާ ވާހަކަތައް އޭނާ އަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި ނަޝީދާ މެދު އެހެން ބޭފުޅުން ބަހައްޓަވާ ގާތްކަމުގެ ވާހަކަ ބިގޭ ނުދެއްކެވުމަށް އެ ޓްވީޓްގައި ނަޝީދު އެދިވަޑައިގެންފައިވެ އެވެ.

"އަޅުގަނޑަށް ރަނގަޅީ އެހެން ބޭފުޅުން އަޅުގަނޑަށް ބަހައްޓަވާނެ ވަފާތެރިކަމާއި މަދަދުގެ ވާހަކަ އެ ބޭފުޅާ ނުދެއްކެވިއްޔާ،" ނަޝީދުގެ ޓްވީޓްގައިވެ އެވެ.

އިމްތިޔާޒް ކޮމެޓީން މައްސަލަ ބޭރުކޮށްލުމުން ބިގޭއަށް އެންމެ ބޮޑަށް ތުހުމަތުތައް އަމާޒުކުރީ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެވެ. އޭނާ ތުހުމަތު ކުރެއްވީ ބިގޭ އުޅުއްވަނީ މަޖިލީހުން ހިންގާ ތަހުގީގަށް ހުރަސް އެޅުމަށް ކަމަށެވެ.

އެ ތުހުމަތުތައް ދޮގު ކުރައްވައި، ބިގޭ ވިދާޅުވެފައި ވަނީ ކޮށައި، ކާޅަށް ކާން ދިނަސް ހައްގު ބަސް ބުނުމުގައި ދެމި ހުންނާނެ ކަމަށެވެ. އަދި ވޭތުވެދިޔަ ދިގު މުއްދަތުގައިި ވެސް އޭނާ އުޅުއްވީ އިސްލާހީ މަސައްކަތުގައި ކަމަށާއި އަދިވެސް ހުންނާނީ އެގޮތުގައި ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

މަޖިލީހުން ހިިންގާ ތަހުގީގަށް ވަކިވަކި ސިފައިން ޖަވާބުދާރީ ނުވާނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏަސް، އެ ތަހުގީގަށް ވަކިވަކި ސިފައިން ވެސް މިހާރު ދަނީ ހާޒިރު ކުރަމުންނެވެ.